ކުރީ ޒަމާނުގައި މައުލޫމާތު ފޯރުކޮށްދިނުމަކީ ނުހަނު އުނދަގޫ ކަމެކެވެ. ކަމެއް ހިނގައިދިޔަ ގޮތް ވެސް ހިއްސާކުރުމަކީ އުނދަގޫ ކަމެކެވެ. އެއީ އޭރު އެކަމަށް އެންމެ އެކަށޭނެ އަވަސް ވަސީލަތްތައް ނެތުމުގެ ސަބަބުންނެވެ. މީހަކު މަރުވި ކަމުގައި ވިޔަސް އެމީހާގެ މަރުގެ ޚަބަރު ލިބެނީ މަރުވާތާ ދެތިން ދުވަސް ފަހުންނެވެ. އެހެންނަމަވެސް މިހާރުގެ ހާލަތު ތަފާތެވެ. އެމީހާ ހޮސްޕިޓަލުގައި އޮންނަ ހިސާބުން ފެށިގެން އެމީހާގެ ހާލަތާއި ގުޅޭ ޚަބަރުތައް ފެތުރެން ފަށައެވެ.
ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ޒަމާނެއްގައި މައުލޫމާތު ފެތުރުމަކީ މިހާރު އެހާ އުނދަގޫ ކަމެއް ނޫނެވެ. އަމިއްލަ ގައުމުގައި ހުރެގެންވެސް ގައުމުން ބޭރުގައި ހިނގާ ކަންތައްތަކުގެ މައުލޫމާތު ހޯދާ، ފޯރުކޮށްދިނުމަކީ ނުހަނު ފަސޭހަކަމަށް ވަނީ ވެފައެވެ. މިފަދަ ކުރިއަރާފައިވާ ޒަމާނެއްގައި މައުލޫމާތު، ހޯދާ ފަތުރާއިރު ވިސްނަންވީ ކަމެއް އެބައޮތެވެ. އެމައުލޫމާތަކީ ކިހާ ތެދު މައުލޫމާތެއް ތޯއެވެ. ގިނަ ފަހަރަށް ސޯޝަލް މީޑިއާގައި މީހަކު ޕޯސްޓުކޮށްލާ ވާހަކައެއްގެ ހަގީގަތް ބެލުމެއް ނެތި މީހުން އެ މައުލޫމާތު ހިއްސާ ކުރެއެވެ.
ޓެކޮނޮލޮޖީގެ ބޭނުން އެއްބައި މީހުން ހެޔޮ ގޮތުގައި ހިފަމުންދާއިރު އަނެއްބައި މީހުން މިކަމުގެ ބޭނުން ނަހަމަ ގޮތުގައި ވެސް ހިފައެވެ. ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް ބޭނުންކޮށްގެން މީހެއްގެ އަގު ވައްޓާލަން ބޭނުންވިޔަސް އެކަން މީހާރު މިވަނީ ނުހަނު ފަސޭހަކަމަށް ވެފައެވެ. އަދި އެންމެ ހައްސާސް މައްސަލަތައް ކަމުގައިވާ ޖިންސީ ގޯނާގެ މައްސަލަތަކާ މީހެއްގެ އަބުރަށް އަރައިގަތުން ކަމުގައިވިޔަސް ބަލާނުލާ ބައެއް ފަހަރު މައުލޫމާތު ފެތެރޭ ތަން އެބަ އާދައެވެ.
ޖިންސީ ގޯނާގެ މައްސަލަތަކުގައި ހަގީގަތް ނުބަލާ މައުލޫމާތު ނުފެތުރުމަށް ފުލުހުން ވެސް ވަނީ ދާދިފަހުން އެދިފައެވެ. ފުލުހުން ބުނެފައިވަނީ ޖިންސީ ގޯނާގެ މައްސަލަތަކުގެ ރިޕޯޓް ލިބުމުން އެ މައްސަލަތައް ބަލާ ތަހުގީގު ކުރަނީ ވަރަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދީގެން ކަމަށެވެ. އަދި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކުގައި އެ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ނުހަނު އިސްކަމެއްދީގެން އެފަދަ މައްސަލަތައް ތަހުގީގުކުރަމުންދާ ކަމަށެވެ. އެހެންކަމުން މިފަދަ މައްސަލަތަކުގެ މައުލޫމާތު ފެތުރުމުގައި އާންމު ރައްޔިތުން އިތުރަށް ޒިންމާދާރުވެ، ޖިންސީ ގޯނާގެ މައްސަލަތަކުގައި ހަގީގަތް ނުބަލާ މައުލޫމާތު ނުފެތެރުމަށް ވަނީ އެދިފައެވެ.
ކަންމިހެން ހުރިއިރު ސޯޝަލް މީޑިއާގައި ކަމެއް މީހަކު ހިއްސާކުރުމުން އެ މައުލޫމާތެއް ފެތުރުމުގެ ކުރިން އޭގައި ވަނީ ކިހާ މިންވަރެއްގެ ހަގީގަތެއްތޯ ބެލުމަށްފަހު އެ މައުލޫމާތު ހިއްސާ ކުރުމަކީ މުހިންމު ކަމެކެވެ. އެ ފެތުރޭ މައުލޫމާތެއްގެ ސަބަބުން މީހެއްގެ އަބުރަށް އުނިކަމެއް އައިސް، މުޖުތަމައު އެމީހާއާ ދޭތެރޭގައި ދެކޭ ގޮތް ވެސް ތަފާތުވެގެންދެއެވެ. އެހެންކަމުން މައުލޫމާތު ފެތުރުމުގައި އިތުރަށް ޒިންމާދާރުވާން އެބަޖެހެއެވެ.