ކ. މާލެ
|
28 ނޮވެންބަރ 2021 | އާދީއްތަ 09:06
ޔުވެންޓަސް އާއި އެޓަލާންޓާ ބައްދަލުކުރި މެޗުގެ ތެރެއިން
ޔުވެންޓަސް އާއި އެޓަލާންޓާ ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު
ޔުވެންޓަސް ބަލިވިއިރު، އިންޓައިން ފަރަގު ކުޑަކޮށްފި
 
ޔުވެންޓަސް ބަލިވީ އެޓަލާންޓާ އަތުން 1-0 ގެ ނަތީޖާއަކުން
 
އިންޓަ މިލާން މޮޅުވީ ވެނެޒިއާ އަތުން 2-0 ގެ ނަތީޖާއަކުން

އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން އެޓަލާންޓާ އަތުން ޔުވެންޓަސް ބަލިވިއިރު، ވެނެޒިއާ ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނުން ޕޮއިންޓުގެ ފަރަގުކުޑަކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޔުވެންޓަސް ބަލިވީ އެޓަލާންޓާ އަތުން 1-0 ގެ ނަތީޖާއަކުންނެވެ. މިއީ 1989 ވަނަ އަހަރަށްފަހު ޔުވެންޓަސްގެ ދަނޑުގައި އެޓަލަންޓާއަށް ލިބުނު ފުރަތަމަ މޮޅެވެ.

މި މެޗުގައި ޔުވެންޓަސްއިން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗު ފަށައިގެން އެ ޓީމުގެ ކެޕްޓަން ޕައުލޯ ޑިބާލާ އާއި ފެޑެރީކޯ ކިއޭސާއަށް ވަނީ ލަނޑެއް ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެކަމަކު މި މެޗުގައި ޔުވެންޓަސްގެ ގޯލާ އަމާޒުކޮށް ފޮނުވާލި ހަމައެކަނި ހަމަލާއިން އެޓަލާންޓާއިން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 28 ވަނަ މިނެޓުގައި ޔުވެންޓަސް މެދުތެރެއިން ހެދި ގޯހެއްގެ ފައިދާނަގައި ބޭރަތު ޖިމްސީޓީ ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑުވާން ޒަޕާޓާއެވެ.

އެއާއެކު ނަތީޖާ އެއްވަރުކުރަން ޔުވެންޓަސްއިން ގިނަ ހަމަލާތަކެއް ފޮނުވާލިއިރު، މެޗުގެ ދެވަނަ ހާފުގައި އެ ޓީމުގެ އޭޑްރިއަން ރަބިއޯ އާއި ޑިބާލާ ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ. އަދި މި ހާފުގައި ޑިބާލާ ފޮނުވާލި ހިލޭ ޖެހުމެއް ވަނީ ހުރަސްދަނޑިއަށް އަމާޒުވެފައެވެ.

މި މެޗުން ޔުވެންޓަސް ބަލިވިއިރު، މި ފަހަރު ލީގުގައި މިހާތަނަށް ކުޅުނު 14 މެޗުގެ ތެރެއިން ފަސް މެޗުން ޔުވެންޓަސް ވަނީ ބަލިވެފައެވެ. އެއާއެކު އެ ޓީމު އޮތީ ތާވަލުގެ އަށްވަނައިގައި ކުޅުނު 14 މެޗުން ލިބުނު 21 ޕޮއިންޓާއެކުއެވެ. އަދި ޔުވެންޓަސް ބަލިކުރި އެޓަލަންޓާ އޮތީ 14 މެޗުން 28 ޕޮއިންޓް ހަަަމަކޮށް، ތާވަލުގެ ހަތަރުވަނައިގައެެވެ.

އިންޓަ އާއި ވެނެޒިއާ ބައްދަލުކުރި މެޗުގެ ތެރެއިން - ގެޓީ އިމޭޖަސް

މީގެ އިތުރުން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން އިންޓަ މޮޅުވީ ވެނެޒިއާ އަތުން 2-0 ގެ ނަތީޖާއަކުންނެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އިންޓައިން ލީޑު ނެގިއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަކަން ޗަޅަނޯލޫއެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން އިންޓައަށް ލީޑު ފުޅާކޮށްދިނީ ލަޓާރޯ މާޓީނޭޒެވެ. މިއީ އޭރިއާ ތެރެއިން ވެނެޒިއާގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ރެފުރީ ދިން ޕެނަލްޓީއެކެވެ.

މި މޮޅާއެކު އިންޓައިން ވަނީ ތާވަލުގެ އެއްވަނައިގައި އޮތް ނާޕޮލީ އާއި ދެވަނައިގައި އޮތް އޭސީ މިލާނާ ޕޮއިންޓަކާ ގާތަށް ޖެހިލާފައެވެ. އެގޮތުން ނާޕޮލީ އާއި މިލާނަށް 13 މެޗުން 32 ޕޮއިންޓް ލިބިފައިވާއިރު، ތާވަލުގެ ތިންވަނައިގައި އިންޓަ އޮތީ އެއް މެޗު އިތުރަށް ކުޅެ 31 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް