ކ. މާލެ
|
30 ނޮވެންބަރ 2021 | އަންގާރަ 07:25
މާލޭ މަސްމާރުކޭޓުގެ މަތީގައި މަސްތުގެ ހާލުގައި ތިބި ބައެއް
މާލޭ މަސްމާރުކޭޓުގެ މަތީގައި މަސްތުގެ ހާލުގައި ތިބި ބައެއް
ރާއްޖެއެމްވީ
މަސްތުވާތަކެތި
މަސްމާރުކޭޓުގެ މަތި މަސްތުވާތަކެތީގެ އައްޑާއަކަށް!
 
އެމީހުން އެތަނުގައި ތިބެގެން މަސްތުވެ، ނިދައި، ކައި، ބޮއެ ހަދާ
 
މަސްމާރުކޭޓުގެ މަތީގައި މިފަދަ ގިނަ ބަޔަކު އުޅޭ
 
މަސްތުވާތަކެތި ބޭނުންކުރާ މީހުން ދަނީ އެކި ސަރަހައްދުތަކަށް ޖަމާވަމުން

ދިވެހިރާއްޖޭގައި މަސްތުވާތަކެތި އާންމުވެފައިވަނީ އިއްޔެއަކު، މިއަދަކު ނޫނެވެ. މިއީ އަބަދުވެސް އޮތް ބޮޑު މައްސަލައެކެވެ. މީގެ ކުރިން މި ވާހަކަތައް ދެއްކޭ މިންވަރު މަދީއެވެ. ކުރިއާ އަޅާ ބަލާއިރު، މިހާރު މި ވާހަކަތައް ގިނައިން ދެކެވެނީ ކީއްވެހެއްޔެވެ؟.

މީގެ ކުރިން މަސްތުވާތަކެތި ބޭނުންކުރާ މީހުން އެކަމެއް ކުރަމުންދިޔައީ އެކަމަށް ޚާއްސަކޮށްފައިހުރި އައްޑާތަކުގައެވެ. މިއީ މީގެ ކުރިން އެއްވެސް ސަރުކާރަކުން އިނގިލީގެ ކުރިވެސް ޖައްސާލާފައި ހުރި ތަންތަނެއް ނޫނެވެ. އެހެންނަމަވެސް މި ސަރުކާރުން ވަނީ މިފަދަ ތަންތަން ދެނެގަނެ، އެތަންތަން ބަންދުކޮށްފައެވެ. އަދި އެމީހުންނަށް އެތަންތަނަށް ނުވަދެވޭގޮތަށް ފުލުހުން ވަނީ އެތަންތަނުގައި ޑިއުޓީވެސް ކުރަން ފަށާފައެވެ. މި ތަންތަނަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހި، ވަންނާނެ ގެދޮރެއްހާ ވަރުވެސް ނެތް މީހުން ދިރިއުޅެމުން ދިޔަ ތަންތަނެވެ. އެތަންތަން ބަންދުކުރީމަ ދެން ވާނެ ގޮތް މިހާރު މި ފެންނަނީއެވެ.

އެތަންތަނުގައި ނިދައި، ކައި، ބޮއެ، ފާހާނާކޮށް ހަދަމުން އައި މީހުން ނިކުންނަން ޖެހުނީ މަގުމައްޗަށެވެ. އެމީހުން ދިރިއުޅެމުންދަނީ މަގުމަތީގައެވެ. ފަޅަށް ހުންނަ ގޭގެއާއި، ފަސޭހައިން ވަދެވެން ހުންނަ ގޭގޭގެ ތިރީގައާއި ސިޑި މަތީގައި އުޅެން ފެށީއެވެ. ނުވިތާކަށް ހުޅުމާލެ ފޭސް 2 ގައި އަލަށް މީހުން ދިރިއުޅެން ފަށާފައިވާ ހިޔާ ފްލެޓްތަކަށްވެސް ޖަމާވާން ފެށީއެވެ. އެމީހުން ގެންދަނީ އެތަންތަނުގައި މަސްތުވެ، އެތަނަށް ފާޚާނާކޮށް، ނިދައި ހަދަމުންނެވެ.

މިކަންކަމާހުރެ އެތަންތަނުގައި ދިރިއުޅޭ މީހުންގެ ޝަކުވާތައް އިންތިހާއަށް ހުރިއިރު، މަސްމާރުކޭޓު ސަރަހައްދަށް ގޮސްލުމުންވެސް ހަމަ މިފަދަ ޝަކުވާތަކެއް ލިބިގެންދިޔައެވެ. މަސްމާރުކޭޓުގެ މައްޗަށް މިފަދަ ބަޔަކު ޖަމާވެ، އެތަނުގައި މަސްތުވެ، ނިދައި، ފާޚާނާކޮށް ހަދާ ކަމަށް އެ ސަރަހައްދުން ވާހަކަ ދެއްކި މީހުން ބުންޏެވެ. އެތަނުގެ މައްޗަށް އަރައި ބަލާލިއިރު، ފެނުނީ ހަމަ އެ މަންޒަރެވެ. އެތަން އެމީހުންގެ "އައްޑާ"އަކަށް ވީއެވެ. އެތަން ވަނީ މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ގެދޮރު ފަދަ ތަނަކަށް ވެފައެވެ. އޭރު އެތަނުގައި ތިބި އެއް ބަޔަކު ތިބީ މަސްތުވެގެން ނިދާފައެވެ. އަނެއް ބަޔަކު މަސްތުވަނީއެވެ. އެމީހުން ތިބި ތަނުގެ ކައިރީގައި ހުންނަ ހޮޓަލަށް ވަންނަ މީހުންނަށްވެސް މި މަންޒަރުތައް ފެނެއެވެ. އެހެންނަމަވެސް އެކަން ކުރާ މީހުންގެ އެއްވެސް ފަރުވާލެއް ނެތެވެ.

އެމީހުން އެތަނުގައި އެ ތިބެނީ ކީއްވެގެންތޯ ސާފުކޮށްލަން އެއިން މީހަކު ކައިރީގައި އަހައިލުމުން ބުނީ ބޭރަށް ނުގޮސް އެތަނުގައި ތިބޭށޭ އެމީހުން ކައިރީގައި ބުނީ ފުލުހުން ކަމަށެވެ. އަދި އެމީހުން ބޭރަށް ދޭތޯ، ނުދޭތޯ ބަލަން ފުލުހުން އެތަނަށް ދާ ކަމަށްވެސް ވާހަކަ ދެއްކި މީހާ ބުންޏެވެ. އެތަނުން ނިކުމެއްޖިއްޔާ 4 ގަޑިއިރަށް ފުލުހުންގެ ހައްޔަރަށް ގެންދާނެ ކަމަށް ފުލުހުން ބުނެފައިވާކަމަށް އޭނާ ކިޔައިދިނެވެ.

ފުލުހުން ބަރާބަރަށް ބަލާނެ އަހަރުން ބޭރަށް ދޭތޯ ނުދޭތޯ. މަގުމަތީ އެނބުރުނަ ނުދޭންވެގެން ފުލުހުން ބުނާނެ މިތަނުން ބޭރަށް ނުދާށޭ. އަހަންނަނަށް ގަބޫލުކުރެވެނީ މަގުމަތީ އެނބުރޭ ކަމުގައި ވަންޏާ ކޮންމެވެސް ވައްކަމެއް ކޮންމެވެސް ބަޔަކު ކޮށްފާނެތީވެ އެމީހުން އެ ބުނަނީ އެމީހުންނަށް ފަސޭހައަކަށް މިތަނުން ބޭރަށް ނުދައްޗޭ. މިތަނުން ބޭރަށް ގޮއްސިއްޔާ ހައްޔަރަށް ގެންދާނަމޭ 4 ގަޑިއިރަށް.

އޭނާ ކިޔައިދިން ގޮތުގައި އެތަނުގައި ތިބި އެންމެންނަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނެވެ. އަދި ވަންނާނެ ގެދޮރެއް ނެތި މަގުމަތިވެފައިވާ އެތައް ބަޔަކު އެތަނުގައި އުޅޭ ކަމަށް އޭނާ ކިޔައިދިނެވެ. އެމީހުން އެތަނުގައި ތިބެނީ ފޮށިގަނޑު އަޅައިގެންނެވެ. އެތަނަށް އެކި ރޭރޭ އެކި މީސް މީހުން ދާކަމަށް އޭނާ ކިޔައިދިނެވެ.

ރާއްޖެއެމްވީއާ ވާހަކަ ދެއްކި މީހާ އެއިރު އިނީ ކަރުގައި އަޅާ ފަށެއް ސާފުކުރާށެވެ. ކީއްކުރަނީތޯ އަހާލުމުން ބުނީ އެއީ އެމީހުން ކާން ބޯން، ލާރި ހޯދަން ކުރާ މަސައްކަތް ކަމަށެވެ. އެމީހުން ލާރި ހޯދަނީ އެކަހަލަ އެކި އެއްޗެހި ވިއްކައިގެން ކަމަށް އެމީހާ ބުންޏެވެ.

އަހަރެންނަކީ މަސްތުވާ އެއްޗެހިވެސް ބޭނުންކުރާ މީހެއް. އެހެންވީމަ މަސްތުވާ އެތިކޮޅުވެސް ވައްކަން ނުކޮށް އަހަރެންނަށް ބޮވެން އޮންނަނީ ކޮންމެވެސް ފިހާރައަކުން އުކާލާ އެއްޗެއް ނޫނީ ރައްޓެއްސަކު ދޭ އެއްޗެއް މިގޮތަށް އޮފްކޮށްލައިގެން ވިއްކައިގެން. އަހަރެން ވައްކަމެއް ނުކުރަން.

އެތަނުން ވާހަކަދެއްކި މީހުން ބުނި ގޮތުގައި އެކަމުން ސަލާމަތްވާން އެމީހުން ބޭނުންވެއެވެ. އަދި ރަނގަޅު ގޮތުގައި މުޖުތަމައަށް ނިކުމެ، ރަނގަޅު ވަޒީފާތަކަށް ދާންވެސް އެމީހުން ބޭނުންވެއެވެ. އެހެންނަމަވެސް އެތައް ފަހަރެއްގެ މަތިން ރިހެބިލިޓޭޝަނަށް ގެންގޮސްވެސް އެކަށީގެންވާ ފަރުވާއެއް އެމީހުންނަށް ނުދޭ ކަމަށް އޭނާ ކިޔައިދިނެވެ. އަދި ފަރުވާއަށްފަހުވެސް އެމީހުންގެ ކަންކަން ރަނގަޅަށް ނުބަލާ ކަމަށް އެމީހުން ބުނެއެވެ. އަނެއްކާވެސް އެމީހުން ނިކުންނަނީ މަގުމައްޗަށެވެ. އަނެއްކާވެސް ވަންނަނީ މަސްތުވާތަކެތީގެ ތެރެއަށެވެ.

މިހާހިސާބުންވެސް އެނގެނީ ގައުމުގެ ހާލަތު އެއްކޮށް ބޮއްސުން ލައިގެން ގޮސްފައިވާކަމެވެ. މަސްތުވާތަކެތި ބޭނުންކުރާ އެތައް ބަޔަކަށް ފަރުވާ ނުދެވި އެމީހުން ވަނީ މަގުމަތިވެފައެވެ. އެންމެންގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާކަން ފުލުހުންނަށް އެނގޭއިރުވެސް އެމީހުން އެކުރާ ކަމެއް ކުރަން ދޫކޮށްލާފައި ތިބީއެވެ. މަގުމަތީގެ އަމާންކަމާއި، ރައްކާތެރިކަމަށްޓަކައިވިޔަސް، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ބަޔަކު އެ ތިބީ ހަމަ ދޫކޮށްލާފައެވެ. މިކަން މިހާ ބޮޑަށް އަތްދަށުން ދޫވެފައިމިވަނީ ކިހިނެއްވެގެންހެއްޔެވެ؟ އެމީހުންނަށް ބޭނުންވާ ފުރިހަމަ ފަރުވާ ނުދެވި އަނެއްކާވެސް މިކަމުގެ ތެރެއަށް މީހުން ވަންނަނީ ކީއްވެހެއްޔެވެ؟ މިކަމުގެ ޒިންމާ ނަގާނީ ކާކުހެއްޔެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
75%
25%
0%
0%
ކޮމެންޓް
30 ނޮވެންބަރ 2021 | އަންގާރަ 08:28
ނަން
އެއްޗެހި ނުވިއްކާ މަހަށް ދިޔައިއްޔާ ކިހިނެއް ވާނެ؟ އޭރުން ދޯނީގައި އޮވެވޭނެ. ކާންވެސް ލިބޭނެ. ބޯ ހާސްވާން ލިބޭ ވަގުތުވެސް މަދު ވާނެ.