ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަންނަ ޖެނުއަރީ މަހުގެ 2 ގެ ނިޔަލަށް ސުޕްރީމްކޯޓާއި ހައިކޯޓު ރިސެސަށް ހިނގައްޖެއެވެ.
ކޯޓުތަކުގެ ގާނޫނުގައި އޮންނަ ގޮތުން ސުޕްރީމްކޯޓުގެ ރިސެސްގެ މުއްދަތަކީ ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ ފަހު ހަފުތާގެ ރަސްމީ ފަހު ދުވަހުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ރަސްމީ މަސައްކަތުގެ ދުވަހާ ހަމައަށެވެ.
ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ކޮންމެ އަހަރަކުވެސް ސުޕްރީމްކޯޓުގެ އަހަރީ ދައުރު ފެށޭނީ އެ އަހަރެއްގެ ޖަނަވަރީ މަހުގެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހު ކަމަށެވެ. އަދި މެދުކެނޑުމެއްނެތި ހިނގުމަށްފަހު އެ އަހަރުގެ ދައުރު ނިމޭނީ ނޮވެންބަރު މަހުގެ ފަހު ހަފްތާގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހު ކަމަށެވެ. އެގޮތުން ޖެނުއަރީ 2 ވާ އާދިއްތަ ދުވަހަކީ ޖަނަވަރީ މަހުގެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހެވެ.
އެ ދުވަހުން ފެށިގެން ވިދިގެން އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ މަސައްކަތު ދުވަހާ ހަމައަށް ސުޕްރީމްކޯޓު އޮންނާނީ ރިސެސްގައެވެ.
ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އެހެން ގޮތަކަށް ކަނޑަނާޅާ ހިނދަކު، ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުން ނުވަތަ ޤާނޫނެއްގެ ދަށުން ވަކި ކަމެއް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭ ޙާލަތްތައް ފިޔަވައި، ރިސެސްގެ މުއްދަތުގައި ސުޕްރީމްކޯޓުގެ ޝަރީޢަތުގެ އެއްވެސް އަޑުއެހުމެއް ނޯންނާނެއެވެ.
އެހެންނަމަވެސް، ކޯޓަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމާއި އެނޫންވެސް ކޯޓުގެ އިދާރީ އެހެނިހެން މަސައްކަތްތައް ރިސެސްގެ މުއްދަތުގައި މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށް ސުޕްރީމްކޯޓުން މައުލޫމާތު ދެއެވެ.
އޭގެ އިތުރުން ހައިކޯޓުގެ ޤަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން އެ ކޯޓުވެސް ރިސެސްއަށް ގޮސްފައިވާއިރު، ޤާނޫނުގައި ވަކި މުއްދަތެއްގެ ތެރޭގައި ނިންމުމަށް ލާޒިމުކުރާ މައްސަލަތަކާއި، އަވަސް ތަބީއަތުގެ މައްސަލަތަކާއި، ޙުކުމް ކުރުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސްތައް ފަދަ ކަންކަން އޭގެ ތެރެއިން އިސްތިސްނާ ވާނެ ކަމަށް ހައިކޯޓުން މައުލޫމާތު ދެއެވެ.
ސުޕްރީމްކޯޓާއި ހައިކޯޓުން ރިސެސްގެ މުއްދަތުގައި އާންމު އުސޫލުން ޝަރީއަތްތައް ކުރިއަށް ނުގެންދިޔަ ނަމަވެސް، މައްސަލަތައް ބަލައިގަތުމާއި އިދާރީ ކަންކަން ކޯޓުތަކުގައި ކުރިއަށް ގެންދާނެއެވެ.