ކ. މާލެ
|
3 ޑިސެންބަރ 2021 | ހުކުރު 14:41
ރައީސް ޔާމީން މިނިވަން ވުމާއި ގުޅިގެން އެމަނިކުފާނުގެ ސަޕޯޓަރުން އުފާފާޅުކުރަނީ
ރައީސް ޔާމީން މިނިވަން ވުމާއި ގުޅިގެން އެމަނިކުފާނުގެ ސަޕޯޓަރުން އުފާފާޅުކުރަނީ
ރާއްޖެއެމްވީ
ރައީސް ޔާމީނު މިނިވަންވުން
45 އާއި 54 ގެ ޝައްކާއެކު މިނިވަންވިޔަސް، އެކައުންޓަށް ޖަމާވި މިލިއަން ޑޮލަރާމެދު އުފެދުނު ސުވާލު ދެމިއެބައޮތް!
 
ކުށް ސާބިތުވުމުގައި އުފެދޭ ޝައްކުގެ މަންފާ ތުހުމަތު ކުރެވޭ ފަރާތަށް ލިބިދޭ އުސޫލު އޮވޭ
 
ކިތާބީ ހެކިތަކުގެ ތެރޭގައި އެއްބަސްވުންތަކާއި ޑިޕޮސިޓް ސްލިޕް ހިމެނޭ
 
އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމަށް ބަޔާންކޮށްފައިވޭ

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް އިއްވާފައިވާ ޖަލު ޙުކުމް ރާއްޖޭގެ އެންމެ މަތީ ކޯޓުން ބާތިލު ކުރުމުގައި ޔާމީނުގެ ފަރާތުން ހުށައެޅި 22 އިސްތިއުނާފީ ނުކުތާތަކުގެ ތެރޭގައި ހިމެނޭ 13 ވަނަ ނުކުތާ މުހިއްމު ރޯލެއް އަދާ ކުރެއެވެ. އެ ނުކުތާއަކީ މި މައްސަލައިގައި އެމަނިކުފާނުގެ އެކައުންޓަށް ޖަމާވެފައިވާ އެއްމިލިޔަން ޑޮލަރަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްކަން ކަށަވަރުނުވާ ކަމަށް ބުނެ ހުށައެޅި ނުކުތާއެވެ.

ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާވެފައިވަނީ ގއ. ވޮޑަމުލާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާކަމުގައި ކްރިމިނަލް ކޯޓާއި ހައިކޯޓުން ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ ހުށައެޅި މި ނުކުތާއަށް ސުޕްރީމް ކޯޓުންވެސް ތާއީދު ކުރެއެވެ.

އެ ނުކުތާގައި ދައުލަތުން ބުނަނީ ޔާމީނުގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާއަކީ ގއ. ވޮޑަމުލާގެ އިކުއިޒިޝަން ފައިސާކަން ސާބިތުކޮށްދޭން ނުޖެހޭ ކަމަށެވެ. އެއީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަމަށް ޝައްކުކުރެވޭ ހާލަތުގައި ހުރި ފައިސާކަން ސާބިތު ވުމުން، ޤާނޫނުގައި ބަޔާންކުރާ މިންވަރަށް އެކަން ސާބިތުކުރެވުނީ ކަމަށް ދައުލަތުން ދެކެއެވެ.

އެހިސާބުން ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުން ވަނީ ޔާމީނުގެ މައްޗަށް އުފުލި ދަޢުވާގައި ހިމެނޭ މައްސަލައިގައި ވާހަކަދެކެވޭ އެއް މިލިޔަން އެމެރިކާ ޑޮލަރާ ގުޅޭ ވާޤިޢާ ގެނެސްފައި ވަނީ ކިހިނަކުންކަން ބައްލަވާފައެވެ. އެގޮތުން ބަލާއިރު ދައުލަތުން ހުށައެޅި ނުކުތާތަކުގައި އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމަށް ބަޔާންކޮށްފައިވެއެވެ.

އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްކަން ސާބިތު ކުރުމަށް ދައުލަތުން ހުށައެޅި ކިތާބީ ހެކިތަކުގެ ތެރޭގައި ޔުނައިޓެޑް އިންޓަރނޭޝަނަލް އިން ގއ. ވޮޑަމުލާގެ އިކުއިޒިޝަން ކޯސްޓްގެ ފައިސާ ދެއްކުމަށް އެމް.އެމް.ޕީ.އާރ.ސީއަށް ދޫކުރި ޗެކް ބޭންކް އޮފް މޯލްޑިވްސް ގައިވާ އެކައުންޓަށް ޖަމާކުރުމުގެ ގޮތުން ލިޔެފައިވާ ޑިޕޮޒިޓް ސްލިޕާއި، ބޭންކް އޮފް މޯލްޑިވްސްގައި އެސް.އޯ.އެފްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުގެ ސްޓޭޓްމަންޓު ހިމެނެއެވެ.

އެހިސާބުން އަންނަނީ މި މައްސަލައިގައި ޔާމީނުގެ ފަރާތުން އުފެއްދި ސުވާލެކެވެ. އެއީ މި ފައިސާ ޖަމާކުރި ޑިޕޮސިޓް ސްލިޕްގައި، މޮރިޝަސް ކޮމާޝަލް ބޭންކްގެ އެކައުންޓުން ދޫކޮށްފައިވާ ކަމަށް ބުނާ ޗެކް ނަންބަރާއި، މި މައްސަލައިގައި ހުށަހަޅާފައިވާ އެސް.އޯ.އެފްގެ އެކައުންޓް ސްޓޭޓްމަންޓްގައި 11 އޮކްޓޯބަރ 2015 ގައި އެ ކައުންޓަށް ޖަމާވި އެއްމިލިޔަން ޑޮލަރުގެ މުޢާމަލާތުގެ ތަފުސީލުގައި ހިމެނިފައިވާ ޗެކް ނަންބަރު ދިމާ ނުވާކަމަށެވެ.

އެހިސާބުން ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުން ވަނީ އެކަމުގެ އަޑިއަށް ފީނުއްވައި، އެކަން އިތުރަށް ދިރާސާ ކުރައްވާފައެވެ. އޭގެ އަލީގައި އެނގިގެން ދިޔައީ ދައުލަތުން ޔާމީނުގެ މައްސަލާގައި ހުށައަޅާފައިވަނީ ވޮޑަމުލާގެ މުޢާމަލާތާ ގުޅިގެން އެމް.އެމް.ޕީ.އާރް.ސީއަށް ލިބެންޖެހޭ އެއް މިލިޔަން އެމެރިކާ ޑޮލަރުގެ ޗެކާ ޢަބްދުﷲ ޒިޔާތު ޙަވާލުވެ، އެ ޗެކް އެމް.އެމް.ޕީ.އާރް.ސީއަށް ލިބިފައިނުވާތީ އުފުލި ހިޔާނާތުގެ ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ކިތާބީ ހެކިތަކުގެ ތެރޭގައި ހިމެނޭ އެއްބަސްވުންތަކާއި، ޑިޕޮސިޓް ސްލިޕް ކަމެވެ.

އެގޮތުން ޔާމީނުގެ މައްސަލައިގައި 11 އޮކްޓޯބަރ 2015 ގައި އެސް.އޯ.އެފްގެ އެކައުންޓަށް ޖަމާވެފައިވާ އެއް މިލިޔަން ޑޮލަރާއި ގުޅޭ ތަފްސީލުގައި ދައުލަތުން ހުށައަޅާފައިވާ ޗެކާއި ޑިޕޮސިޓް ސްލިޕްގައި އޮތް ނަންބަރަކީ، 0494502 އެވެ. ނަމަވެސް އެކައުންޓް ސްޓޭޓްމަންޓްގައި އޮތީ 0495402 އެވެ. 45އާއި 54 ގެ ފުށު އެރުމެއްގެ ނަތީޖާއަކަށްވީ ޔާމީނުގެ އެކައުންޓަށް ޖަމާވި ފައިސާއަކީ ގއ. ވޮޑަމުލާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ޔުނައިޓެޑް އިންޓަރނޭޝަލްއިން އެމް.އެމް.ޕީ.އާރް.ސީ އަށް ދޫކުރި ޗެކުން ޖަމާވެފައިވާ އެއްމިލިޔަން ޑޮލަރުކަމާމެދު ޝައްކު އުފެދުމެވެ.

އަބްދު الله ޔާމީން ޢަބްދުލްޤައްޔޫމުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ފުށުއެރުން ފާހަގަ ކުރުމުން މި ނުކުތާއަށް ދައުލަތުގެ ފަރާތުން ސާފުކޮށް ވާހަކަ ދައްކާފައިނުވާކަންވެސް ފާހަގަ ކުރަމެވެ. ކަންމިހެން އޮތްއިރު މި ޝައްކުގެ އާޚިރު ނަތީޖާއަކީ، އެސް.އޯ.އެފްގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްކަމާމެދު ސުވާލު އުފެދުމެވެ. މި ސުވާލަށް މި މައްސަލައިގައި ހުށަހެޅިފައިވާ ހެކިތަކުންނާއި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އަހުރެންނަށް ޖަވާބެއް ނުލިބެއެވެ.
ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ރައުޔު

އެއާއެކު، ކުށް ސާބިތުވުމުގައި އުފެދޭ ޝައްކުގެ މަންފާ ތުހުމަތު ކުރެވޭ ފަރާތަށް ލިބިދޭ އުސޫލުން ޔާމީނަށްވެސް އެ މަންފާ ލިބިގެން ދިޔައީއެވެ. އެގޮތުން ބާކީ ހުރި ހުރިހައި ނުކުތާތަކެއް ދައުލަތާ އެއްކޮޅަށް ނިމުނު ކަމުގައިވިޔަސް، މި މައްސަލައިގައި ކުށުގެ ވާޤިޢާގައި އުފެދޭ ޝައްކުގެ މަންފާއިން ރައީސް ޔާމީނު މަޙުރޫމު ނުކުރެވޭނެ ކަމަށް ފަނޑިޔާރުން ދެކިވަޑައިގަންނަވައެވެ.

އެގޮތުން ބާކީ ހުރި ނުކުތާތަކަށްވެސް ފަނޑިޔާރު އަލިއަޅުވާލައްވާފައިވާއިރު، މި މައްސަލައިގައި ދައުލަތުން ހުށައެޅި ޝަފަހީ ހެކިވެރިއެއް ކަމަށްވާ މުއައްވިޒު ރަޝީދުގެ ހެކިބަހަކީ ޔާމީނުގެ އެކައުންޓަށް ޖަމާވި ފައިސާއާމެދު ޝައްކެއް އުފެއްދުމަށް އެކަށީގެންވާ ސަބަބެއް ޤާއިމު ކުރެވޭ ހެކިބަހެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ. 

އަދި އަހުމަދު އަދީބާއި، އަބްދުﷲ ޒިޔަތުގެ ހެކިބަހަށް ބާރު ލިބިދޭ އެހެން ހެކިތަކެއް ނެތް ޙާލަތުގައި އެ ދެފަރާތުގެ ހެކިބަހަށް ބުރަދަން ދިނުން ރައްކާތެރި ނޫންކަމަށްވެސް ފަނޑިޔާރު މަހާޒް ދެކިވަޑައިގަންނަވައެވެ. މާނައަކީ އެ ނުކުތާތައްވެސް ނިމިގެން ދިޔައީ ރައީސް ޔާމީނާ އެއްކޮޅަށެވެ.

ނަމަވެސް، ޔާމީނުގެ އެކައުންޓަށް ފައިސާ ޖަމާވިކަން އެނގެއެވެ. މި މައްސަލައަށް ބަލާއިރު، ޔާމީނުގެ އެކައުންޓަށް ޖަމާވި އެއްމިލިޔަން ޑޮލަރަކީ ކޮން ގޮތަކުން ޖަމާވެފައިވާ ފައިސާއެއްކަން ކަށަވަރު ނުވާކަމަށްވެސް ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި 3 ފަނޑިޔާރުން ދެކިވަޑައިގަންނަވައެވެ. އަދި އެސްއޯއެފަކީ ދަންނަ ކުންފުންޏެއް ނޫންކަމަށް ޔާމީނު ވިދާޅުވި ނަމަވެސް، އެ ކުންފުނިން ޖަމާކުރި ފައިސާ ހިމަނައިގެން އިންވެސްޓު ކުރައްވައި ފައިދާ ހޯއްދެވިކަން އެނގެން އޮންނަކަމަށް ފަނޑިޔާރުން ވިދާޅުވެއެވެ.

ރައީސް ޔާމީނަކީ ވެރިކަން ކުރައްވަމުން ގެންދިޔަ ބޭފުޅެއްގެ ޙައިސިއްޔަތުން ވިޔަފާރި ކުރައްވަން ހުއްދަ އޮންނަ ބޭފުޅެއް ނޫންކަން އެނގެއެވެ. އެމަނިކުފާނުގެ "ގެކޮޅަށް" ވަން ފައިސާ ޝައްކެއްވެސް ނެތް ގޮތުގައި ޙަލާލު ނޫންކަމަށް އަމިއްލަފުޅަށް ވިދާޅުވިކަންވެސް އެނގެއެވެ. އެމްއެމްޕީއާރްސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ވިއްކުމުގައި ގޯސްތަކެއް ހައްދަވާފައިވާކަމަށް ތުހުމަތު ކުރެވޭ އިތުރު މައްސަލަތަކެއްގައިވެސް ދައުވާ އުފުލާފައިވާކަން އެނގެއެވެ. ޝައްކު އުފެދުނީ އެއްކަލަ 45އާއި 54އާ ދެމެދުއެވެ. ދައުލަތަށް ސާފުކޮށް ނުދެވުނު އެ ޝައްކު އާޚިރުގައި ވެގެން މި ދިޔައީ ޔާމީނުގެ ޖަލު ގޮޅި ހުޅުވާލި ތަޅުދަނޑިއަކަށެވެ.

ސުޕްރީމް ކޯޓުގެ ޙުކުމުގައިވެސް ވަނީ ޔާމީނު ކަން ކުރެއްވީ ވެރިއަކު ކުރައްވަންޖެހޭ ގޮތަކަށް ނޫންކަމަށް ބަޔާން ކުރައްވާފައެވެ. އެގޮތުން އެ ފައިސާއަކީ އަދީބު ދިން ފައިސާއެއްކަމަށް ޤަބޫލު ކުރައްވައިގެން ކުރެއްވި އިންވެސްޓްމަންޓެއް ކަމަށް ޔާމީނު ވިދާޅުވި ނަމަވެސް، އެއީ އެ ފައިސާއާމެދު ކަންތައް ކުރައްވަން ޖެހިވަޑައިގަންނަވާ ގޮތް ނޫންކަމަށް ފަނޑިޔާރުން ދެކިވަޑައިގަންނަވައެވެ.

މި ފައިސާއިން އިންވެސްޓްކުރިއިރު، މި ފައިސާގެ ޙަޤީޤަތާމެދު ވަނީ ސުވާލު އުފެދިފައެވެ. އަދި މި ފައިސާއާމެދު ދައުލަތުގެ އިދާރާތަކުން ތަޙްޤީޤު ކުރާކަން އެނގިހުރެ، މި ފައިސާއިން އިންވެސްޓް ކުރުމަކީ، ތަޙްޤީޤު އިދާރާތަކުން ޤާނޫނީ އިމުގެ ތެރެއިން ކުރާ ތަޙްޤީޤުތަކަށާއި، ބަލާ ބެލުންތަކަށް ފަރުވާލެއް ނުބަހައްޓައި، ދައުލަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާއަށް ބެލުމެއްނެތި، ޤާނޫނުގެ ވެރިކަން ކުރިއަށް ނެރުމުގެ ބަދަލުގައި ތިމާގެ އަމިއްލަ މަންފާ އިސްކުރުމުގެ ޢަމަލެއް ކަމުގައި ބެލެވޭ ޢަމަލެކެވެ.
ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ރައުޔު

ވީއިރު، ސުޕްރީމް ކޯޓުގެ ޙުކުމުން ސާފުވާ ކަމަކީ ޔާމީނުގެ އެކައުންޓަށް ޖަމާވި އެއްމިލިޔަން ޑޮލަރަކީ ކޮން ގޮތަކުން ޖަމާވެފައިވާ ފައިސާއެއްކަން ކަށަވަރު ނުވާ ކަމެވެ. ދެ އަކުރެއްގެ ފުށުއެރުމާއެކު ޔާމީން މިނިވަންވީ، ތުހުމަތު ކުރެވޭ މީހާއަށް ލިބެންޖެހޭ ޝައްކުގެ މަންފާ ޔާމީނަށްވެސް ލިބިގަނެވޭނެ ޙާލަތެއް މެދުވެރިވެގެން ކަމެވެ. ރައީސް ޔާމީނަކީ ޤާނޫނުގެ ވެރިކަން ކުރިއަށް ނެރުއްވުމުގެ ބަދަލުގައި ތިމާގެ އަމިއްލަ މަންފާ އިސް ކުރެއްވި ވެރިއެއްކަން ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުންގެ ބެންޗުން ނެރުއްވި ޙުކުމުގައި ސާފުކޮށް އޮތީ ބަޔާންކޮށްފައެވެ. ޔާމީނުގެ އެކައުންޓަށް ޖަމާވެފައިވާ އެއް މިލިޔަން އެމެރިކާ ޑޮލަރުގެ ހަގީގަތް ބެލުމުގެ ފުރުސަތު އަދިވެސް އޮތްކަމުގައި ފަނޑިޔާރުން ދެކިވަޑައިގަންނަވައެވެ. ސުވާލަކީ ޙަޤީޤަތުގައި އެއީ ކޮން 1 މިލިއަން ޑޮލަރެއް ބާއެވެ؟

ސުޕްރީމް ކޯޓުގައި މި މައްސަލަ ނިންމެވި 3 ފަނޑިޔާރުންވެސް އެ ފައިސާގެ ހަގީގަތް ސާފުނުވާކަމަށް ބަޔާން ކުރައްވާފައިވެއެވެ. ވީއިރު 45އާ 54 ގެ ޝައްކާއެކު މިނިވަންވިޔަސް، އެކައުންޓަށް ޖަމާވި މިލިއަން ޑޮލަރާމެދު އުފެދުނު ސުވާލު ދެމިއެބައޮތްކަން މިއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
12%
41%
0%
24%
0%
24%
ކޮމެންޓް
3 ޑިސެންބަރ 2021 | ހުކުރު 16:59
ޢަފީފ
ޔާމިނު ރައީސާއި އަދީބު ނައިބު ރައީސާއި ޢެކަކަށް ނޭނގި އަނެކަކު ބެއިތުލްމާލު ދަވާލުމަކީ ނުކުރާ ވިޔަފާރިއަކަށް މާލެއިން ބިންގަނެ ބޮޑެތި އުސް އަމިއްލަ އިމާރާތްއެޅުމައް ހުޅުވި ދޮރަކަށް ވެގެން ނުވާނެ
3 ޑިސެންބަރ 2021 | ހުކުރު 14:58
އަޙްމަދު
ޙަޤީޤަތުގައި ގާނޫނު ބައްޓަންވެފައި އޮތްގޮތުން ޔާމީންމިނިވަން ވިޔަސް ކަމުގެ ޙަޤީޤަތް މަމެންވަރަށް ރަނގަޅަށް ދަންނަމެވެ. ކިތަންމެ ގިނަބަޔަކު އެއްވެެގެން "ހިތިކަނދޫވެލެއްގެ ބުޑަށް ފެންކަމުގައި މާމުއި އެޅިޔަސް އޭގައި އަޅައެއްޗެއް ފޮންޏެއް ނުވާނެއެވެ."އެހެންވީމާ ވިޔަފާރިއެއް އެއްވެސް ދުވަސްވަރެއްގައި ނުމެކޮށް ބޮޑެތި ބިލްޑިންގުތައް ބިނާކުރައްވާގޮތާއި ބިންތައް ބައްލަވައި ގަންނަ ދީލަތި ގޮތުން އަސްލު ވަޒަންކުރަން ކަނޑުކޮހަކަށްވެސް އެނގޭނެއެވެ.
ގުޅުންހުރި
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
އަޅުގަނޑުގެ އަތުގައި ހިފަން ރައީސް މުއިއްޒު ދެކޮޅު ހެއްދެވި ސަބަބު އެނގިވަޑައިގަންނަވާނީ ރައީސް މުއިއްޒަށް: ޔާމީން
ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތީ ނުނިދޭ، އިންޑިއާ އައުޓް ކެންޕޭނަށް ނުކުންނާނަން: ރައީސް ޔާމީން
ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ޙުކުމް ބާތިލު، ނަމަވެސް ދަށު ކޯޓުން އަލުން މައްސަލަ ބަލަންޖެހޭނެ
ރިޝްވަތު ޤަބޫލުކުރިކަމަށް ޔާމީނަށް ކުރި ޙުކުމްވެސް ބާތިލު، މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފި
ޔޫސުފް ނައީމަށް ކުރި ޙުކުމް ބާތިލް، ކްރިމިނަލް ކޯޓުން އަލުން މައްސަލަ ބަލަން އަންގައިފި
ކުރީގެ ރައީސް ޔާމީނަށް ހުކުމް ކުރުން މާދަމާ