ކ. މާލެ
|
2 ޑިސެންބަރ 2021 | ބުރާސްފަތި 04:50
މިލާނާއި ޖެނޯއާ ބައްދަލުކުރި މެޗުގެ ތެރެއިން
މިލާނާއި ޖެނޯއާ ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު
މިލާނާއި އިންޓައިން ފަރަގު ކުޑަކޮށްފި
 
މިލާން މޮޅުވީ ޖެނޯއާ އަތުން 3-0 ގެ ނަތީޖާއަކުން
 
އިންޓަ މޮޅުވީ ސްޕެޒިއާ އަތުން 2-0 ގެ ނަތީޖާއަކުން

އިޓާލިއަން ލީގުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުތަކުން މޮޅުވެ އޭސީ މިލާނާއި އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނުން ތާވަލުގެ އެއްވަނައިގައި އޮތް ނާޕޮލީއާ ދެމެދު އޮތް ފަރަގު ކުޑަކޮށްފިއެވެ.

ލީގުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ނާޕޮލީ ވަނީ ސަސުއޯލޯއާ 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެއާއެކު މިލާނާއި އިންޓައިން ފަރަގު ކުޑަކުރިއިރު، ރަށުން ބޭރުގައި ކުޅުނު މެޗުން މިލާން މޮޅުވީ ޖެނޯއާ އަތުން 3-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި މިލާނުން މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން ލީޑު ނަގާފައިވަނީ މެޗު ފަށައިގެން 10 ވަނަ މިނެޓުގައެވެ. ލިބުނު ހިލޭ ޖެހުމަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖޫނިއާ މެސިއަސް ވަނީ ލަނޑެއް ޖަހައި، މިލާނުގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގެ ޖެނޯއާއަށް ލަނޑެއް ޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ މެޗުގެ ދެވަނަ ހާފުގައި އެ ޓީމުގެ ހެރްނަނީ އަޒެވޭޑޯއަށެވެ. އެކަމަކު އޭނާ ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާ މިލާނުގެ ގޯލްކީޕަރު މައިކް މިންޔޯން ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އެއާއެކު މެޗުގެ 61 ވަނަ މިނެޓުގައި މިލާނުން ވަނީ ތިންވަނަ ލަނޑެއް ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ލަނޑުވެސް ކާމިޔާބުކުރި މެސިއަސްއެވެ.

އިންޓަ އާއި ސްޕެޒިއާ ބައްދަލުކުރި މެޗުގެ ތެރެއިން - ގެޓީ އިމޭޖަސް

މި މެޗުން މިލާން މޮޅުވިއިރު، އެ ޓީމާ ވާދަވެރި އިންޓަ މޮޅުވީ ސްޕެޒިއާ އަތުން 2-0 ގެ ނަތީޖާއަކުންނެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އިންޓައިން ގިނަ ހަމަލާތަކެއް އުފެއްދިއިރު، އެ ޓީމުން ލީޑު ނަގާފައިވަނީ މެޗުގެ 36 ވަނަ މިނެޓުގައެވެ. ލަޓާރޯ މާޓިނޭޒްގެ އެހީތެރިކަމާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޮބާޓޯ ގަގްލިއަޑީނީއެވެ. އޭގެ ފަހުން ފުރަތަމަ ހާފުގައި ކޯނަރަކުން ސްޕެޒިއާގެ ކެލްވިން އަމިއަން ނުރައްކާތެރި ހަމަލާއެއް ފޮނުވާލި ނަމަވެސް، އެ ހަމަލާގެ ހުރަހަކަށްވީ އިންޓަގެ ގޯލްކީޕަރު ސާމިރު ހަންޑަނޮވިޗެވެ.

މި މެޗުގައި އިންޓައިން ލީޑު ފުޅާކޮށްފައިވަނީ ދެވަނަ ހާފު ފަށައިގެން 13 ވަނަ މިނެޓުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މާޓިނޭޒެވެ. މިއީ އޭރިއާ ތެރެއިން ސްޕެޒިއާ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ރެފުރީ ދިން ޕެނަލްޓީއެކެވެ.

މި ނަތީޖާތަކާއެކު ތާވަލުގެ އެއްވަނައިގައި ނާޕޮލީ އޮތީ ކުޅުނު 15 މެޗުން ލިބުނު 36 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް މިލާނަށް 15 މެޗުން 35 ޕޮއިންޓް ލިބިފައިވާއިރު، ތާވަލުގެ ތިންވަނައިގައި އިންޓަ އޮތީ 15 މެޗުން 34 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް