އައްޑޫ ސިޓީ
|
3 ޑިސެންބަރ 2021 | ހުކުރު 08:21
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް
އައިޝަތު މުހައްމަދު
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން
ޕޮލިސް އެކަޑަމީ ނިމި "ދެކުމަށް" ދާންވެފައި
ކުރިއަށް އޮތް ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ރަސްމީކޮށް ހުޅުވާނެ
ހުރިހާ މަސައްކަތެއް ނިމުމުން ތަނުގެ ޚިދުމަތް ފަށާނީ ޕޮލިސް ޓްރޭނިންގެ އައު ބެޗަކާއެކު

އައު ގެއެއް، އައު މިސްކިތެއް ނުވަތަ ރަށުގެ ތަރައްގީއާއި ކުރިއެރުމަށްޓަކައި ބިނާކުރެވޭ އައު ކޮންމެ ތަނެއްގެ އުފާ ހޯދުމުގެ ކުރިން އެ އުފަލުގައި ރަށުގެ އެންމެން ބައިވެރިވެ ޝުކުރުއަދާ ކުރުމުގެ ގޮތުން "ދެކުން" ކުރުމަކީ އައްޑޫގެ ޒަމާންވީ އާދަކާދައިގެ ތެރެއިން ކަމެކެވެ. މިރީތި އާދަ މިއަދުވެސް އުވިނުގޮސް އޮތް އިރު ދެން އެންމެ އަވަހަށް މިމަންޒަރު ފެނިގެންދާނީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އައްޑޫގައި ގާއިމްކުރާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުންނޭ ބުނެވިދާނެއެވެ. ގާތްގަޑަކަށް 42 މިލިއަން ޔޫއެސް ޑޮލަރުގެ މި ބޮޑު މަޝްރޫއުގެ މަސައްކަތް ގާތްގަނޑަކަށްހެން ނިމުމަކާ ހަމަޔަށް ގޮސްފައިވާއިރު މިއީ އައްޑޫގެ މަލަމައްޗާއި އައްޑޫގެ އުމްރާނީ ތަރައްގީއަށް ބޮޑުތަނުން ކުރިއެރުން ގެންނާނެ ތަނެކެވެ.

ދާދި މިދާކަށްދުވަހު މަގާމާއި ހަވާލުވެ ވަޑައިގެންނެވި އިންޑިއާގެ އައު ސަފީރު، މުނު މަހާވަރް، މާލެ ފިޔަވައި އަތޮޅަކަށް ކުރެއްވި ފުރަތަމަ ދަތުރު އައްޑޫސިޓީއަށް ވަނީ ކުރައްވާފައެވެ. ނޫސްވެރިންނާއި ބައްދަލުކުރައްވަމުން ސަފީރު ވިދާޅުވީ އިންޑިއާ ސަރުކާރުން އައްޑޫއަށް ހަދިޔާކުރާ މި ފެސިލިޓީ ވެގެންދާނީ އިންޑިއާ އާއި ރާއްޖެއާއި ދެމެދު އޮތް ޒަމާންވީ އެކުވެރިކަމުގެ ބަދަހިގުޅުން ރަމްޒުކޮށްދޭނޭ އަލިގަދަ ހެއްކެއްގެ ގޮތުގައި ކަމަށެވެ.

އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، މުނު މަހާވަރަށް އައްޑޫސިޓީގެ މޭޔަރު މަރުހަބާ ވިދާޅުވަނީ - އައްޑޫސިޓީ ކައުންސިލް މީޑިއާ

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުވެސް ބައިވެރިވެ ވަޑައިގެންނެވި މިދަތުރުފުޅުގައި ޕޮލިސް އެކަޑަމީގެ އައު އިމާރާތް ދައްކާލުމުގެ ޓުއަރއެއް ފުލުހުން ވަނީ އިންތިޒާމް ކޮށްދެއްވާފައެވެ. އެތަނުން ފެނިގެން ދިޔައީ 500 މީހުންގެ ޖާގައިގެ ޖިމްނޭޒިއަމެކެވެ. 400 މީޓަރުގެ ޓްރެކެކެވެ. މެޑިކަލް ފެސިލިޓީތަކާއި ހެލިޕެޑެވެ. ސުވިމިންޕޫލާއި ފުޓްބޯޅަ ދަނޑާއި ބާސްކެޓްކޯޓާއި ޓެނިސްކޯޓެވެ. 340 މީހުންގެ އޮޑިޓޯރިއަމާއި 40 މީހުންނަށް އެއްފަހަރާ ތިބެވޭ 320 މީހުންގެ ޖާގައިގެ 8 ކްލާސްރޫމެވެ. މި އަދަދުތަކާއި އެއްވަރަށް ތަމްރީނުވާ މީހުންނާއި ދާރިސުންނާއި ލެކްޗަރާއިންގެ އެކޮމޮޑޭޝަން ބްލޮކްތަކެވެ. ފުލުހުންގެ ފިޒިކަލް ހަރަކާތްތައް ހިންގާނެ އައުޓްޑޯ ޖިމްތަކާއި އިންޑޯ ހޯލްތަކެވެ. އޮފީސް އިމާރާތްތަކާއި އެފަދަ އެންމެހައި ކަންކަމަށް ޚާއްސަ ބިނާތަކެވެ. ކުރިއަށްއޮތް ދޮޅު މަހެއްހާ ދުވަހުގެ ތެރޭ ރަސްމީކޮށް މިތަން ހުޅުވުމަށް ތައްޔާރުވަމުން އަންނައިރު އެދުވަސް ވެގެންދާނީ ގިނަ ދުވަސްތަކަކަށްފަހު އަނެއްކާވެސް ފުލުހުންގެ ތަމްރީން ބެޗެއް އައްޑޫގައި ފެށުމުގެ އުއްމީދު އާވެގެންދާނެ ދުވަހަކަށެވެ.

ޓާގެޓް މިކުރަނީ ކުރިއަށްއޮތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ހުޅުވޭނެކަމަށް. އެހެންނަމަވެސް މުޅިތަން ކޮމްޕްލީޓްކޮށް ނިންމައިގެން ހުޅުވުމަށް އަޅުގަނޑުމެން ގަސްތު ކުރަނީ އަދި އެއާއެކުގަ ޓްރެއިނިންގެ އެއްބެޗް މިތަނުގަ ފެށިގެންދާ ދިއުމާއެކީގަ މާރޗްމަހުގެ ފަހުކޮޅުގަ.
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު

ފުލުހުންގެ އަހަރީ ދުވަސް ކަމަށްވާ މިފެށޭ 2022 ވަނަ އަހަރުގެ މާރޗް 29 ވެގެންދާނީ އައްޑޫގައި ގާއިމްކުރާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުގެ ޚިދުމަތް ފެށޭ އުފާވެރި ދުވަހަށެވެ. މި ފެސިލިޓީގެ ނަމުންވެސް ދޭހަވާ ފަދައިން މިއީ ފުލުހުންނާއި ދިވެހި ދައުލަތުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ޓްރެއިނިން ތަކަށް ޚާއްސަ ކުރެވިގެންދާނެ ބިނާއެކެވެ. މިތަނުގައި އައްޑޫސިޓީ ކައުންސިލްގެ ދައުރެއްވެސް ބޭއްވުމާމެދު މަޝްވަރާ ކުރައްވާކަމަށް ސީޕީ ވިދާޅުވިއިރު މިއީ އައްޑޫސިޓީގެ އިތުރުން މުޅިރާއްޖޭގެވެސް ސްކޫލް މަދުރަސާތަކާއި މުއައްސަސާތަކާއި ކްލަބް ޖަމްއިއްޔާ ޖަމާއަތްތަކުން ހިންގާ އިޖްތިމާއީ ކަންކަމުގައި އެހީއަކަށްވެ ކުޅިވަރުތަކާއި ތަމްރީނުތައް ބޭއްވޭނެ ފަދަ އިންތިޒާމެއް ގާއިމްވެގެންދާނެ ތަނެއް ކަމުގެ އުފާވެރި ޚަބަރު ސީޕީ ހަމީދު ވަނީ ދެއްވާފައެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް - އައިޝަތު މުހައްމަދު

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖް ފިޔަވައި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މުޅި ރާއްޖޭގައިވެސް ހިންގާ އެންމެ ބޮޑު ޕްރޮޖެކްޓުގެ ގޮތުގައި ބެލެވޭ މި އެކަޑަމީ ހަދާފައިވަނީ ހިތަދޫ އާރްއޭއެފް ސަރަހައްދުން ލިންކް ރޯޑުގެ ހުޅަނގަށެވެ. 67415 އަކަ މީޓަރުގެ ސަރަހައްދަކާއި އެހިސާބުގެ ފުއްޓަރު ފަރާތުން 7300 އަކަ މީޓަރުގެ ބިން ހިއްކައިގެން ހަދާ މި އިމާރާތުގެ ކޮންޓްރެކްޓަރަކީ އިންޑިއާގެ ސްރީ އަވަންތިކާ ކޮންޓްރެކްޓާސް ލިމިޓެޑެވެ. އެކުންފުނިން މިތަނުގެ މަސައްކަތްފެށީ 2017 ވަނަ އަހަރުއެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް - އައިޝަތު މުހައްމަދު

އައްޑޫގެ ބިމުގައި ހެދޭ މި އިމާރާތަކީ އެތަނުގެ ސަބަބުން ވަޒީފާގެ ފުރުސަތު ހުޅުވި ވިޔަފާރިވެރިންނާއި އެނޫންވެސް އެތައް ބަޔަކަށް ފައިދާއާއި މަންފާ ފޯރާނެ ތަނެކެވެ. މިއީ ފަޚުރުވެރި ދިވެހި ދަރީންތަކެއް ތަމްރީނު ވެގެން މި ގައުމުގެ އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން ގާއިމް ކުރުމާއިގެން ތެދުވާން މެދުވެރިއަކަށްވާނެ ބިނާއެވެ. އެހެންކަމުން މިތަނާމެދު ފަޚުރުވެރި ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. ބޮޑުކޭން ހިފައިގެން "ދެކުން" ކުރަން ދާންވީ ވަގުތު ކުޑަތަން ވެއްޖެއެވެ.

- ކޮމެންޓް