ކ. މާލެ
|
1 ޑިސެންބަރ 2021 | ބުދަ 20:09
މާޒިޔާ އާއި މާފަރު ބައްދަލުކުރި މެޗަށްފަހު ދެ ޓީމުގެ ކުޅުންތެރިން އެކުގައި
މާޒިޔާ އާއި މާފަރު ބައްދަލުކުރި މެޗަށްފަހު ދެ ޓީމުގެ ކުޅުންތެރިން އެކުގައި
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
ކެނދިކުޅުދޫގައި މާޒިޔާގެ ކޭމްޕް
މާފަރު އަތުންވެސް މާޒިޔާއަށް ފަސޭހަ މޮޅެއް
 
މާފަރު އަތުން މާޒިޔާ މޮޅުވީ 9-1 ގެ ނަތީޖާއަކުން
 
ކުރިން ކުޅުނު ދެ މެޗުންވެސް މާޒިޔާ ވަނީ މޮޅުވެފައި

ނ. ކެނދިކުޅުދޫގައި ކުރިއަށްގެންދާ ކޭމްޕުގެ ތެރެއިން ކުޅުނު އެކުވެރިކަމުގެ ތިންވަނަ މެޗުން އެ އަތޮޅު މާފަރު އަތުން ފަސޭހަކަމާއެކު އެންމެ ފަހުގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މޮޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ހަވީރު މާފަރު ޓާފް ދަނޑުގައި ކުޅުނު މި މެޗުން މާޒިޔާ މޮޅުވީ 9-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މި މެޗުގައި މާޒިޔާއިން މޮޅު ކުޅުމެއް ދެއްކިއިރު، މާޒިޔާގެ ލަނޑުތައް ޖަހައިދިނީ އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސަކޮ) އާއި، ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އަދި މުޙައްމަދު އުމެއިރެވެ. މީގެ ތެރެއިން އަސަކޮ ހަތަރު ލަނޑު ޖެހިއިރު، ކޯނޭ ވަނީ ހެޓްރިކެއް ހަދާފައެވެ. އަދި އުމެއިރު ވަނީ ލަނޑު ޖަހާފައެވެ.

މި މެޗުން މާޒިޔާ މޮޅުވިއިރު، މި ކޭމްޕުގައި ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ ކެނދިކުޅުދޫ ފުޓްބޯލް ކުލަބު އަތުން ފަސޭހަކަމާއެކު 9-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި ދެވަނަ މެޗުގައި މިދިޔަ ހޯމަ ދުވަހު ވަނީ މާޅެންދޫ އަތުން 11-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ.

ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވާން މާޒިޔާއިން 10 ދުވަހުގެ މުއްދަތަކަށް ކެނދިކުޅުދޫގައި ތަމްރީނު ހަދަމުން އަންނައިރު، އައު ސީޒަނާ މާޒިޔާއިން ކުރިމަތިލާނީ ޕްރޯ ލައިސަންސް ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ގެ އިރުޝާދުގެ ދަށުންނެވެ. އަދި އައު ސީޒަނަށް ސްކޮޑު ވަރުގަދަކުރުމުގެ ގޮތުން މާޒިޔާއިން ވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ) އާއި، ޒުވާން ޑިފެންޑަރު ހައިޝަމް ހަސަން (ބިޑި) އަދި ނޭޕާލުގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެއްވަނަ ގޯލްކީޕަރު ކިރަން ކުމާރް ލިމްބޫ އެ ޓީމަށް ގެނެސްފައެވެ.

މި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާއިރު، ސީޒަން ފެށުމަށް ކުޅޭ ޗެރިޓީ ޝީލްޑް މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި މިދިޔަ ސީޒަނުގެ ލީގުގެ ދެވަނަ ހޯދި ކުލަބު ވެލެންސިއާއެވެ. މިދިޔަ ސީޒަނުގެ ޗެރިޓީ ޝީލްޑް މެޗުގައިވެސް މާޒިޔާ ވާދަކުރިއިރު، އެ މެޗުން ކުލަބު އީގަލްސް ވަނީ މާޒިޔާ ބަލިކޮށް މުޅިން އަލަށް ޗެރިޓީ ޝީލްޑް އުފުލާލާފައެވެ. އޭރު އީގަލްސްގެ ކޯޗަކަށް ހުރީ މިހާރު މާޒިޔާގެ ކޯޗު މޯހަންއެވެ.

ޗެރިޓީ ޝީލްޑް މެޗަށްފަހު މި މަހުގެ 19 ވަނަ ދުވަހު ޕްރެޒިޑެންޓްސް ލީގު ފަށާއިރު، ކުރިއަށް އޮތް ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މާޒިޔާއަކީ އެންމެ ފަހުގެ ދެ ސީޒަނުގެވެސް ލީގު ޗެމްޕިއަނުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް