ކ. މާލެ
|
30 ނޮވެންބަރ 2021 | އަންގާރަ 02:14
ބަލޮންޑޯ އެވޯޑާއެކު އާޖެންޓީނާ އަދި ޕީއެސްޖީގެ ތަރި ލިއޮނެލް މެސީ
ބަލޮންޑޯ އެވޯޑާއެކު އާޖެންޓީނާ އަދި ޕީއެސްޖީގެ ތަރި ލިއޮނެލް މެސީ
ގެޓީ އިމޭޖަސް
ބަލޮންޑޯ އެވޯޑް
ބަލޮންޑޯ އެވޯޑް ހަތްވަނަ ފަހަރަށް މެސީއަށް
 
އުއްމީދީ ކުޅުންތެރިޔާއަށްދޭ ކޮޕާ ޓްރޮފީ ހާސިލުކުރި ޕެޑްރީ
 
އެންމެ މޮޅު ޓީމަކަށް ހޮވުނީ ޔޫރަޕުގެ ޗެމްޕިއަން ޗެލްސީ
 
ބަލޮންޑޯ އެވޯޑް ލިބުނު އަންހެން ކުޅުންތެރިއަކީ ޕުޓެއްޔަސް

ފްރާންސް ފުޓްބޯޅަ މަޖައްލާއިން ދޭ ބަލޮންޑޯ އެވޯޑް ހަތްވަނަ ފަހަރަށް އާޖެންޓީނާ އަދި ޕީއެސްޖީގެ ތަރި ލިއޮނެލް މެސީ ހޯދައިފިއެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބަލޮންޑޯ އެވޯޑަކީ 1956 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. ފްރާންސް ފުޓްބޯޅަ މަޖައްލާއިން ބަލޮންޑޯ އެވޯޑް ދޭއިރު، މީގެ ކުރިން މި އެވޯޑް ދެމުން އައީ ފީފާއާ ގުޅިގެންނެވެ. މި އެވޯޑާ ފީފާއާ ވަކިވި ނަމަވެސް، 2016 ވަނަ އަހަރުން ފެށިގެން ފްރާންސް ފުޓްބޯޅަ މަޖައްލާއިން އަންނަނީ ގަވާއިދަށް ބަދަލުގެނެސް އެވޯޑް ދެމުންނެވެ.

މި އަހަރުގެ އެވޯޑް މެސީ ހާސިލުކުރިއިރު، މި އެވޯޑް އެންމެ ގިނައިން ހޯދާފައިވާ ކުޅުންތެރިޔަކީވެސް މެސީއެވެ. އެގޮތުން މެސީ ހަތް ފަހަރު ބަލޮންޑޯ އެވޯޑް ހޯދާފައިވާއިރު، އޭނާއާ އެންމެ ވާދަވެރި ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް މި އެވޯޑް ހާސިލުކުރެވިފައިވަނީ ފަސް ފަހަރެވެ. މި އަހަރުގެ ކުރިން މެސީ ބަލޮންޑޯ އެވޯޑް ހާސިލުކޮށްފައިވަނީ 2009، 2010، 2011، 2012، 2015 އަދި 2019 ވަނަ އަހަރެވެ.

މި ފަހަރުގެ ބަލޮންޑޯ އެވޯޑް މެސީ ހޯދިއިރު، އޭނާ ވަނީ އާޖެންޓީނާއާއެކު މި އަހަރުގެ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފައެވެ. މިއީ އާޖެންޓީނާއާއެކު މެސީގެ ކާމިޔާބުކުރި ފުރަތަމަ ބޮޑު މުބާރާތެވެ. އަދި މި ފަހަރުގެ ކޮޕާ އެމެރިކާގައި މެސީ ތަފާތު މޮޅު ކުޅުމެއް ދެއްކިއިރު، މެސީ ވަނީ މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި، މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ. އެކަމަކު މިދިޔަ ސީޒަނުގައި މެސީއަށް ކުލަބު ކެރިއަރުގައި ކާމިޔާބުކުރެވުނު ހަމައެކަނި މުބާރާތަކީ ބާސެލޯނާއެކު ސްޕެނިޝް ކަޕެވެ. ނަމަވެސް މެސީ ވަނީ މިދިޔަ ސީޒަނުގެ ސްޕެނިޝް ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

މި އަހަރުގެ އެވޯޑް މެސީ ހާސިލުކުރިއިރު، ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރު މި އެވޯޑް ދީފައެއް ނުވެއެވެ. މިދިޔަ އަހަރުގެ އެވޯޑް ހާސިލުކުރާނެކަމަށް އެންމެ ބޮޑަށް ބެލެވުނު ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޮލެންޑުގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީއަށް މި ފަހަރުގެ އެވޯޑުގައި ލިބުނީ ދެވަނައެވެ. އެކަމަކު އޭނާ ވަނީ މި އަހަރުގެ އެންމެ މޮޅު ފޯވާޑުގެ މަގާމު ހޯދާފައެވެ.

ބަލޮންޑޯ އެވޯޑް ދިނުމުގެ ހަފުލާ ހޯމަ ދުވަހުގެރޭ ޕެރިހުގައި ބޭއްވިއިރު، އެންމެ އުއްމީދީ ކުޅުންތެރިޔާއަށްދޭ ކޮޕާ ޓްރޮފީ މި އަހަރު ހާސިލުކުރީ ދާދި ފަހުން ޔޫރަޕިއަން ގޯލްޑަން ބޯއި އެވޯޑުވެސް ހާސިލުކުރި ބާސާއަށް ކުޅެމުން އަންނަ ސްޕެއިނުގެ ޒުވާން ތަރި ޕެޑްރީއެވެ. އަދި އެންމެ މޮޅު ގޯލްކީޕަރަށްދޭ ޔާޝީން ޓްރޮފީ މި ފަހަރު ހާސިލުކޮށްފައިވަނީ މި އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިޓަލީގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާއެވެ.

މީގެ އިތުރުން މި އަހަރު މުޅިން އަލަށް ތައާރަފުކުރި އެންމެ މޮޅު ޓީމަކަށް ޔޫރަޕުގެ ޗެމްޕިއަން ޗެލްސީން ހޮވުނުއިރު، މި ފަހަރުގެ ބަލޮންޑޯ އެވޯޑް ހާސިލުކުރި އަންހެން ފުޓްބޯޅަ ކުޅުންތެރިއަކީ ބާސެލޯނާއަށް ކުޅެމުން އަންނަ ސްޕެއިނުގެ މިޑްފީލްޑަރު އަލެކްސިއާ ޕުޓެއްޔަސްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
20%
60%
0%
20%
0%
0%
ކޮމެންޓް