ހދ. ކުޅުދުއްފުށި ސިޓީ
|
1 ޑިސެންބަރ 2021 | ބުދަ 14:36
ކުޅުދުއްފުށީ ސިޓީ ބަނދަރުގައި ހެދި ދަތުރުހިޔާ
ކުޅުދުއްފުށީ ސިޓީ ބަނދަރުގައި ހެދި ދަތުރުހިޔާ
އުއްމު ކުލްސޫމް އިބްރާހިމް
ކުޅުދުއްފުށީ ބަނދަރުގައި ދަތުރުހިޔާ ހުޅުވުން
ބަނދަރުމަތީގައި ދަތުރުހިޔާ ހުޅުވިގެން ދިއުމަކީ ކުޅުދުއްފުށި ސިޓީއަށް ޒިއާރަތްކުރާ މީހުންނަށް ލިބުނު ބޮޑު ފަސޭހައެއް
ދަތުރުހިޔާ ހެދުމަށް ކައުންސިލް ބަޖެޓުން 1.2 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައި

ކުޅުދުއްފުށީ ސިޓީއަކީ ކޮންމެދުވަހަކު އެތައް ބަޔަކު ޒިޔާރަތްކުރާ ރަށެކެވެ. އެކި ބޭނުންތަކަށް ބޮޑުތިލަދުންމަތީގެ އެތައް ހާސްބަޔަކު ކުޅުދުއްފުއްޓަށް ކޮންމެ ދުވަހަކުވެސް އައިސް ގޮސްވެއެވެ. ލަފާފުރުމުގައި ދަތިކަމެއް ނެތްނަމަވެސް ކުޅުދުއްފުށީ ބަނދަރުގައި ދަތުރުވެރިން މަޑުކޮށްލާނޭ ހިޔާވައްސެއް ނެތުމަކީ ވަރަށް ގިނަބަޔަކަށް ގިނަ އުނދަގޫތަކާ ކުރިމަތިލާންޖެހޭކަމެކެވެ. ޚާއްސަކޮށް ވިއްސާރަ މޫސުމުގައި މިފަދަ ތަނެއް ނެތުމުގެ ސަބަބުން ގިނަބަޔަކަށް ބޮޑެތި ގެއްލުންތައްވެސް މީގެ ކުރިން ލިބިފައި އެބަހުއްޓެވެ.

ދަތުރު ވެރިން މަޑުކޮށްލާނޭ ހިޔާވައްސަކާއި، ފާޚާނާއެއް ބަނދަރު ސަރަހައްދުގައި ނެތުމުން ރަށަށް އަރާ އެތައްބަޔަކު ޓެކްސީނަގައިގެން ގޮސް އާއްމު ފާޚާނާއެއްގެ ގޮތުގައި ހޮސްޕިޓަލުގެ ފާޚާނާ އާއި މިސްކިތުގެ ފާޚާނާވެސް ބޭނުން ކުރަން ޖެހެއެވެ.

ދަތުރު ހިޔަލެއް ނެތުމުގެ ދަތިތަކާއި އެހެން ރަށްރަށުން ކުޅުދުއްފުއްޓަށް ޒިއާރަތްކުރާ ދަތުރުވެރިންގެ އިތުރުން ކުޅުދުއްފުށީގެ ރައްޔިތުންވެސް ދިޔައީ އިހްސާސް ކުރަމުންނެވެ.

އެހެންނަމަވެސް މިކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް ކުޅުދުއްފުށީ ކުރީގެ ކައުންސިލުން ނިންމާ، ބަނދަރުމަތީ ދަތުރު ހިޔަލެއް ހެދުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔައަހަރުއެވެ. ކޯވިޑްގެ ހާލަތުގެ ސަބަބުން މަސައްކަތް ލަސްވިނަމަވެސް، މަސައްކަތް ނިންމާ މިހާރު މިވަނީ ދަތުރުހިޔާ ރަސްމީކޮށް ހުޅުވާފައެވެ. އެކަމަށްޓަކައި ބުދަދުވަހު ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ދަތުރުހިޔާ ހުޅުއްވާ ދެއްވީ ކުޅުދުއްފުށީ ކައުންސިލްގެ ނިމުނު ދައުރުގެ ރައީސް އަބްދުއްލަތީފް ހަސަންއެވެ.

ކުޅުދުއްފުށީ ސިޓީ ބަނދަރުގައި ހެދި ދަތުރުހިޔާ ކުރީގެ ކައުންލިސްގެ ރައީސް އަބްދުއްލަތީފް ހުޅުވާ ދެއްވަނީ - އުއްމު ކުލްސޫމް އިބްރާހިމް

ދަތުރުހިޔާ ރަސްމީކޮށް ހުޅިވިއިރު އެތަނުގައި 4 ފާޚާނާއާއި އޮފީސް ބައެއްގެ އިތުރުން ދަތުރުވެރިން މަޑުކޮށްލާނެ ތަނެއް އެބަހުއްޓެވެ. މީގެއިތުރުން ތުއްތު ކުދިން ގެންގުޅޭ މައިންނަށް ޚާއްސަކޮށްފައިވާ ބައެއްވެސް ހިމެނެއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މައުލޫމާތު ދެއްވިގޮތުގައި ދަތުރު ހިޔާ ހެދުމަށް ކައުންސިލް ބަޖެޓުން 1.2 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ކުޅުދުއްފުށީ ސިޓީ ބަނދަރުގައި ހެދި ދަތުރުހިޔާ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން - އުއްމު ކުލްސޫމް އިބްރާހިމް

ސިޓީ ކައުންސިލުން މައުލޫމާތު ދެއްވިގޮތުގައި ކޮންމެ ދުވަހެއްގެވެސް ހެނދުނު 6ން ރޭގަނޑު 11ށް ދަތުރުހިޔާ އާންމުކޮށް ހުޅުވާފައި ހުންނާނެއެވެ. އަދި ކުރިއަށް އޮތްތަނުގައި ދަތުރު ހިޔަލުގެ ބޭރު ސަރަހައްދުވެސް ދަތުރުވެރިންނަށް ފަސޭހަވާނޭފަދަ ގޮތަކަށް ތަރައްގީ ކުރުމަށް ކައުންސިލުން ނިންމާފައިވާކަމަށް މައުލޫމާތު ދެއްވިއެވެ.

ދަތުރުހިޔާ ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާންގެ އިތުރުން ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި ސިޓީގެ މޭޔަރ އަދި ކައުންސިލް މެންބަރުންގެ އިތުރުން ކައުންސިލްގެ މުއައްޒަފުން ބައިވެރިވިއެވެ.

ކުޅުދުއްފުށީ ބަނދަރު ސަރަހައްދުގައި ދަތުރު ހިޔަލެއް ނެތުމުން ދަތުރުވެރިންނާއި ކުޅުދުއްފުށީގެ ރައްޔިތުން އުފުލަމުން އައި ދަތިތައް މިހިޔަލުގެ ސަބަބުން ހައްލުވެގެންދާނެކަމަށް ކައުންސިލުން ވިދާޅުއެވެ.

- ކޮމެންޓް