ޤައުމުގެ ތަރައްގީއަށް ކުރެވެން އޮތް އެންމެ މުހިންމު ކަމަކީ މީހުން ބިނާކުރުން ކަމަށް ނާއިބުރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ކްރޮސްރޯޑްސް މޯލްޑިވްސްގައި އާދިއްތަ ދުވަހުގެ ރޭ އޮތް ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ގްރެޖުއޭޝަން ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ މި ސަރުކާރުން އެންމެ އިސްކަމެއް ދެނީ މީހުން ބިނާކުރުމަށް ކަމަށެވެ. އަދި ބަޖެޓުން ވެސް އެކަމަށް ވަރަށް ބޮޑަށް ހޭދައެއް ކޮށްފައިވާނެ ކަމަށެވެ.
ޒުވާން އާބާދީއަށް ފުރުސަތުތައް އޮންނާނެ ކަމަށާއި އެކަމަށް ކެރިގެން ހުރިހާ ޒުވާނުން ވެސް ކުރިމަތިލާން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
މީހުން ބިނާކުރުމަކީ ހަމައެކަނި ސަރުކާރުން ކުރަންޖެހޭ މަސައްކަތެއް ނޫންކަން ފާހަގަކުރައްވާ ނާއިބުރައީސް ވިދާޅުވީ މިކަމުގައި އިތުރަށް ވިސްނަން ޖެހޭ ކަމަށެވެ. ކޮވިޑުގެ ތެރޭގައި އެނގުނު ކަމަކީ އަދި ތައްޔާރު ނޫން ކަމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށްޓަކައި މަސައްކަތް ކުރާނެ ފޯސްއެއް ބޭނުންވާ ކަމަށެވެ.
ނާއިބުރައީސް ވިދާޅުވީ އެކި ދާއިރާތަކަށް މީހުން ބޭނުންވާ ކަމަށެވެ. އެގޮތުން ޓެކްނިކަލް ދާއިރާތަކާއި އިންޖީނިއަރުންނާއި ޑޮކްޓަރުންނާއި ޓީޗަރުން ވެސް ބޭނުންވާ ކަމަށެވެ.
ދިވެހިން ވަރަށް ވިސްނުންތެރިކަން ފާހަގަކުރައްވާ ނާއިބުރައީސް ވިދާޅުވީ އޭގެ ބޭނުން ހެޔޮ ގޮތުގައި ހިފަންޖެހޭނެ ކަމަށެވެ. ކަންކަން ދަސްކުރުމަށް ލިބެނީ އުމުރުގެ ވަކި ދުވަސްވަރެއް ކަމަށާއި ކަންކަން ދަސްކޮށް، ކުރިއަރައިގެންދާން މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.
ސްކޫލު ނިމޭ ދަރިވަރުންނަކީ ވެސް މަސައްކަތަށް އަހުލުވެރި ބަޔަކަށް ހެދުމަށް އެޑިއުކޭޝަން މިނިސްޓްރީން ވެސް މަސައްކަތް ކުރަމުންގެންދާ ކަމަށް ނާއިބުރައީސް ވިދާޅުވިއެވެ.
ކޮންމެ ޒުވާނަކީ ވެސް ތަފާތު މީހަކަށްވާން މަސައްކަތް ކުރަންޖެހޭނެ ކަމަށާއި އެކަމަށް އަޒުމް ކަނޑައަޅައިގެން މަސައްކަތް ކުރުމަށް ނާއިބުރައީސް އެދިވަޑައިގެންނެވިއެވެ. އަދި އަޒުމް ކަނޑައަޅައިގެން ކޮންމެ ކަމެއް ވެސް ކުރަން މަސައްކަތް ކޮށްފިނަމަ ކާމިޔާބު ވާނެ ކަމަށް ވިދާޅުވިއެވެ.