ފާއިތުވި 74 އަހަރުގެ ތެރޭގައި ވެސް އދ. ގެ އެޖެންޑާގައި އޮވެމެ، ފަލަސްތީނުގެ މައްސަލަ އަށް ހައްލެއް ހޯދައި ނުދެވުމަކީ ހިތާމައެއް ކަމަށާއި ހަމައެކަނި ބަސްތަކެއްގެ ބަދަލުގައި އެ ގައުމަށް އެހީވާން އަމަލީ ގޮތުން މަސައްކަތް ކުރަންޖެހޭ ކަމަށް އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ފަލަސްތީނާ ބެހޭ ސުވާލާއި މެދުއިރުމަތީގެ ހާލަތާ ބެހޭގޮތުން ބޭއްވި އދ. ގެ ޕްރިލިނަރީ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ، ފަލަސްތީނާއި އިޒްރޭލާ ދެމެދު އޮތް މައްސަލަ ގުޅިފައި ވަނީ މުޅި މެދުއިިރުމަތީގެ އަމާންކަމާ ކަމަށެވެ.
އެ މައްސަލައަކީ 1948 އިން ފެށިގެން އދ. ގެ އެޖެންޑާގައި އޮތް މައްސަލައެއްކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ހައްލު ނުހޯދުމަކީ ހިތާމައެއް ކަމަށެވެ. ނަމަވެސް އުންމީދު ކަނޑާނުލައި އެ މައްސަލަ އަށް ހައްލު ގެންނަށް އަމަލުން މަސައްކަތް ކުރަންޖެހޭ ކަމަށް ޝާހިދު ވިދާޅުވި އެވެ.
ފަލަސްތީނު، އަދި ހާއްސަކޮށް ގާޒާގައި އޮތް އިންސާނިއްޔަތާ ހިލާފު ކާރިސާގެ ވާހަކަ އަޅުގަނޑުމެން ކޮންމެ އަހަރަކު ދައްކަމު. އެކަމަކު ހަމައެކަނި ބަސްތަކަކުން ނުފުދޭ. ކަރަންޓާއި ފެނާއި މިފަދަ ޒަރޫރީ ބޭނުންތަކުން މަހުރޫމު ވެފައި ތިބި މިލިއަނަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުން ތަހައްމަލު ކުރަމުންދާ ހިތްދަތި ދިރިއުޅުން ހަމައެކަނި ބަސްތަކަކުން ސިފައެއް ނުކޮށްދެވޭނެ،އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
އދ. ގެ އާންމު މަޖިލީހުގެ ރައީސް ވިދާޅުވި ގޮތުގައި އެ މައްސަލަ ހައްލުކުރުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ "ޓޫ-ސްޓޭޓް" ވުޖޫދަށް ގެނެސް ދެ ދައުލަތެއްގެ ގޮތުގައި އިޒްރޭލާއި ފަލަސްތީނު ކައިރިކައިރީ ހަމަޖެހިގެން އުޅެވޭނެ ގޮތް ހެދުމެވެ.
ޓޫ-ސްޓޭޓު ގެ ހައްލަކީ ފަލަސްތީނާއި އިޒްރޭލުގެ ރައްޔިތުންނަށް އެ ދެބައިމީހުންގެ ހަގީގީ އުންމީދު ވިސްނި، އެއްބަޔަކު އަނެއްބަޔަކާ ކައިރި ކައިރީގައި ހަމަޖެހިގެން ސުލްޙަވެރިކަމާއި ބޯޑަރުތަކުގެ ރައްކާތެރިކަމާއެކު، ދިރިއުޅެވޭނެ ހަމައެކަނި މަގު. އޭރުން ޖެރޫސެލަމް އޮންނާނީ ދެ ސްޓޭޓުގެ ވެސް ކެޕިޓަލްގެ ގޮތުގައި،އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
އަމިއްލަ ދައުލަތެއް އުފެދުމުގެ ފުރުސަތު ލިބޭގޮތަށް އދ. އިން އެކުލަވައިލި ގަރާރަށް 74 އަހަރު ވި އިރު މިއަދާ ހަމައަށް ވެސް ބައިނަލްއަގްވާމީ ގާނޫނު ތަކުން ތަންދޭ ގޮތުގެ މަތިން ފަލަސްތީނުގެ ރައްޔިތުންގެ ދައުލަތެއް އުފެއްދުން ކާމިޔާބު ވެފައި ނުވާކަން ޝާހިދު ފާހަގަކުރެއްވިއެވެ.
އިންސާފުވެރިކަމާއި ސުލްހަވެރިކަން ލިބޭނެ ހައްލެއް ހޯދައި އެކަން ބަދަލުކުރުމަށް ބޭނުންވަނީ ގިނަ ގައުމުތަކަކުން އެއްބަސްވާ ސިޔާސަތެއް ކަމަށް ޝާހިދު ވިދާޅުވިއެވެ