ކ. މާލެ
|
30 ނޮވެންބަރ 2021 | އަންގާރަ 16:17
ސެން-އެޓިއެންއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާގެ ސަބަބުން ނޭމާ އަށިގަނޑަށްލައިގެން ބާލަނީ
ސެން-އެޓިއެންއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާގެ ސަބަބުން ނޭމާ އަށިގަނޑަށްލައިގެން ބާލަނީ
ގެޓީ އިމޭޖަސް
ނޭމާއަށް އަނިޔާވުން
އަނިޔާގެ ސަބަބުން ނޭމާ އަށް ހަފުތާއަށް ކުޅުމާ ދުރަށް
 
ނޭމާގެ ވާތު ފައިގެ ކުޑަހުޅަށް ވަނީ ސީރިއަސް އަނިޔާއެއް ވެފައި
 
ފްރެންޗް ލީގުގައި ޕީއެސްޖީން ކުޅޭ ހަތް މެޗެއް ނޭމާއަށް ގެއްލޭނެ

ވާތު ފައިގެ ކުޑަހުޅަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލުގެ ތަރި ނޭމާ އަށް ހަފުތާގެ މުއްދަތަކަށް ކުޅުމާ ދުރަށްދާން ޖެހިފައިވާ ކަމަށް އެ ކުލަބުން ބުނެފިއެވެ.

ނޭމާއަށް އަނިޔާވީ ފްރެންޗް ލީގުގައި މިދިޔަ އާދީއްތަ ދުވަހުގެ ހަވީރު ސެއިން-އެޓިއެން ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން ޕީއެސްޖީ މޮޅުވި މެޗުގައެވެ. އެ މެޗު ނިމެން ގާތްވެފައި ވަނިކޮށް ނޭމާއަށް އަނިޔާވިިއިރު، އޭނާ ދަނޑުން ބާލާފައިވަނީ އަށިގަނޑުގައެވެ. އޭގެ ފަހުން ނޭމާއަށް ލިބުނު އަނިޔާގެ ތަފުސީލު ހޯދުމަށް ޓެސްޓުތަކެއް ހެދިއިރު، ހޯމަ ދުވަހުގެރޭ ޕީއެސްޖީން ވަނީ ކުޑަހުޅަށް ލިބުނު އަނިޔާއާ ގުޅިގެން ނޭމާއަށް އަލުން ކުޅުމުގެ ތެރެއަށް އާދެވޭނީ އަށް ހަފުތާ ފަހުންކަން ހާމަކޮށްފައެވެ.

ކުޑަހުޅަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން ނޭމާއަށް ގިނަ މެޗުތަކެއް ގެއްލޭއިރު، އަނިޔާގެ ސަބަބުން މިދިޔަ އަހަރުތަކުގައިވެސް ޕީއެސްޖީގެ ގިނަ މެޗުތަކެއް ނޭމާއަށް ވަނީ ގެއްލިފައެވެ.

އަނިޔާގެ މައްސަލަތައް ތަކުރާރުކޮށް ދިމާވާތީ ނޭމާއަށް އަދި މިހާތަނަށް ޕީއެސްޖީގައި އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު، މި ސީޒަނުގައި މިހާތަނަށް ޕީއެސްޖީއަށް ކުޅެދިން 14 މެޗުން ނޭމާ ކާމިޔާބުކުރެވިފައިވަނީ އެންމެ ތިން ލަނޑެވެ. އެކަމަކު އޭނާ އަންނަނީ ބްރެޒިލާއެކު ފީފާ ވޯލްޑް ކަޕުގެ ދެކުނު އެމެރިކާ ކޮލިފައިން މެޗުތަކުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި 2017 ވަނަ އަހަރު ޕީއެސްޖީއާ ގުޅުނު ނޭމާ ވަނީ މި އަހަރުގެ މެއި މަހުގެ ތެރޭގައި އެ ޓީމުގެ އެއްބަސްވުން އާކޮށްފައެވެ. އެގޮތުން ޕީއެސްޖީގެ އެއްބަސްވުން އިތުރު ތިން އަހަރަށް ނޭމާ އާކުރުމާއެކު، އޭނާގެ އެއްބަސްވުން ދެން ހަމަވާނީ 2025 ވަަނަ އަހަރުގެ ޖޫން މަހުއެވެ.

ރިޕޯޓުތައް ބުނާ ގޮތުން މި ފަހަރު ނޭމާއަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާއަށް ފްރެންޗް ލީގުގައި ޕީއެސްޖީން ކުޅޭ ހަތް މެޗާއި، ޔުއެފާ ޗެމްޕިއަންސް ލީގުގެ އެ ޓީމުން ކުޅޭ އެއް މެޗު ގެއްލޭނެއެވެ.

މި ވަގުތު ފްރްނެޗް ލީގުގެ އެއްވަނައިގައި ޕީއެސްޖީ އޮތީ 12 ޕޮއިންޓުގެ ލީޑަކާއެކުއެވެ. އެގޮތުން ކުޅުނު 15 މެޗުން ޕީއެސްޖީއަށް 40 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ރެންއަށް 15 މެޗުން ލިބިފައިވަނީ 28 ޕޮއިންޓެވެ. މީގެ އިތުރުން ޕީއެސްޖީން ވަނީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް