ކ. މާލެ
|
30 ނޮވެންބަރ 2021 | އަންގާރަ 00:26
ޔުނައިޓެޑާ ހަވާލުވި ޖަރުމަނުގެ މަޝްހޫރު ކޯޗު ރަލްފް ރަންގްނިކް
ޔުނައިޓެޑާ ހަވާލުވި ޖަރުމަނުގެ މަޝްހޫރު ކޯޗު ރަލްފް ރަންގްނިކް
ގެޓީ އިމޭޖަސް
ރަންގްނިކް ޔުނައިޓެޑާ ހަވާލުވުން
ޔުނައިޓެޑުގެ ވަގުތީ ކޯޗުކަން ރަންގްނިކާ ހަވާލުކޮށްފި
 
ދެ އަހަރަށް ޔުނައިޓެޑުގެ ފުޓްބޯޅަ ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރާނެ
 
ރަންގްނިކާއެކު ޔުނައިޓެޑުން ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ އާސެނަލާ ދެކޮޅަށް

މެންޗެސްޓާ ޔުނައިޓެޑުގެ ވަގުތީ ކޯޗުގެ މަގާމަށް ޖަރުމަނުގެ މަޝްހޫރު ކޯޗު ރަލްފް ރަންގްނިކް ހަމަޖައްސައިފިއެވެ.

ޔުނައިޓެޑުގެ ކޯޗުގެ މަގާމު ހުސްވީ ޕްރިމިއާ ލީގުގައި މި މަހުގެ 20 ވަނަ ދުވަހު ވަޓްފޯޑް ދަނޑުގައި 4-1 ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހު، އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ މަގާމުން އިސްތިއުފާ ދިނުމުންނެވެ. ސޯލްޝެއާ އިސްތިއުފާދިނުމުން އެންމެ ފަހުން ޔުނައިޓެޑުން ކުޅުނު މެޗުތަކުގައި އެ ޓީމަށް އިރުޝާދުދިނީ އެސިސްޓަންޓް ކޯޗު މައިކަލް ކެރިކެވެ.

ކެރިކުގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން ކުޅުނު ފުރަތަމަ މެޗުން ޔުއެފާ ޗެމްޕިއަންސް ލީގުގައި ވިޔަރެއާލް އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވިއިރު، އާދީއްތަ ދުވަހުގެރޭ ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާ 1-1 ގެ ނަތީޖާއަކުން އެއްވަރުކޮށްފައެވެ.

މީގެ ކުރިން ޔުނައިޓެޑުން ދާއިމީ ކޯޗަކު ހޯދަން މަސައްކަތްކުރި ނަމަވެސް އެ މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. އެގޮތުން ޔުނައިޓެޑުން ވަނީ މީގެ ކުރިން ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އާއި ލެސްޓާ ސިޓީގެ ކޯޗު ބްރެންޑަން ރޮޖާސް ގެނައުމަށް މަސައްކަތްކޮށްފައެވެ. އަދި މީގެ ކުރިން ބާސެލޯނާއަށް ކޯޗުކަން ކޮށްދިން އާނެސްޓޯ ވަލްވާޑޭއާވެސް ޔުނައިޓެޑުން ވާހަކަ ދެއްކި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެކަމަކު ދާއިމީ ކޯޗެއްގެ ބަދަލުގައި ޔުނައިޓެޑުން ވަގުތީ ކޯޗުގެ މަގާމަށް އުމުރުން 63 އަހަރުގެ ރަންގްނިކް ހަމަޖެއްސިއިރު، އޭނާ އެ ޓީމާ ހަވާލުވީ މި ސީޒަނުގެ ނިޔަލަށެވެ. އެކަމަކު އޭގެ ފަހުން އިތުރު ދެ އަހަރު ދުވަސް ވަންދެން ޔުނައިޓެޑުގެ ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރަންވެސް ރަންގްނިކް ވަނީ އެއްބަސްވެފައެވެ.

ޔުނައިޓެޑުގެ ވަގުތީ ކޯޗުގެ މަގާމާ ހަވާލުވުމަށްފަހު ރަންގްނިކް ބުނީ ޔުނައިޓެޑުން ލިބުނު ފުރުސަތުގެ ބޭނުން ހިފަން ބޭނުންވީ ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ. އަދި ޔުނައިޓެޑުގައި އޮތީ ވަރަށް ހުނަރުވެރި ކުޅުންތެރިން ތިބި ސްކޮޑެއް ކަމަށާއި، އެހެންކަމުން ކުރިއަށް އޮތް ހަ މަސް ދުވަހު ހޭދަކުރަން ބޭނުންވަނީ އެ ކުލަބުގައި ތިބި ކުޅުންތެރިންނާއެކު ވަރުގަދަ ޓީމެއް ބިނާކުރުމަށް ކަމަށްވެސް ވަނީ ބުނެފައެވެ.

ރަންގްނިކް ޔުނައިޓެޑާ ހަވާލުވިއިރު، އޭނާ އެންމެ ފަހުން މަސައްކަތްކޮށްފައިވަނީ ރަޝިއާގެ ލޮކޮމޯޓިވް މޮސްކޯގެ ހެޑް އޮފް ފުޓްބޯލް ޑިވެލޮޕްމަންޓުގެ ގޮތުގައެވެ. ޖަރުމަނުގެ މަޝްހޫރު ޕްރެސިން ފުޓްބޯޅަ، "ގެގެންޕްރެސިން" ގެ ތަފާތު ވިސްނުންތަކެއް ގެންގުޅުނު ރަންގްނިކަކީ ފުޓްބޯޅައިގެ ކޯޗިންގައި ދިގު ތާރީޚެއް އޮތް މީހެކެވެ. އެގޮތުން އޭނާ އެންމެ ފުރަތަމަ ކޯޗުކަން ކުރަން ފެށީ 1983 ވަނަ އަހަރެވެ. އޭގެ ފަހުން ޖަރުމަނުގެ މަޝްހޫރު ކުލަބުތައް ކަމަށްވާ ޝާލްކާ އާއި ސްޓުޓްގާޓް އަދި ހޮފެންހައިމުގެ އިތުރުން އާރްބީ ލައިޕްޒީގުގައި މަސައްކަތްކުރިއެވެ. އަދި އޭނާ ވަނީ 2011 ވަނަ އަހަރު ޝާލްކާއަށް ޖަރުމަން ކަޕުގެ ޗެމްޕިއަންކަން ހޯދައިދީފައެވެ.

ރަންގްނިކުގެ ކޯޗުކަމުގައި ޔުނައިޓެޑުން ކުޅޭ ފުރަތަމަ މެޗު އަންނަ ބުރާސްފަތި ދުވަހުގެރޭ އަމިއްލަ ދަނޑުގައި އެ ޓީމު ނުކުންނާނީ އާސެނަލާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް