ކ. މާލެ
|
30 ނޮވެންބަރ 2021 | އަންގާރަ 12:23
ރައީސް ޔާމީނުގެ ޖަލު ޙުކުމުގެ އިސްތިއުނާފު އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިއުން
ރައީސް ޔާމީނުގެ ޖަލު ޙުކުމުގެ އިސްތިއުނާފު އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިއުން
ރާއްޖެއެމްވީ
ޔާމީނުގެ ޖަލު ޙުކުމުގެ އިސްތިއުނާފް
ޔާމީނަށް ފަސް ފަހެތިން އިއްވި ހުކުމް ބާތިލު!
އަޑުއެހުންތައް އެންމެ ފުރަތަމަ ސުޕްރީމް ކޯޓުގައި ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު
އަޑުއެހުންތައް ކުރިއަށް ދިޔައިރު، ރައީސް ޔާމީނުގެ ފަރާތުން 3 ކަމެއް ހުށައަޅުއްވާފައިވޭ
ރައީސް ޔާމީނުގެ ފަރާތުން 22 އިސްތިއުނާފީ ނުކުތާއެއް ހުށައަޅުއްވާފައިވޭ

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ ރަށެއް ކުށްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، އެފައިސާއިން މަނީ ލޯންޑަރ ކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވާފައިވާ 5 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮފިއެވެ.

މި މައްސަލައިގައި ޙުކުމް ކުރެއްވުމުގެ އަޑުއެހުން އޮތީ އަންގާރަ ދުވަހުއެވެ. މި އަޑުއެހުމުގައި އެންމެ ފުރަތަމަ މައްސަލަ ބައްލަވާ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަނީ އެމަނިކުފާނުގެ ރައުޔު އިއްވަވާފައެވެ.

ފަނޑިޔާރު މަހާޒްގެ ރައުޔު:

ސުޕްރީމް ކޯޓަށް ހުށައެޅިފައިވާ އިސްތިއުނާފީ ނުކުތާތަކާއި ގުޅޭގޮތުން ފަނޑިޔާރު މަހާޒް ވިދާޅުވީ، ޝަރީއަތުގެ ކުރީގެ މަރުޙަލާއާ ގުޅޭ 7 ނުކުތާއެއް ރައީސް ޔާމީނު ހުށައަޅުއްވާފައިވާ ކަމަށެވެ. އެގޮތުން މި މައްސަލައިގައި ޔާމީނަށް މަނީ ލޯންޑަރިން ގެ ތުހުމަތާއި ގުޅިގެން ޤާނޫނީ އިންޒާރު ދީފައިވާކަން އެނގެން އޮންނަކަމަށާއި، އެ އިންޒާރުގައި ރައީސް ޔާމީން ސޮއި ކުރައްވާފައިވާކަންވެސް އެނގެން އޮންނަކަން ފަނޑިޔާރު މަހާޒް ފާހަގަ ކުރެއްވިއެވެ.

މި މައްސަލައިގެ ދައުވާއާއި ގުޅިގެން ޔާމީނުގެ މައްޗަށް ހިންގާފައިވާ ޝަރީއަތަކީ ހަމަހަމަކަމާއެކު ކުރިއަށް ގެންގޮސްފައިވާ ޝަރީއަތެއް ނޫންކަމަށް ޔާމީނު ވިދާޅުވި ނަމަވެސް، އެކަން އެނގޭ ހެއްކެއް ޔާމީނުގެ ފަރާތުން ކްރިމިނަލް ކޯޓުގައި ހުށައަޅުއްވާފައި ނުވާތީ ހައިކޯޓުންވެސް ވަނީ މި މައްސަލައިގެ ދައުވާއާއި ގުޅިގެން ޔާމީނުގެ މައްޗަށް ހިންގާފައިވާ ޝަރީއަތަކީ ހަމަހަމަކަމާއެކު ކުރިއަށް ގެންގޮސްފައިވާ ޝަރީއަތެއް ނޫންކަމަށް ބެލެވެން ނެތްކަމަށް ނިންމާފައެވެ. ފަނޑިޔާރު މަހާޒް ވަނީ ހައިކޯޓުގެ އެ ނިންމުމާމެދު ޤާނޫނީ ބަހުސެއްގެ ދަށުން ގޮތެއް ނިންމަވަން ޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅުއްވާފައެވެ.

ދައުވާ ސާފުނުވާކަމަށް ބުނެ ޔާމީނުގެ ފަރާތުން ހުށައެޅި ނުކުތާއާ ގުޅިގެން މަހާޒް ވިދާޅުވީ، މި ނުކުތާއާ ގުޅިގެން ހައިކޯޓުން ނިންމާފައިވަނީ ކުށާއި ގުޅޭ ތަފްސީލީ މައުލޫމާތު އެކަށީގެންވާ މިންވަރަށް ދައުވާ ފޯމުގައި ހިމެނިފައިވާނެ ކަމަށް ކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަލާއިރު، ވަކި އެއްޗެއް ހިމެނޭ ކުށެއް ނަމަ، އެ ކަމެއް ސާފުކޮށްދީ، ދައުވާ ސާފުވެފައި ނުވާނަަމަ ދައުވާ ސާފުކޮށްދޭން ޖެހޭނެ ކަމަށް މަހާޒް ވިދާޅުވިއެވެ. އަދި ޔާމީނު ވިދާޅުވާ ގޮތަށް ގއ ވޮޑަމުލާގެ ވާހަކަ ވަކިން ނެތުމަކީ ދައުވާގެ އުނިކަމެއްތޯ ބަލާއިރު، ދައުވާ ސާފު ކޮށްދިނުމުގެ މަރުޙަލާގައި ދައުލަތަށް ދެފަހަރު ދެގޮތަށް ވާހަކަ ދެކެވިގެން ނުވާނެކަން މާހަޒް ފާހަގަ ކުރެއްވިއެވެ. އެގޮތުން ބަލާއިރު، ދައުލަތުގެ ވާހަކައިގައި ފުށުއެރުމެއް ނުވަތަ ތަފާތެއްވެސް ނެތްކަން ފަނޑިޔާރު މަހާޒް ފާހަގަ ކުރެއްވިއެވެ. ވީމާ އެ ނުކުތާގައިވެސް ހައިކޯޓުން ނިންމި ނިންމުމަށް ފަނޑިޔާރު މަހާޒް ވަނީ ތާއީދު ކުރައްވާފައެވެ.

މައްސަލައިގެ ޝަރީއަތް ތާވަލު ކުރުމުގައި އިޖުރާއީ ގޯހެއް ނެތް ނަަމަވެސް، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު މައްސަލަ ތާވަލުކުރިއިރު މަޝްވަރާ ނުކުރުމުގެ ސަބަބުން އިޖުރާއީ އައިބެއް އައިކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. ނަމަވެސް ޝަރީއަތް ފެށުމުގައި އެކަމާ ގުޅިގެން ދިފާއުގެ ޙައްޤަކަށް އުނިކަމެއް އައިސްފައިނުވާކަމަށް ފަނޑިޔާރު މަހާޒް ނިންމެވިއެވެ. އެ ނުކުތާގައިވެސް ފަނޑިޔާރު ވަނީ ހައިކޯޓުގެ ނިންމުން ބާތިލުކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވާފައެވެ.

މައްސަލަ ބެއްލެވި ގާޒީންގެ ކަންބޮޑުވުންތަކެއް ހުރިކަން ބަޔާންކޮށް ކްރިމިނަލް ކޯޓަށް ޔާމީނުގެ ފަރާތުން ހުށައެޅީ ޝަރީއަތް ނިމުނުކަން އިއުލާނުކޮށް އަޑުއެހުންތައް ނިންމާލި ފަހުންނެވެ. ނަމަވެސް ޝަރީއަތުގެ އަޑުއެހުންތައް ނިމުނުކަން އިއުލާނު ކުރުމުގެ ފަހުން އެ މައްސަލަ ހުޅުވޭނީ ވަކި ޚާއްސަ އިސްތިސްނާ ޙާލަތްތަކެއް އައިސްގެންކަން ފާހަގަ ކުރައްވައި ފަނޑިޔާރު މަހާޒް ވިދާޅުވީ، މި މައްސަލައިގައި އެފަދަ އިސްތިސްނާ ޙާލަތެއް ނެތް ކަމަށެވެ. ވީމާ ގާޒީންގެ ބެންޗު ބާތިލުކަމަށް ބުނެ ހުށައެޅި ނުކުތާއަށްވެސް ފަނޑިޔާރު މަހާޒް ތާއީދު ކުރައްވާފައެއް ނުވެއެވެ.

ދިވެހި ފައިސާގެ ބަދަލުގައި ބޭރު ފައިސާއިން ޖޫރިމަނާކޮށްފައިވާ ކަމަށް ބުނެ ހުށައެޅި ނުކުތާއާ ގުޅޭގޮތުން ފަނޑިޔާރު މަހާޒް ވިދާޅުވީ، މަނިޓަރީ ޤަވާއިދުގެ 5 ވަނަ މާއްދާގައި ކޯޓުތަކުގެ ޖޫރިމަނާގެ ވާހަކަ އައިސްފައި ނުވާކަމާއި، މަނީ ލޯންޑަރިންގ ޤާނޫނުގެ 53 ވަނަ މާއްދާއަށް ބަލާއިރު ޔާމީން ލޯންޑަރ ކުރީ ޑޮލަރު ކަމަށްވުމުން، ޑޮލަރުން ޖޫރިމަނާ ކުރުން ޤާނޫނާ ޚިލާފު ނޫންކަމަށް ދައުލަތުން ބުނެފައިވާ ކަމަށެވެ. އެއީ ޤާނޫނުން ލިިބިދޭ އިޙުތިޔާރެއްކަން ފާހަގަ ކުރައްވައި ފަނޑިޔާރު ވަނީ އެ ނުކުތާގައިވެސް ހައިކޯޓުގެ ނިންމުމަށް ތާއީދު ކުރައްވާފައެވެ.

މީހެއްގެ މައްޗަށް ފުރަތަމަ ކުށް ސާބިތުވާއިރު ލުއި ޙުކުމެއް އިސްކުރުން އޮންނައިރު، ޖޫރިމަނާ އޮތީއެންމެ ބޮޑުމިންގަނޑުންކަމަށް ބުނެ ހުށައަޅާފައިވާ ނުކުތާއާ ގުޅޭގޮތުން ދައުލަތުން ވަނީ މާލީ ކުށަކަށް ދޭންވާނީ މާލީ އަދަބެއް ކަމަށް ދައުލަތަށް ޤަބޫލު ކުރެވޭކަން ފާހަގަކޮށްފައެވެ. ނަމަވެސް މި މައްސަލައިގައި ޖޫރިމަނާގެ އަދަބު އެންމެ މަތިން ދިނުމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމަށް ތާއީދުކޮށް ހައިކޯޓުން ނިންމި ނިންމުމަށް ފަނޑިޔާރު މަހާޒް ތާއީދެއް ނުކުރައްވައެވެ.

މި މައްސަލައިގައި ފަނޑިޔާރުން އިތުރަށް ސާފު ކުރަން ބޭނުންފުޅުވާ ކަންކަން ސާފު ކުރެއްވުމަށް 18 ނޮވެމްބަރުގައިއަޑުއެހުމެއްބާއްވާފައިވެއެވެ. އެ އަޑުއެހުމުގައި ސުވާލު ކުރައްވަމުން ފަނޑިޔާރު މަހާޒް ޢަލީ ވިދާޅުވީ، އިސްތިއުނާފް ކުރައްވާ ފަރާތުން ފާހަގަ ކުރެއްވި އެއް ނުކުތާ ކަމަށްވާ، މި މައްސަލައިގައި ވާހަކަ ދެކެވޭ އެއްމިލިއަން ޑޮލަރަކީ ވޮޑަމުލާގެ ފައިސާކަން ސާބިތު ނުވާކަމަށް ހުށަހަޅުއްވާފައި އިސްތިއުނާފީ ނުކުތާއާއި، އެ ނުކުތާއަށް ދެކެވުނު ވާހަކަތަކުގެ ތެރޭގައި، ކްރިމިނަލް ކޯޓަށް ހުށަހެޅުނު ލިޔުންތަކުގެ ތެރޭގައި، އެ ފައިސާއާ ގުޅޭ ޑިޕޮސިޓް ސްލިޕްގައިވާ  ޗެކް ނަމްބަރާއި، އެސްއޯފްގެ އެކައުންޓްގައި އޮތް ޗެކް ނަމްބަރާ ދިމާ ނުވާކަން ފާހަގަކޮށްފައިވާ ކަމަށެވެ. ޗެކް ހުށަހެޅިފައިވާ ނުވާކަމަށް އިސްތިއުނާފު ކުރާފަރާތުން ބުނެފައިވާކަމަށެވެ.

އެ ޗެކްގައިވާ ޗެކް ނަމްބަރާ އެސްއޯފްގެ އެކައުންޓުގައި ވާ ނަމްބަރާ ދިމާނުވަކީ ކީއްވެގެންތޯ ފަނޑިޔާރު ސުވާލު ކުރެއްވުމުން ދައުލަތުގެ ވަކީލު ވިދާޅުވީ، އެސްއޯފްގެ އެކައުންޓްގައިވާ ނަމްބަރާ ޗެކް ނަމްބަރާ ދިމާ ނުވަނީ އެންޓަރ ކުރިއިރު ދިމާވެފައިވާ ކަމެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށާއި، ދައުލަތުން ހުށަހަޅާފައިވާ އެކައުންޓް ސްޓޭޓްމެންޓްގައި އެ ތާރީޚުގައި އެކައުންޓަށް އެ އަދަދަށް ފައިސާ ވަދެފައިވާ ކަމަށް ފެންނަން އެބައޮތް ކަމަށެވެ. 

ދައުވާކުރިއިރު އެކަން އެގޮތަށް އޮތްކަން އެނގޭތޯ ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ، ދައުވާ ކުރިއިރު އެކަން ސާފުވެފައި ނުވާ ކަމަށާއި، އެހެންނަމަވެސް ފަހުން ތަހުގީގުކުރާ ފަރާތްތައް މެދުވެރިކޮށް އެކަން ސާފު ކުރެއްވިކަމަށެވެ. ތަހުގީގުކުރާ ފަރާތުންވެސް އެއީ ބޭންކް ސްޓޭޓްމެންޓަށް އެންޓަރ ކުރުމުގައި އަރާފައިވާ އޮޅުމެއް ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ސްޓޭޓްމެންޓާއި ސްލިޕަކީ ބެންކުން ހޯދާފައިވާ ލިޔުންތަކެއް ކަމަށް ތަހުގީގުކުރާ ފަރާތުން ބުނެފައިވާ ކަމަށާއި، މައްސަލައިގެ ތެރެއިން ދައުލަތަށް އެ ޗެކް ލިބިފައިނުވާ ކަމަށް ވަކީލު ވިދާޅުވިއެވެ.

އެއާއެކު، ފައިސާއާ ގުޅޭ ޑިޕޮސިޓް ސްލިޕްގައިވާ  ޗެކް ނަމްބަރާއި، އެސްއޯފްގެ އެކައުންޓްގައި އޮތް ޗެކް ނަމްބަރާ ދިމާ ނުވާކަން ފާހަގަކޮށް ޔާމީނުގެ ފަރާތުން ހުށައެޅި ނުކުތާއާ ގުޅޭގޮތުން ފަނޑިޔާރު މަހާޒް ވިދާޅުވީ، ޑިޕޮސިޓް ސްލިޕްތަކަކީ އަތު ލިޔުމުން ލިޔެފައިވާ ލިއެކިއުންތަކަށްވާއިރު، އެކަން ކަށަވަރު ކުރުމަށް އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ ޒިޔަތުގެ މައްސަލައިގައި ޝަރީއަތް ނިންމި ގޮތުގެ ފުރިހަމަ ރިޕޯޓު ބެއްލެވި ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ފަނޑިޔާރު ވިދާޅުވީ، މިއީ ދަށު ކޯޓުގެ މަރުޙަލާއިން ފާހަގަވާން ޖެހޭ ޝައްކެއް ކަމަށެވެ. އެ ފައިސާއަކީ ވޮޑަމުލާގެ 1 މިލިއަން ޑޮލަރުކަމާމެދު ޝައްކު އުފެދޭ ކަމަށާއި، އެންމެ ފަހުން ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން އެ ޝަައްކަށް ޖަވާބުދާރީވެވިފައި ނުވާކަން ފަނޑިޔާރު މަހާޒް ފާހަގަ ކުރެއްވިއެވެ. އަދި އެ ވާޤިއާ އިތުރަށް ކަށަވަރު ކުރަންޖެހޭނެކަންވެސް ފަނޑިޔާރު މަހާޒް ފާހަގަ ކުރެއްވިއެވެ.

މި މައްސަލައިގައި ދައުލަތުން ހުށައެޅި ޝަފަހީ ހެކިވެރިއެއް ކަމަށްވާ މުއައްވިޒު ރަޝީދުގެ ހެކިބަހަކީ ޔާމީނުގެ އެކައުންޓަށް ޖަމާވި ފައިސާއާމެދު ޝައްކެއް އުފެއްދުމަށް އެކަށީގެންވާ ސަބަބެއް ޤާއިމު ކުރެވޭ ހެކިބަހެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ. އަދި މުއައްވިޒު ރަޝީދުގެ ހެކިބަހަށް ބުރަ ނުވެވޭނެ ކަމަށް ޔާމީނުގެ ފަރާތުން އައު ހެއްކެއްގެ ގޮތުން ހުށައަޅާފައިވާއޯޑިއޯއަކީ މި މައްސަލައިގައި ރިއާޔަތް ކުރެވޭނެ ހެއްކެއް ނޫންކަމަށް ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ.

އަދި އަހުމަދު އަދީބާއި، އަބްދުﷲ ޒިޔަތުގެ ހެކިބަހަށް ބާރު ލިބިދޭ އެހެން ހެކިތަކެއް ނެތް ޙާލަތުގައި އެ ދެފަރާތުގެ ހެކިބަހަށް ބުރަދަން ދިނުން ރައްކާތެރި ނޫންކަމަށްވެސް ފަނޑިޔާރު މަހާޒް ދެކިވަޑައިގަންނަވައެވެ.

މި މައްސަލައިގައި ސިޔާސީ ޕާޓީތަކުގެ ޤާނޫނު ތަތުބީޤު ކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ ޔާމީނުގެ ފަރާތުން ހުށައެޅި ނުކުތާއަށްވެސް ފަނޑިޔާރު މަހާޒް ތާއީދު ކުރައްވައެވެ.

ޖުމުލަ ގޮތެއްގައި މި މައްސަލައިގެ ރައުޔު އިއްވަވަމުން ފަނޑިޔާރު މަހާޒް ވަނީ ކްރިމިނަލް ކޯޓާއި ހައިކޯޓުގެ ޙުކުމް ބާތިލު ކުރުމަށް ފެނިވަޑައިގަންނަވާ ކަމަށް ނިންމަވާފައެވެ. ނަމަވެސް ފަނޑިޔާރު ވަނީ ތަހުގީގީ އިދާރާތަކުން ބަލަމުންދާ ފައިސާތަކެއް އަމިއްލަފުޅަށް އިންވެސްޓު ކުރެއްވުމަކީ ޤާނޫނީ ވެރިކަމަށް ނުބައްލަވައި، އަމިއްލަ މަސްލަޙަތު އިސްކުރެއްވުން ކަމަށް ވިދާޅުވެފައެވެ. ވީމާ މިއީ ބެލޭނެ މައްސަލައެއް ކަމަށާއި، ދައުލަތަށް އެ ޙައްޤު ލިބިގެންވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ފަނޑިޔާރު މަހާޒްގެ ރައުޔަށް ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މުޙައްމަދު އިބްރާޙިމް ތާއީދު ކުރައްވައެވެ.

ވަކިވަކިން ނުކުތާތަކާއި ގުޅިގެން ރައުޔު އިއްވަވާފައިވާއިރު، ފަނޑިޔާރު މަހާޒް ވަނީ މައްސަލައިގައި ކަން ހިނގާފައިވާ ގޮތްވެސް ޚުލާސާ ގޮތެއްގައި ވިދާޅުވެފައެވެ.

ކަން ހިނގާފައިވާ ގޮތް:

ރަށްތަކާއި ފަޅުތަކާއި ބިންތައް ދޫކޮށްގެންނާއި އެނޫންވެސް ގޮތްތަކުން 79.37 މިލިއަން ޑޮލަރު (1.22 ބިލިއަން ރުފިޔާ) ދައުލަތަށް ލިބެންޖެހޭކަން ފަނޑިޔާރު މަހާޒް ފާހަގަ ކުރެއްވިއެވެ. އޭގެ ތެރެއިން ރައީސް ޔާމީނުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ނިންމައި، ހައިކޯޓުންވެސް ތާއީދު ކޮށްފައިވަނީ ގއ ވޮޑަމުލާ ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ލިބިފައިވާ ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާވި މައްސަލައިގައެވެ.

ފަނޑިޔާރު މަހާޒް ވިދާޅުވީ، ރިޔާސީ ލޯންޗު ގޮއްވާލި ޙާދިސާއަށްފަހު އަދީބަށް ގުޅައި، އަދީބު އަތުގައިވާ ޔާމީނުގެ ފައިސާ އަނބުރާ ދެއްވުމަށް ފޯނުން އެދިފައިވާނެ ކަމަށް ރައީސް ޔާމީނު ވިދާޅުވާ ކަމަށެވެ. އަދި އެ ފައިސާ ޖަމާކުރާނެ އެކައުންޓުވެސް ފޯނުން ކިޔާދިންކަމަށް ޔާމީނު ވިދާޅުވި ނަމަވެސް، އެކަމަށް އަދީބު އިންކާރު ކުރާކަން ފަނޑިޔާރު ފާހަގަ ކުރެއްވިއެވެ. ނަމަވެސް ޔާމީނު އެ ވިދާޅުވާ މުއާމަލާތެއް ހިނގީ ކޮން އިރެއްގައި ކަމާއި އޭގެ ތަފްސީލެއް ސާފުވެފައި ނުވި ނަމަވެސް، 5 ލައްކަ ޑޮލަރުގެ މަގުން ޖުމުލަ 1 މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ޖަމާވެފައިވާކަން އެނގެން އޮންނަކަން ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ. މި ފައިސާ ޖަމާކޮށްފައިވަނީ އަހުމަދު އިޝްފާހުކަން ސްލިޕްތަކުން އެނގެން އޮވެއެވެ.

ޔާމީން ވިދާޅުވާ ގޮތުގައި އަދީބު އެ ފައިސާ އަނބުރާ ދެނީ އެސްއޯއެފް މެދުވެރިކޮށްކަން ޔާމީނަށް އެނގިވަޑައިނުގަންނަވައެވެ. އެކަން އެނގިވަޑައިގަތީ އޭސީސީގެ ރައީސް ޙަސަން ލުތުފީ ގުޅުއްވާފައި ވިދާޅުވުމުން ކަމަށް ރައީސް ޔާމީނު ވިދާޅުވެއެވެ. ނަމަވެސް ޔާމީނު ވަނީ ޖެނެރަލް އިންވެސްޓްމަންޓު އެކައުންޓަށް އެ 1 މިލިއަން ޑޮލަރު ޖަމާ ކުރެއްވުމުގެ ކުރިން ޖަމާވެފައިވާ ބައެއް ފައިސާއާއެކު ޖުމުލަ ތިން މިލިއަން ހަތަރުލައްކަ ތޭރަހާސް ދުއިސައްތަ ފަންސާސް އެމެރިކާ ޑޮލަރު ޖެނެރަލް އިންވެސްޓްމަންޓު ޕްލަސް އެކައުންޓުގައި ދައުރުކޮށް ފައިދާ ހޯއްދަވާފައެވެ.

އޭސީސީން އެ މައްސަލަ ސަމާލުކަމަށް ގެނައުމަށްފަހު، ރައީސް ޔާމީނާއި އޭސީސީއާދެމެދު ވެފައިވާ އެކްސްކްރޯ އެއްބަސްވުމާގުޅޭ ތަފްސީލުތައްވެސް ފަނޑިޔާރު މަހާޒް ވަނީ ހިއްސާ ކުރައްވާފައެވެ. އަދި އޭރު ރައީސް ޔާމީނު ޖަމާ ކުރެއްވި އެއް މިލިއަން ޑޮލަރާއި ގުޅިގެން ފެންމަތިވި ސުވާލުތަކާއި ކަމާބެހޭ ފަރާތްތަކުން ހިންގި ތަހުގީގުތަކުގެ ތެރެއިން، މަނީ ލޯންޑަރިންގ ގެ ޙަރަކާތެއް ނުވަތަ އަމަލެއް ހިންގުމުގެ ކުށް ހިމެނި، ޤާނޫނީ އިންޒާރު ދެވިގެން ދިޔައެވެ. އޭގެ 36 ދުވަސް ފަހުން ޔާމީނަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ދައުވާ އުފުލިއެވެ.

ޔާމީނުގެ މައްޗަށް ދައުވާ އުފުލައި ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތުގެ އަޑުއެހުންތައް ނިންމައި، 5 އަހަރަށް ޖަލަށް ލުމާއެކު، 5 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރުމަށްޙުކުމްކުރިއެވެ. އެ ޙުކުމަށްހައިކޯޓުންވެސްތާއީދު ކުރިއެވެ.

ފަނޑިޔާރު މަހާޒް ވަނީ މައްސަލަ ދިރާސާ ކުރެއްވިއިރު ދިމާވި ބައެއް ދަތިތައްވެސް ހިއްސާ ކުރައްވާފައެވެ. އެގޮތުން މި މައްސަލައިގައި ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ސުޕްރީމް ކޯޓުން ބަލަންޖެހޭއިރު، މިއީ މިހާތަނަށް ހައިކޯޓުން ލިޔެފައިވާ އެންމެ ދިގު ޙުކުމްކަން ފަނޑިޔާރު މަހާޒް ފާހަގަ ކުރެއްވިއެވެ. ފަނޑިޔާރު ވިދާޅުވީ، އިސްތިއުނާފީ ހުރިހާ ނުކުތާއަކަށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ޝަރީއަތުން ދެފަރާތައްވެސް ދެއްވާފައިވާނެ ކަމަށެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލައާ ގުޅިގެން މީގެ ކުރިން ބޭއްވުނު އަޑުއެހުންތަކުގެ ޚުލާސާއެއް:

މި މައްސަލައިގެ އަޑުއެހުންތައް އެންމެ ފުރަތަމަ ސުޕްރީމް ކޯޓުގައި ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ. މި މައްސަލައިގައި ރައީސް ޔާމީނުގެ ފަރާތުން22އިސްތިއުނާފީ ނުކުތާއެއް ހުށައަޅާފައިވާއިރު، ތަފްސީލީ ގޮތެއްގައި އިސްތިއުނާފީ ނުކުތާތަކަށް ދެފަރާތުން ވާހަކަ ދައްކާފައިވެއެވެ.

އޭގެ އިތުރުން، އަޑުއެހުންތައް ކުރިއަށް ދިޔައިރު، ރައީސް ޔާމީނުގެ ފަރާތުން މައިގަނޑު 2 ކަމެއް ހުށައަޅުއްވާފައިވެއެވެ. އެއީ އެމަނިކުފާނުގެ ޙުކުމް ތަންފީޒު ކުރުން ފަސްކޮށްދިނުމުގެ އަމުރެއް ނެރެދެއްވުމާއި، ކަފާލާތުގެ ދަށުން ދޫކޮށްލެއްވުމުގެ އިތުރުން، އައުހެކިތަކެއްހުށައެޅުއްވުމެވެ. މި ކަންކަމަށް ތަފްސީލީ ގޮތެއްގައި ޔާމީނުގެ ފަރާތުންނާއި، ދައުލަތުން ވާހަކަ ދައްކާފައިވާއިރު، ޖަލު ޙުކުމް ތަންފީޒު ކުރުން ފަސްކޮށްދިނުމާއި، ކަފާލާތުގެ ދަށުން ދޫކޮށްލުމުގެ އަމުރެއްނެރެދެވެންނެތްކަމަށް ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ ނިންމަވާފައެވެ.

އެހެންނަމަވެސް، ޙުކުމުގައި ހިމެނޭ ޖޫރިމަނާ ފައިސާ ހޯދުން ފަސްކޮށްދިނުމުގެއަމުރެއްއޭރު ސުޕްރީމް ކޯޓުން ނެރެދެއްވާފައިވެއެވެ. އެގޮތުން 3 ފަނޑިޔާރުންގެ އިއްތިފާޤުން ނިންމަވާފައިވަނީ ޔާމީނުގެ ޙުކުމުގެ ފައިސާ ހޯދުމުގެ ކަންކަން އެއްވެސް ކޯޓެއްގައި ކުރިއަށް ގެންގޮސް ގޮތެއް ނިންމަވައިފިނަމަ، ސުޕްރީމް ކޯޓަށް ހުށައެޅިފައިވާއިސްތިއުނާފު މައްސަލައަށް އޭގެ އަސަރު ކުރާނެ ކަމަށެވެ. ވުމާއެކު މި މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނިމެންދެން ޖޫރިމަނާ ފައިސާ ހޯދުމުގެ ގޮތުން އެއްވެސް ކޯޓެއްގައި އަދި ދައުލަތުގެ އެއްވެސް އިދާރާއެއްގައި މައްސަލައެއް ކުރިއަށް ނުގެންދިއުމަށް ސުޕްރީމް ކޯޓުން އެ އަޑުއެހުމުގައި އޭރު އޮތީ ދައުލަތުގެ އިދާރާތަކުގެ މައްޗަށް އަންގައި އަމުރުކޮށްފައެވެ.

މި މައްސަލައިގައި ރައީސް ޔާމީނުގެ ފަރާތުންނާއި، ދައުލަތުގެ ފަރާތުން މައްސަލައާ ގުޅޭގޮތުން ޚުލާސާ ގޮތެއްގައި ވާހަކަ ދެއްކެވުމަށް ފަހު ފުރުސަތެއް ދެއްވައި، އަޑުއެހުންތައް ނިންމަވާލެއްވީ 5 އޮކްޓޯބަރުގައެވެ.

- ކޮމެންޓް