ކ. މާލެ
|
30 ނޮވެންބަރ 2021 | އަންގާރަ 00:07
ފިރިހެނުންގެ ޝޯޓްބޯޑް އިވެންޓުގެ ޗެމްޕިއަންކަން ހޯދި ހޫދު އަޙްމަދު
ފިރިހެނުންގެ ޝޯޓްބޯޑް އިވެންޓުގެ ޗެމްޕިއަންކަން ހޯދި ހޫދު އަޙްމަދު
ރައީސް އޮފީސް
ގައުމީ ރާޅާއެޅުމުގެ މުބާރާތް
ރާޅާއެޅުމުގެ ގައުމީ ޗެމްޕިއަންކަން ހޫދަށް
 
ފިރިހެން ޖޫނިއާ ބައިން އެއްވަނަ ހޯދީ އަޙްމަދު އަމީރު
 
އަންހެން އޯޕަން ކެޓަގަރީގެ އެއްވަނަ ހޯދީ އާޔާ ނަސީމް

ގައުމީ ރާޅާއެޅުމުގެ މުބާރާތުގެ ފިރިހެނުންގެ ޝޯޓްބޯޑް އިވެންޓުގެ ޗެމްޕިއަންކަން ހޫދު އަޙްމަދު ހޯދައިފިއެވެ.

މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން އިންތިޒާމުކޮށްގެން ބޭއްވި މި އަހަރުގެ މުބާރާތުގައި ރިކޯޑު އަދަދަކަށް ރާޅާއެޅުންތެރިން ބައިވެރިވިއިރު، އައު ކަންތައްތަކަކާއެކު މި މުބާރާތް ވަނީ ތާރީޚުން ޖާގަ ހޯދާފައެވެ. އެގޮތުން ކޮވިޑް-19 ގެ މެދުކެނޑުމަށްފަހު ގައުމީ ރާޅާއެޅުމުގެ މުބާރާތް ބޭއްވިއިރު، މި ފަހަރުގެ މުބާރާތް ކުރިއަށްގެންގޮސްފައިވަނީ މުޅިން އައު ޑިވިޝަންތަކަކާއެކު، ޖުމްލަ ހަތް ޑިވިޝަނަކަށް ބަހާލައިގެންނެވެ.

މިދިޔަ އަންގާރަ ދުވަހުން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ "ސީސްޕޯޓްސް ރަންނަމާރި ޗެލެންޖު 1443" ގެ ނިންމުމުގެ ރަސްމިއްޔާތު ހޯމަ ދުވަހުގެ ހަވީރު ރާޅުގަނޑު ސަރަހައްދުގައި ބޭއްވިއިރު، އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފެވެ. އަދި އަރިހުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި މުބާރާތުގެ އެންމެ ފޯރިގަދަ އިވެންޓް ކަމަށްވާ ފިރިހެނުންގެ ޝޯޓްބޯޑް އިވެންޓުގެ ޗެމްޕިއަންކަން ގދ. ގައްދޫއަށް ނިސްބަތްވާ ހޫދު ހޯދިއިރު، އޭނާއަކީ އެންމެ ފަހުން ބޭއްވި ގައުމީ މުބާރާތުގެ ދެވަނައަށް ދިޔަ ރާޅާއެޅުންތެރިޔާއެވެ. ޝޯޓްބޯޑް އިވެންޓުގައި 48 ރާޅާއެޅުންތެރިން ވާދަކުރިއިރު، މި ކެޓަގަރީން ދެވަނަ ހޯދީ އަޙްމަދު އާގިލެވެ. އަދި ތިންވަނައަށް ދިޔައީ ނަޖާހު މުޙައްމަދެވެ.

މި ފަހަރުގެ ގައުމީ މުބާރާތުގައި މުޅިން އަލަށް ތައާރަފުކުރި އަންހެން އޯޕަން ކެޓަގަރީގެ އެއްވަނަ ހޯދީ އާޔާ ނަސީމެވެ. މި ބައިގައި ޖުމްލަ ފަސް ރާޅާއެޅުންތެރިން ވާދަކުރިއިރު، ދެވަނައަށް ދިޔައީ ޝާޒިޔާ ސައީދު (ޝާޒު) އެވެ. އަދި ތިންވަނަ ހާސިލުކުރީ ނާހާ ނަސްރުﷲ އެވެ.

އަންހެން އޯޕަން ކެޓަގަރީގެ އެއްވަނަ ހޯދި އާޔާ ނަސީމް - ރައީސް އޮފީސް

މީގެ އިތުރުން ފިރިހެނުންގެ ޖޫނިއާ ޝޯޓްބޯޑް ބައިން އެއްވަނަ ހޯދާފައިވަނީ ދ. ކުޑަހުވަދޫ ޓީމުގެ އަޙްމަދު އަމީރެވެ. 26 ރާޅާއެޅުންތެރިން ވާދަކުރި ޖޫނިއާ ބައިން ދެވަނަ އަޔާން ނޫރައްދީން ހޯދިއިރު، ތިންވަނައަށް ދިޔައީ ކަޔާން އަބްދުﷲ އަރީފެވެ. މި މުބާރާތުގައި މުޅިން އަލަށް ބޭއްވި މާސްޓާސް ޑިވިޝަން ކާމިޔާބުކުރީ އިބްރާހީމް އަރީފް (އިބޫ) އެވެ. މި ބައިން ދެވަނަ ހަސަން އަރީފް (ކައިރޭ) ހޯދިއިރު، ތިންވަނަ ހާސިލުކޮށްފައިވަނީ އަބްދުލް ގަފޫރު އަލީ (ގައްބެ) އެވެ.

އަދި ރާއްޖޭގެ ފުރަތަމަ ސްޓޭންޑަޕް ޕެޑްލްބޯޑިން (އެސްޔޫޕީ) ގެ ގައުމީ ޗެމްޕިއަނަކީ މުޙައްމަދު މުއާޒެވެ. މި ބައިން ދެވަނަ މުޙައްމަދު ތޮއްލަމް ހޯދިއިރު، ތިންވަނަ ހާސިލުކުރީ އަބްދުﷲ އަރީފް (ފުކޫ) އެވެ. ދެން މި މުބާރާތުގައި މުޅިން އަލަށް ބޭއްވި ލޯންގްބޯޑް ޑިވިޝަން ކާމިޔާބުކުރީ އިސްމާއިލް މިގްލާލް (ކުޑަ އިއްސެ) އެވެ. މި ބައިން ދެވަނަ ފުކޫ ހޯދިއިރު، ތިންވަނަ ހާސިލުކުރީ އަބްދުﷲ ލަތީފް (ޝެޑޯ) އެވެ.

މި މުބާރާތުގައި މި ފަހަރު 14 ރަށަކަށް ނިސްބަތްވާ ޓީމުތައް ވާދަކުރާއިރު، އޭގެ ތެރޭގައި 25 ރަށަކަށް ނިސްބަތްވާ 102 ރާޅާއެޅުންތެރިން ހިމެނެއެވެ. މުބާރާތުގެ ގަވާއިދުގައިވާ ގޮތުން އެއް ސާފަރަށް ވުރެ ގިނައިން އެއް ރަށަކަށް ނިސްބަތްވާ ސާފަރުން ވާދަކުރާނަމަ ރާޅާއެޅުންތެރިން ގުނާނީ ޓީމެއްގެ ގޮތުގައެވެ. އެއާއެކު މި މުބާރާތުގެ އެއްވަނަ ޓީމަކަށް މާލޭ ޓީމު ހޮވުނުއިރު، ދެވަނައަށް ދިޔައީ ގދ. ގައްދޫ ޓީމެވެ. އަދި ތިންވަނަ ހާސިލުކުރީ ރ. ރަސްމާދޫ ޓީމެވެ.

މި ފަހަރުގެ ގައުމީ މުބާރާތުގައި މުޅިން އައު ކަންތައްތަކެއް ފެނިގެންދިޔައިރު، އެންމެ ބޮޑަށް ފާހަގަކޮށްލެވުނު އެއް ކަމަކީ ޑިޖިޓަލް ސްކޯރިން ސިސްޓަމަކުން، އިންޓަނޭޝަނަލް ސާފިން އެސޯސިއޭޝަން (އައިއެސްއޭ) ސެޓިފައިޑް އަދި ރާއްޖެއަށް ނިސްބަތްވާ ޖަޖުންގެ ޕެނަލަކުން މި ފަހަރުގެ މުބާރާތް އިންސާފުކުރުމެވެ. މިއީ ގައުމީ މުބާރާތުގައި މި ގޮތަށް ޑިޖިޓަލްކޮށް ޒަމާނީ ފެންވަރުގައި މާކްސް ގުނި ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް