ކ. މާލެ
|
29 ނޮވެންބަރ 2021 | ހޯމަ 07:28
މިލާނާއި ސަސުއޯލޯ ބައްދަލުކުރި މެޗުގެ ތެރެއިން
މިލާނާއި ސަސުއޯލޯ ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު
މިލާން ބަލިވުމުން ނާޕޮލީއަށް ތިން ޕޮއިންޓުގެ ލީޑެއް
 
މިލާން ބަލިވީ ސަސުއޯލޯ އަތުން 3-1 ގެ ނަތީޖާއަކުން
 
ލާޒިއޯ އަތުން ނާޕޮލީ މޮޅުވީ 4-0 ގެ ނަތީޖާއަކުން

އިޓާލިއަން ލީގުގައި އާދީއްތަ ދުވަހުގެރޭ ސަސުއޯލޯ އަތުން އޭސީ މިލާން ބަލިވިއިރު، ލާޒިއޯ ބަލިކޮށް ތާވަލުގެ އެއްވަނައިގައި ނާޕޮލީން ތިން ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން މިލާން ބަލިވީ ސަސުއޯލޯ އަތުން 3-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ މިލާނުންނެވެ. ތެއޯ ހެނާންޑޭޒް ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އެލެއްސިއޯ ރޮމަންޔޯލީއެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން ސަސުއޯލޯއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އެރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖިއަންލޫކާ ސްކަމާކާއެވެ.

މި މެޗުގައި ސަސުއޯލޯއިން ފަހަތުން އަރައި ލީޑު ނަގާފައިވަނީ މެޗުގެ 33 ވަނަ މިނެޓުގައެވެ. މިއީ މިލާނުގެ ސިމޮން ކިއާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މެޗުގެ 66 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ޑޮމޭނިކޯ ބެރާޑީ ވަނީ ސަސިއޯލޯއަށް ލީޑު ފުޅާކޮށްދީފައެވެ.

މި މެޗު މިލާނުން ނިންމާލާފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ 77 ވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން ރޮމަންޔޯލީއަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. އޭނާއަށް ރެފުރީ ރަތް ކާޑެއް ދެއްކީ ސަސުއޯލޯގެ ގްރެގޮއި ޑެފްރެލަށް ކުރި ފައުލަކާ ގުޅިގެންނެވެ.

ނާޕޮލީ އާއި ލާޒިއޯ ބައްދަލުކުރި މެޗުގެ ތެރެއިން - ގެޓީ އިމޭޖަސް

މި މެޗުން މިލާން ބަލިވުމާއެކު، ނާޕޮލީން ވަނީ 4-0 ގެ ނަތީޖާއަކުން ލާޒިއޯ ބަލިކޮށް ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގާފައެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ނާޕޮލީން މޮޅު ކުޅުމެއް ދެއްކިއިރު، މެޗު ފަށައިގެން ހަތްވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޕިއޮޓާ ޒެލެންސްކީއެވެ. އަދި އޭގެ ތިން މިނެޓު ފަހުން ޑްރީސް މާޓެންސް ވަނީ ލަނޑެއް ޖަހައި، ނާޕޮލީގެ ލީޑު ފުޅާކޮށްދީފައެވެ.

އޭގެ ފަހުންވެސް މި މެޗުގައި ނާޕޮލީން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ 29 ވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން މާޓެންސް ވަނީ ނާޕޮލީގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ. ދެން މި މެޗުގައި ނާޕޮލީން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ކާމިޔާބުކޮށްދިނީ ފަބީނިއަން ރުއިޒެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި ނާޕޮލީ އޮތީ ކުޅުނު 14 މެޗުން ލިބުނު 35 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް މިލާނަށް 14 މެޗުން 32 ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާން އޮތީ ތާވަލުގެ ތިންވަނައިގައި 14 މެޗުން 31 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް