ރާއްޖޭގައި އެންމެ ފަހުގެ ތަފާސްހިސާބުތައް ނެތުމުން ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭ ކަމަށް މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް ވިދާޅުވީ މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އެކަން ވަރަށް ބޮޑަށް ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ސްޕެޝަލް ޑިވަލޮޕްމަންޓް ޕްލޭން ހެދުމަށާއި ރާއްޖޭގެ ރިސޯޓުތަކުގެ ޑެއިލީ ރޭޓް ބެލުމަށާއި ރާއްޖޭގެ ރިސޯޓުތަކުގައި 100 ކޮޓަރި އަޅާފައި ހުންނަނީ ކިހާވަރެއްގެ ބިމުގެ ސަރަހައްދެއްގައި ކަން ވެސް ހޯދުމަށް ގޮންޖެހުންތަކާއި ކުރިމަތިވި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ތަފާސްހިސާބުގެ މުހިންމުކަން ފާހަގަކުރެވުނީ ކޮވިޑުގެ ތެރޭގައި ކަމަށާއި އެއްކުރާ މައުލޫމާތުތައް ވެސް އެއްތަނަކަށް ޖާމަކޮށް، ސިސްޓަމެޓިކް ގޮތަކަށް ބެލޭނެ ނިޒާމެއް ނެތްކަމަށެވެ. އަސްލަމް އިތުރަށް ވިދާޅުވީ ބައެއް ފަހަރު ހޯދާ މައުލޫމާތުތައް ނުދީ ހިފަހައްޓާ ކަމަށާއި އެހެންނަމަވެސް އެކަމުން ކުރާނެ ފައިދާއެއް ނެތް ކަމަށެވެ. އެ މައުލޫމާތުތައް ހުޅުވާލާ، ފޯރުކޮށްދިނުމުން އެކަމުން ލިބޭނެ މަންފާ ބޮޑުކަމަށް ފާހަގަކުރެއްވިއެވެ.
އަސްލަމް މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގެ ތަފާސްހިސާބުގެ ގައުމީ ނިޒާމުގެ ދުރު ރާސްތާގެ ތަސައްވަރު، ނެޝަނަލް ސްޓްރެޓެޖީ ފޯ ދަ ޑިވެލޮޕްމަންޓް އޮފް ސްޓެޓިސްޓިކްސް (އެންއެސްޑީސީ) އިން ވަނީ ދާދިފަހުން އިފްތިތާހު ކޮށްފައެވެ.
ރާއްޖޭގެ ތަފާސްހިސާބުގެ ގައުމީ ނިޒާމު ތަރައްގީކުރުމުގެ ޕްލޭންގައި ފަގީރުކަން ނައްތާލުމާއި، މިންތީގެ ހަމަހަމަކަން ގާއިމުކުރުމާއި، ކާރިސާއަށް ފަހު އިގްތިސޯދީ ގޮތުން އަރައިގަތުމަށް މަސައްކަތް ކުރުން ފަދަ ލަނޑުދަނޑިތަކާ ގުޅޭ ގޮތުން ފެންވަރު ރަނގަޅު މައުލޫމާތު މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި އެކުލަވައިލުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން ހިމެނެއެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް)ގެ ޗީފް ސްޓެޓިސްޓީޝަން އައިޝަތު ހަސަން ވިދާޅުވީ މި މަސައްކަތް ކުރުމަށް މީގެ ކުރިން ދުވަހަކުވެސް ލިބިފައި ނުވާ ވަރުގެ ބޮޑު ބަޖެޓެއް މި އަހަރު ލިބިފައިވާ ކަމަށާއި އަންނަ އަހަރަކީ ތަފާސް ހިސާބުގެ ނިޒާމަށް އިންގިލާބީ ބޮޑު ބަދަލެއް އަންނާނެ އަހަރަކަށް ވެގެންދާނެ ކަމަށެވެ. ރާއްޖޭގެ ތަފާސްހިސާބުގެ ގައުމީ ނިޒާމުގެ ދުރު ރާސްތާގެ ތަސައްވުރު އެކުލަވައިލުމަށް ފަންޑް ކޮށްފައިވަނީ ޕެރިސް 21ގެ ފަރާތުންނެވެ. މިކަމުގައި ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވަނީ އެމްބީއެސްގެ ކޮންސަލްޓެންޓް މާގެރީޓާ ވޮރީރޯއެވެ.
އަންނަ އަހަރު ރާއްޖޭގެ ބޯހިމެނުން ބަލަން ނިންމާފައިވާއިރު މި ސާވޭ ކުރިއަށް ގެންދަން ނިންމާފައިވަނީ އަންނަ އަަހަރު ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.