ކ. މާލެ
|
2 ޑިސެންބަރ 2021 | ބުރާސްފަތި 16:46
ޖަސްޓިސް ބިލްޑިންގ - އިންތިޤާލީ އިންސާފުގެ ދަށުން، ކަމާގުޅުން ހުރި ކޯޓަކަށް މައްސަލަ ހުށަހެޅޭނެ
ޖަސްޓިސް ބިލްޑިންގ - އިންތިޤާލީ އިންސާފުގެ ދަށުން، ކަމާގުޅުން ހުރި ކޯޓަކަށް މައްސަލަ ހުށަހެޅޭނެ
ރާއްޖެއެމްވީ
އިންތިޤާލީ އިންސާފު
އިންތިޤާލީ އިންސާފުގެ ދަށުން، ކޯޓަށް ހުށަހެޅޭ މައްސަލަތަކާމެދު ދޮޅު އަހަރުގެ ތެރޭގައި ގޮތެއް ނިންމަންޖެހޭ
 
ސީދާ ގެއްލުމުގެ ބަދަލު ނަގައިދެވޭނީ މާލީގޮތުން ލިބިފައިވާ ސީދާ ގެއްލުމަށާއި، ގުނަވަނެއް ނެތިދިޔުން، ނުވަތަ ދާއިމީކޮށް ގުނަވަނެއް މަސައްކަތް ނުކުރުން ފަދަ ކަމަކަށް
 
ސީދާ ގެއްލުމުގެ ބަދަލު ނަގައިދެވޭނީ، ނިޒާމީގޮތެއްގައި ރޭވިގެން ހިންގައިފައިވާ ޢަމަލެއްގެ ސީދާ ނަތީޖާއެއްގެ ގޮތުން

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން، ބަދަލު ނަގައިދިނުމަށް ކޯޓަށް ހުށަހެޅޭ މައްސަލަތަކާމެދު 18 މަސް ދުވަހުގެ (ދޮޅު އަހަރުގެ) ތެރޭގައި ގޮތެއް ނިންމަންޖެހޭކަން ބަޔާންކޮށް، އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ބަދަލު ނަގައިދިނުމުގައި ކޯޓުތަކުން ޢަމަލުކުރާނެ އިޖުރާއަތުތަކާއި، ބަދަލު ނަގައިދޭނެ އަދަދު ތަކުގެ މިންގަނޑުތަކުގެ ގަވާއިދުއެކުލަވާލައިފިއެވެ.

މި ގަވާއިދު ވަނީ އެކުލަވާލައި، ގެޒެޓްކޮށް އެއަށް އަމަލުކުރަން ފަށާފައެވެ.

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭ މައްސަލައެއްގައި، ނުވަތަ އެ އޮފީހުގެ އަމިއްލަ އިސްނެގުމެއްގައި ބަލާ މައްސަލައެއްގައި، ނިޒާމީގޮތެއްގައި ރޭވިގެން ހިންގައިފައިވާ ޢަމަލެއްގެ ސަބަބުން މީހެއްގެ އިންސާނީ ޙައްޤެއް ނުވަތަ އަސާސީ މިނިވަންކަމެއް ހިފެހެއްޓިއްޖެނަމަ، އެ ޢަމަލުގެ ޝިކާރައަކަށްވި ފަރާތަށް ޢަދުލުވެރި ބަދަލުގެ ގޮތުގައި ކޯޓުން ނަގައިދެވޭނީ މާލީ ބަދަލާއި އެހެނިހެން ބަދަލެވެ.

މި ގަވާއިދުގައި ސީދާ ގެއްލުމުގެ ބަދަލުގެ ގޮތުގައި މާލީ ބަދަލެއް ނަގައިދެވޭނީ، ނިޒާމީގޮތެއްގައި ރޭވިގެން ހިންގާފައިވާ ޢަމަލެއްގެ ސީދާ ނަތީޖާއެއްގެ ގޮތުން މީހެއްގެ އިންސާނީ ޙައްޤެއް ނުވަތަ އަސާސީ މިނިވަންކަމެއް ހިފެހެއްޓިއްޖެނަމަ، އެ ޢަމަލުގެ ޝިކާރައަކަށްވި ފަރާތްތަކަށެވެ.

ސީދާ ގެއްލުމުގެ ބަދަލު ނަގައިދެވޭނީ މާލީގޮތުން ލިބިފައިވާ ސީދާ ގެއްލުމަށާއި، ގުނަވަނެއް ނެތިދިޔުން ނުވަތަ ދާއިމީކޮށް ގުނަވަނެއް މަސައްކަތް ނުކުރުން ނުވަތަ އެހެންވެސް ދާއިމީ ޖިސްމާނީ ގެއްލުމެއް ވުން އަދި ދާއިމީކޮށް ނަފްސާނީގޮތުން ގެއްލުންވުން ނުވަތަ މަރުވުމަށެވެ.

މި ގަވާއިދުގައި ބުނެފައިވަނީ މާލީ ބަދަލު ނަގައިދެވިދާނެ ހާލަތެއްގައި މާލީ ބަދަލު ނަގައިދިނުމުގެ އިތުރުން، ނުވަތަ މާލީ ބަދަލު ނަގައިދިނުމުގެ ބަދަލުގައި، ނުވަތަ އެ މާއްދާގައި މާލީ ބަދަލު ނަގައިދިނުމަށް ކަނޑައަޅައިފައިވާ ހާލަތްތައް ފިޔަވައި އެ ނޫން ހާލަތްތަކުގައި އަނިޔާ ލިބޭ ފަރާތްތަކަށް އެހެނިހެން ބަދަލު ނަގައިދެވިދާނެ ކަމަށެވެ.

ނުސީދާ ގެއްލުމުގެ ބަދަލުގެ ބާބުގެ ތެރެއިން، މައްސަލައިގައި ހިމެނޭ ކޮންމެ ފަރާތަކަށްވެސް ވަގުތީ ބަދަލެއް ހޯދުމަށް އެދި ޝަރީޢަތަށް ހުށަހެޅިދާނެއެވެ. މިއީ ވަގުތުން ވަގުތަށް ނަގައިދޭންޖެހޭ ކަމަށް ފެންނަ ވަގުތީ ބަދަލެވެ. ވަގުތީ ބަދަލު ނަގައިދިނުމުގައި ޝަރީޢަތަށް ހުށަހަޅައިފައިވާ އެންމެހައި ކަންކަމަށް ރިޢާޔަތްކޮށް، ހުށަހަޅައިފައިވާ ހުށަހެޅުމާމެދު މައްސަލަ ބަލާ ފަރާތުން ގޮތެއް ނިންމަން ވާނެއެވެ. ބަދަލެއް ނަގަދިނުމަށް ނިންމައި، ވަގުތީގޮތުން ބަދަލުގެ މިންވަރެއް ނަގައިދީފައިވާނަމަ، މައްސަލަ ނިންމާއިރު، އެކަމަށް ރިޢާޔަތް ކުރަންވާނެކަމަށް ބުނެފައިވެއެވެ.

މި ގަވާއިދުގެ ދަށުން، ކޯޓަށް ހުށަހެޅޭ މައްސަލަތަކާމެދު ގިނަވެގެން 18 މަސްދުވަހުގެ ތެރޭގައި ގޮތެއް ނިންމައި ޙުކުމް ކުރަންވާނެއެވެ. އަދި މި ގަވާއިދުގެ ދަށުން ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި ޢަމަލުކުރާނީ ކޯޓަށް ހުށަހެޅޭ އެހެންވެސް ބަދަލު ހޯދުމަށް އެދި ހުށަހަޅާ މައްސަލަތަކާ އެއްގޮތަށެވެ. އަދި ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަންގެ މަރުޙަލާއެއް ހިމެނޭނަމަ، މި ގަވާއިދުގެ ދަށުން ހުށަހަޅާ މައްސަލަތަކާމެދު އެ މަރުޙަލާގައި ގޮތެއް ނިންމިދާނެއެވެ.

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ނަގައިދެވޭނީ ކޮން ބާވަތެއްގެ ކިހާ މިންވަރެއްގެ ބަދަލެއްކަން ކޯޓުން ކަނޑައެޅުމަށްފަހު، އެ ކަނޑައެޅުނު ބަދަލު ހަމަޖައްސައިދިނުމަށް ކޯޓުން ކަނޑައަޅާ މުއްދަތުގައި އެ ބަދަލު ހަމަނުޖެހިގެން އަނިޔާ ލިބުނު ފަރާތުން ކޯޓަށް އެކަން އަންގައިފިނަމަ، ކޯޓުން ނިންމައިފައިވާ ނިންމުން ތަންފީޛު ކުރަންވާނީ އެ ކޯޓަށް ހުށަހެޅޭ އެހެނިހެން ޙުކުމް ތަންފީޛު ކުރުމުގެ މައްސަލަތަކާ އެއް އުސޫލަކުންނެވެ.

ކޮމެންޓް
ގުޅުންހުރި
މަރުގެ މައްސަލައެއްގައި ސުޕްރީމް ކޯޓުން އެންގުމުންވެސް ހައިކޯޓުގައި އަޑުއެހުމެއް ނުބޭއްވި، ފަނޑިޔާރުން ޗުއްޓީގައި
"ވަގަށް މަސްވެރިކަންކޮށްގެން އިންޑިއާގެ ބޯޓެއް ކުރި ޖޫރިމަނާ މަޢާފުކުރީ ރައީސް އޮފީހުގެ ސިޓީއަކުން"
4 ކިލޯ ޑްރަގް މައްސަލައިގައި ހައްޔަރުކުރި މީހާ އިތުރު 30 ދުވަހަށް ބަންދުކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
އެއްބަނޑު ދެބެއިންނަށް ޖިންސީ ގޯނާކުރިކަމުގެ ދައުވާ އުފުލާފައިވާ މީހަކު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލީ ރަނގަޅަކަށް ނޫން: ސުޕްރީމް ކޯޓު
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
އާގިލްގެ މަރުގެ މައްސަލައިގައި ވިސާމްގެ މައްޗަށް ކުށް ސާބިތެއް ނުވި
ތިމާވެއްޓަށް އަސަރުކޮށްގެން މަޝްރޫއެއް ހުއްޓާލާ ޙާލަތުގައި ބަދަލުދޭން ނުޖެހޭ ފަދަ މާއްދާއެއް ދައުލަތުން ހިމަނަންޖެހޭ: ހުސްނުއްސުއޫދު