ކ. މާލެ
|
27 ނޮވެންބަރ 2021 | ހޮނިހިރު 20:05
ޓީ20 ކްރިކެޓް ލީގުގައި ހޮނިހިރު ދުވަހު ކުޅުނު މެޗެއްގެ ތެރެއިން
ޓީ20 ކްރިކެޓް ލީގުގައި ހޮނިހިރު ދުވަހު ކުޅުނު މެޗެއްގެ ތެރެއިން
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ޓީ20 ކްރިކެޓް ލީގު
ޓީ20 ކްރިކެޓް ލީގުގެ ފެށުން ނިއު ސްޓާ އާއި މާލޭ ސްޕޯޓްސްއިން ރަނގަޅުކޮށްފި
 
އައިޒީ އަތުން ނިއު ސްޓާ މޮޅުވީ ފަސް ވިކެޓުން
 
ކޮމެޓްސް އަތުން މާލޭ ސްޕޯޓްސް މޮޅުވީ ހަ ވިކެޓުން

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބޭއްވާ ޓީ20 ކްރިކެޓް ލީގުގެ ކުޅުން ހޮނިހިރު ދުވަހު ފެށިއިރު، މުބާރާތުގެ ފުރަތަމަ މެޗުތަކުން ނިއު ސްޓާ އާއި މާލޭ ސްޕޯޓްސް ކުލަބު މޮޅުވެއްޖެއެވެ.

މި މުބާރާތުގައި އަށް ޓީމެއް ބައިވެރިވެފައިވެއެވެ. އެއީ މާލޭ ސްޕޯޓްސް ކުލަބާއި، މިލާން ކްރިކެޓް ކުލަބާއި، އޮއްފު އެފްސީ އާއި، ކޯމެޓްސް ކްރިކެޓް ކުލަބާއި، އައިޒީ ސްޕޯޓްސް އާއި، ނިއު ސްޓާ އާއި، ކުލަބު ވިޔަންސާ އަދި މާލޭ ވެޓެރަންސް ކުލަބެވެ.

ހޮނިހިރު ދުވަހު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ އައިޒީ އާއި ނިއު ސްޓާވެ. މި މެޗު ނިއު ސްޓާއިން ކާމިޔާބުކުރީ ފަސް ވިކެޓުންއެވެ. އަދި ދެވަނަ މެޗު ކޮމެޓްސްއާ ބައްދަލުކޮށް މާލޭ ސްޕޯޓްސް ކުލަބުން ކާމިޔާބުކުރީ ހަ ވިކެޓުންއެވެ.

ފުރަތަމަ މެޗުގައި ގުރު ދިމާވުމުން އައިޒީން ގަސްދުކުރީ ކުޅުމަށެވެ. ކުޅެންއަރާ 20 އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 122 ލަނޑެވެ. އެ ޓީމުމް އެންމެ ރަނގަޅަށް ކުޅުނީ 65 ބޯޅައިން 64 ލަނޑު ހެދި ކެޕްޓަން މުޙައްމަދު އަފްލާހެވެ. އަދި ނިއު ސްޓާއިން އެންމެ ރަނގަޅަށް އުކީ ހަތަރު އޯވަރުން 24 ލަނޑަށް ފަސް ވިކެޓު ނެގި އިސުރު ސަމީރާއެވެ.

ޖަވާބުގައި ނިއު ސްޓާ ކުޅެންއަރައި 16 ވަނަ އޯވަރުގައި ފަސް ކުޅުންތެރިން ނުބައިވެގެން ވަނީ 128 ލަނޑު ހަދައި، މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 43 ލަނޑު ހެދި ސްރީކާންތް ނަޔާ އާއި 36 ލަނޑު ހެދި ސަފީގުލް އަދި 22 ލަނޑު ހެދި އެ ޓީމުގެ ކެޕްޓަން މަނޯއެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފަސް ވިކެޓު ނެގި އިސުރު ސަމީރާއެވެ.

މީގެ އިތުރުން ހޮނިހިރު ދުވަހު ކުޅުނު ދެވަނަ މެޗުގެ ޓޮސް ދިމާވުމުން ކޮމެޓްސް ކްރިކެޓް ކުލަބުން ކުޅެންއަރައި 20 އޯވަރު ހަމަވިއިރު ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 150 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 33 ބޯޅައިން 66 ލަނޑު ހެދި އަޙްމަދު ހަސަން ސޯބިރާއި، ނުބައިނުވެ 43 ލަނޑު ހެދި އަހުމަދު އަމީލެވެ.

ޖަވާބުގައި މާލޭ ސްޕޯޓްސް ކުޅެން އެރިއިރު، ވާރޭގެ ސަބަބުން ތިން ފަހަރު މަތިން މެޗު ހުއްޓާލުމާއި އަދި އަނދިރިވުމުގެ ސަބަބުން އަމްޕަޔަރުން ނިންމީ 14 އޯވަރު ކުޅޭގޮތަށެވެ. އެހެންކަމުން 14 އޯވަރުގެތެރޭގައި މާލޭ ސްޕޯރޓްސް (ޑީއެލްއެސް ތިޔަރީ) ހަދަން ޖެހުނީ ހަތަރު ކުޅުންތެރިން ނުބައިވެގެން 100 ލަނޑުއެވެ. ނަމަވެސް 14 އޯވަރު ނިމުނުއިރު މާލޭ ސްޕޯޓްސްއިން ވަނީ 115 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 41 ލަނޑު ހެދި ރިފްދީ އާއި ނުބައިނުވެ 35 ލަނޑު ހެދި ހަސަން ހާޒިގެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރިފްދީއެވެ.

މި މުބާރާތުގެ މެޗެއް ދެން ކުޅޭނީ އަންނަ ހުކުރު ދުވަހުއެވެ. އެ ދުވަހު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މާލޭ ވެޓެރަންސް ކުލަބާއި އޮއްފު އެފްސީއެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ ވިޔަންސާ އާއި މިލާން ކްރިކެޓް އެކެޑަމީގެ ޓީމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް