ކ. މާލެ
|
29 ނޮވެންބަރ 2021 | ހޯމަ 06:09
ސެން-އެޓިއެން އާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން
ސެން-އެޓިއެން އާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ފްރެންޗް ލީގު
ޕީއެސްޖީ މޮޅުވިއިރު، ނޭމާއަށް އަނިޔާގެ މައްސަލަ
 
ޕީއެސްޖީ މޮޅުވީ ސެއިން-އެޓިއެން އަތުން 3-1 ގެ ނަތީޖާއަކުން
 
މި މެޗުގައި ނޭމާގެ ކުޑަހުޅަށް ވަނީ ސީރިއަސް އަނިޔާއެއް ލިބިފައި

ފްރެންޗް ލީގުގައި އާދީއްތަ ދުވަހުގެ ހަވީރު ކުޅުނު މެޗުން ފަހަތުން އަރައި ސެއިން-އެޓިއެން ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނައިގައި ލީޑު ދަމަހައްޓައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ ސެއިން-އެޓިއެން އަތުން ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ އެގާރައިގައި ޕީއެސްޖީން ވަނީ ސްޕެއިނުގެ ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޯސް ހިމަނާފައެވެ. މިއީ މި އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ހިލޭ ޓްރާންސްފާއެއްގެ ދަށުން ޕީއެސްޖީއަށް ބަދަލުވުމަށްފަހު ރާމޯސް އެ ޓީމަށް ކުޅެދިން ފުރަތަމަ މެޗެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި ލިއޮނެލް މެސީ ދިން ޕާހަކުން ނޭމާ ވަނީ ޕީއެސްޖީއަށް ލަނޑެއް ޖަހައިދީފައެވެ. އެކަމަކު އޭނާ އޮފްސައިޑުގައި ހުރުމުން، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ.

މި ހާފުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ސެއިން-އެޓިއެންއިންނެވެ. މެޗުގެ 23 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑެނިސް ބޮއަންގާއެވެ. ބޮއަންގާ ޖެހި ލަނޑު އޮފްސައިޑުކަމަށް ލައިންސްމަން ދިދަ ނެގި ނަމަވެސް، ވީއޭއާރް ބެލުމަށްފަހު ވަނީ އެއީ ރަނގަޅު ލަނޑެއް ކަމަށް ނިންމާފައެވެ.

އެކަމަކު އޭގެ ފަހުން ސެއިން-އެޓިއެންއަށް މައްސަލަތަކެއް ކުރިމަތިވީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އެ ޓީމުގެ ޓިމޮތީ ކޮލޮޑްޒޮއިޒެޗަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. އޭނާއަށް ރަތް ކާޑެއް ދެއްކީ ޕީއެސްޖީގެ ކީލިއަން އެމްބާޕޭއަށް ކުރި ފައުލަކާ ގުޅިގެންނެވެ. އެއާއެކު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކެޕްޓަން މާކީނިއޯސް ވަނީ ޕީއެސްޖީއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ސެން-އެޓިއެންއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާގެ ސަބަބުން ނޭމާ އަށިގަނޑަށްލައިގެން ބާލަނީ - ގެޓީ އިމޭޖަސް

މި މެޗުގެ ދެވަނަ ހާފުގައި ޕީއެސްޖީން އެ ޓީމުގެ ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 79 ވަނަ މިނެޓުގައި އެންހެލް ޑި މާރިއާ ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ޕީއެސްޖީއަށް ލީޑު ފުޅާކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖެހި މާކީނިއޯސްއެވެ. ޕީއެސްޖީން މި މެޗުގައި ކާމިޔާބުކުރި ތިން ލަނޑުވެސް ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައިވަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި މެސީއެވެ.

މި މެޗުން ޕީއެސްޖީ މޮޅުވި ނަމަވެސް، މި މެޗުގެ ދެވަނަ ހާފުގައި ޕީއެސްޖީގެ ތަރި ނޭމާގެ ކުޑަހުޅަށް ލިބުނު ސީރިއަސް އަނިޔާއެއް ސަބަބުން އަށިގަނޑުގައި އޭނާ ވަނީ ދަނޑުން ބާލާފައެވެ. އެހެންކަމުން މި ފަހަރު ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން ދިގު މުއްދަތަކަށް ނޭމާ ކުޅުމާ ދުރަށް ދާން ޖެހޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ލީގުގައި ސެން-އެޓިއެން އަތުން ހޯދި މޮޅާއެކު ތާވަލުގެ އެއްވަނައިގައި ޕީއެސްޖީ އޮތީ 12 ޕޮއިންޓުގެ ލީޑަކާއެކުއެވެ. އެގޮތުން ކުޅުނު 15 މެޗުން ޕީއެސްޖީއަށް 40 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ރެންއަށް 15 މެޗުން ލިބިފައިވަނީ 28 ޕޮއިންޓެވެ. އަދި ޕީއެސްޖީ އަތުން ބަލިވި ސެން-އެޓިއެން އޮތީ ތާވަލުގެ ފުލުގައި 15 މެޗުން 12 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް