ކ. މާލެ
|
29 ނޮވެންބަރ 2021 | ހޯމަ 20:11
މާޒިޔާ އާއި މާޅެންދޫ ބައްދަލުކުރި މެޗުގެ ތެރެއިން
މާޒިޔާ އާއި މާޅެންދޫ ބައްދަލުކުރި މެޗުގެ ތެރެއިން
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
ކެނދިކުޅުދޫގައި މާޒިޔާގެ ކޭމްޕް
މާޅެންދޫ އަތުން މާޒިޔާއަށް ބޮޑު މޮޅެއް
 
މާޅެންދޫ އަތުން މާޒިޔާ މޮޅުވީ 11-0 ގެ ނަތީޖާއަކުން
 
އަންނަ ބުދަ ދުވަހު ނ. މާފަރާ ދެކޮޅަށް މެޗެއް ކުޅޭނެ

ނ. ކެނދިކުޅުދޫގައި ކުރިއަށްގެންދާ ކޭމްޕުގެ ތެރެއިން ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން އެ އަތޮޅު މާޅެންދޫ އަތުން ފަސޭހަކަމާއެކު އެންމެ ފަހުގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މޮޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ހަވީރު ކެނދިކުޅުދޫ ޓާފް ދަނޑުގައި ކުޅުނު މި މެޗުން މާޒިޔާ މޮޅުވީ 11-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މި މެޗުގައި މާޒިޔާއިން މޮޅު ކުޅުމެއް ދެއްކިއިރު، މާޒިޔާގެ ލަނޑުތައް ޖަހައިދިނީ އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސަކޮ) އާއި، ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އަދި އިބްރާހީމް ވަހީދު ހަސަން (އިއްބެ) އެވެ. އަދި މި މެޗުގައި މާޅެންދޫގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަނީ ލަނޑެއް ވަދެފައެވެ.

މި މެޗުން މާޒިޔާ މޮޅުވިއިރު، މި ކޭމްޕުގައި ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ  ކެނދިކުޅުދޫ ފުޓްބޯލް ކުލަބު އަތުން ފަސޭހަކަމާއެކު 9-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި މި ކޭމްޕް ނިންމާލުމުގެ ކުރިން އަންނަ ބުދަ ދުވަހު ނ. މާފަރާ ދެކޮޅަށް މެޗެއް ކުޅުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މާޅެންދޫއާ ދެކޮޅަށް މާޒިޔާއިން ނެރުނު ފުރަތަމަ އެގާރަ - މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން

ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވާން މާޒިޔާއިން 10 ދުވަހުގެ މުއްދަތަކަށް ކެނދިކުޅުދޫގައި ތަމްރީނު ހަދަމުން އަންނައިރު، އައު ސީޒަނާ މާޒިޔާއިން ކުރިމަތިލާނީ ޕްރޯ ލައިސަންސް ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ގެ އިރުޝާދުގެ ދަށުންނެވެ. އަދި އައު ސީޒަނަށް ސްކޮޑު ވަރުގަދަކުރުމުގެ ގޮތުން މާޒިޔާއިން ވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ) އާއި، ޒުވާން ޑިފެންޑަރު ހައިޝަމް ހަސަން (ބިޑި) އަދި ނޭޕާލުގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެއްވަނަ ގޯލްކީޕަރު ކިރަން ކުމާރް ލިމްބޫ އެ ޓީމަށް ގެނެސްފައެވެ.

އަންނަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާއިރު، ސީޒަން ފެށުމަށް ކުޅޭ ޗެރިޓީ ޝީލްޑް މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި މިދިޔަ ސީޒަނުގެ ލީގުގެ ދެވަނަ ހޯދި ކުލަބު ވެލެންސިއާއެވެ. މިދިޔަ ސީޒަނުގެ ޗެރިޓީ ޝީލްޑް މެޗުގައިވެސް މާޒިޔާ ވާދަކުރިއިރު، އެ މެޗުން ކުލަބު އީގަލްސް ވަނީ މާޒިޔާ ބަލިކޮށް މުޅިން އަލަށް ޗެރިޓީ ޝީލްޑް އުފުލާލާފައެވެ. އޭރު އީގަލްސްގެ ކޯޗަކަށް ހުރީ މިހާރު މާޒިޔާގެ ކޯޗު މޯހަންއެވެ.

ޗެރިޓީ ޝީލްޑް މެޗަށްފަހު ޑިސެމްބަރު މަހު ޕްރެޒިޑެންޓްސް ލީގު ފަށާއިރު، ކުރިއަށް އޮތް ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މާޒިޔާއަކީ އެންމެ ފަހުގެ ދެ ސީޒަނުގެވެސް ލީގު ޗެމްޕިއަނުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
100%
ކޮމެންޓް