ކ. މާލެ
|
2 ޑިސެންބަރ 2021 | ބުރާސްފަތި 06:03
ޕީއެސްޖީ އާއި ނީސް ބައްދަލުކުރި މެޗުގެ ތެރެއިން
ޕީއެސްޖީ އާއި ނީސް ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ފްރެންޗް ލީގު
ޕީއެސްޖީ އާއި ނީސްގެ ކުރިމަތިލުން އެއްވަރު
 
ޕީއެސްޖީ އާއި ނީސް އެއްވަރުވީ 0-0 ގެ ނަތީޖާއަކުން
 
ތާވަލުގެ އެއްވަނައިގައި ޕީއެސްޖީ އޮތީ 41 ޕޮއިންޓާއެކު

ފްރެންޗް ލީގުގައި ބުދަ ދުވަހުގެރޭ ޕީއެސްޖީ އާއި ނީސް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ޕީއެސްޖީގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

މި މެޗު ފެށުމުގެ ކުރިން ވަނީ ޕީއެސްޖީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ދާދި ފަހުން ކާމިޔާބުކުރި ހަތްވަނަވަނަ ބަލޮންޑޯ އެވޯޑާއި އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނު އިޓަލީގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާގެ ޔާޝީން ޓްރޮފީ ސަޕޯޓަރުންނަށް ދައްކާލާފައެވެ. މި އަހަރުގެ ބަލޮންޑޯ އެވޯޑް މެސީ ހާސިލުކުރިއިރު، މި އެވޯޑް އެންމެ ގިނައިން ހޯދާފައިވާ ކުޅުންތެރިޔަކީވެސް މެސީއެވެ.

މެޗުގެ ކުރިން މެސީ އާއި ޑޮންނަރުއްމާ އެވޯޑުތައް ދައްކާލަނީ - ގެޓީ އިމޭޖަސް

ބުދަ ދުވަހުގެރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގެ ފުރަތަމަ ހާފުގައި ނީސްގެ ކެސްޕާ ޑޯލްބާގާއި އެންޑީ ޑެލޯޓް ފޮނުވާލި ހަމަލާތައް ޑޮންނަރުއްމާ ވަނީ ދިފާއުކޮށްފައެވެ. އަދި މި ހާފުގައި އޭރިއާ ތެރެއިން ޕީއެސްޖީގެ ކީލިއަން އެމްބާޕޭއަށްވެސް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ނީސްގެ ގޯލްކީޕަރު ވޯލްޓާ ބެނިޓޭޒެވެ.

މި މެޗުގެ ދެވަނަ ހާފު ފަށައިގެން ޕީއެސްޖީގެ އެންހެލް ޑި މާރިއާއަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ނީސްގެ ގޯލްކީޕަރު ބެނިޓޭޒް ވަނީ ދިފާއުކޮށްފައެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ނީސްގެ ޑޮލްބާގް ހުހަށްހުރެ ބޮލުން ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައެވެ.

މި މެޗު އެއްވަރުވި ނަމަވެސް، ތާވަލުގެ އެއްވަނައިގައި ޕީއެސްޖީ މި ވަގުތު އޮތީ 12 ޕޮއިންޓުގެ ލީޑަކާއެކުއެވެ. އެގޮތުން ކުޅުނު 16 މެޗުން ޕީއެސްޖީއަށް 41 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް މާސޭއަށް 15 މެޗުން ލިބިފައިވަނީ 29 ޕޮއިންޓެވެ. އަދި ޕީއެސްޖީއާ އެއްވަރުކުރި ނީސް އޮތީ ތާވަލުގެ ހަތަރުވަނައިގައި 16 މެޗުން 27 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް