ކ. މާލެ
|
28 ނޮވެންބަރ 2021 | އާދީއްތަ 09:35
ބަޔާނާއި އާމީނިއާ ބީލެފެލްޑް ބައްދަލުކުރި މެޗުގެ ތެރެއިން
ބަޔާނާއި އާމީނިއާ ބީލެފެލްޑް ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ޖަރުމަން ލީގު
ބަޔާނުން މަގާމު ދެމެހެއްޓިއިރު، ޑޯޓްމުންޑް ފަހަތުގައި ވިއްދާފައި
 
ބަޔާން މޮޅުވީ އާމީނިއާ ބީލެފެލްޑް އަތުން 1-0 ގެ ނަތީޖާއަކުން
 
ޑޯޓްމުންޑް މޮޅުވީ ވުލްފްސްބާގް އަތުން 3-1 ގެ ނަތީޖާއަކުން

ޖަރުމަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުތަކުން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމުންޑުވެސް މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބަޔާން މޮޅުވީ އާމީނިއާ ބީލެފެލްޑް އަތުން 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ބަޔާނުން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، އެ ހަމަލާތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ބަޔާނަށް ހިފިފައެއް ނުވެއެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ބަޔާނުން ކާމިޔާބުކޮށްފައިވަނީ މެޗުގެ 71 ވަނަ މިނެޓުގައެވެ. ތޯމަސް މުލާ ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލެރޯއި ސާނޭއެވެ.

މި ލަނޑާއެކު ބަޔާނުން ވަނީ ޖަރުމަނު ލީގުގެ ތާރީޚުގައި 44 އަހަރު ވަންދެން ކޮލޯނުން ދެމެހެއްޓި ރިކޯޑެއް މުގުރާލާފައެވެ. އެގޮތުން އެއް އަހަރު ތެރޭ ޖަރުމަން ލީގުގައި އެންމެ ގިނަ ލަނޑު ޖަހައިގެން ކޮލޯނުން ރިކޯޑު ހެދީ 101 ލަނޑާއެކުއެވެ. އެކަމަކު މި އަހަރު ތެރޭ މިހާތަނަށް 102 ލަނޑު ހަމަކޮށް، ބަޔާނުން ވަނީ އެ ރިކޯޑު މުގުރާލާފައެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި ބަޔާން އޮތީ ކުޅުނު 13 މެޗުން ލިބުނު 31 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޑޯޓްމުންޑަށް 13 މެޗުން ލިބިފައިވަނީ 30 ޕޮއިންޓެވެ.

ޑޯޓްމުންޑާއި ވުލްފްސްބާގް ބައްދަލުކުރި މެޗުގެ ތެރެއިން - ގެޓީ އިމޭޖަސް

ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ޑޯޓްމުންޑް ވަނީ 3-1 ގެ ނަތީޖާއަކުން ވުލްފްސްބާގް ބަލިކޮށްފައެވެ.

ވުލްފްސްބާގުގެ ދަނޑުގައި ކުޅުނު މި މެޗު ފަށައިގެން ދެވަނަ މިނެޓުގައި ވޫޓް ވެގްހޯސްޓް ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން އެމްރޭ ޗާން ވައްދާލި ޕެނަލްޓީން ޑޯޓްމުންޑުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ.

މި މެޗުގެ ދެ ވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި ކެޕްޓަން މާކޯ ރޮއިސް ދިން ބޯޅައަކުން ޑޮންޔެލް މާލެން ވަނީ ޑޯޓްމުންޑަށް ލީޑު ނަގައިދީފައެވެ. އަދި މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އާލިން ބްރައުޓް ހާލަންޑް ވަނީ ލަނޑެއް ޖަހައި، ޑޯޓްމުންޑުގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގައި ކުޅެން އެރިތާ އަށް މިނެޓު ތެރޭ ހާލަންޑް ލަނޑު ޖެހިއިރު، މިދިޔަ އޮކްޓޯބަރު މަހުގެ މެދުތެރޭގައި އުނަގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން މި އަހަރު އޭނާއަށް ދެން ނުކުޅެވޭނެ ކަމަށް ބެލެވުނެވެ. އެކަމަކު އަނިޔާއިން ރަނގަޅުވެ ކުޅުނު ފުރަތަމަ މެޗުގައި ހާލަންޑް ލަނޑު ޖެހިއިރު، އޭނާ މިހާރު ވަނީ ޖަރުމަނު ލީގުގައި މިހާތަނަށް ކުޅުނު 50 މެޗުގައި 50 ލަނޑު ޖަހާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް