ކ. މާލެ
|
27 ނޮވެންބަރ 2021 | ހޮނިހިރު 18:42
ޖަރުމަނުގެ މަޝްހޫރު ކޯޗު ރަލްފް ރަންގްނިކް
ޖަރުމަނުގެ މަޝްހޫރު ކޯޗު ރަލްފް ރަންގްނިކް
ގެޓީ އިމޭޖަސް
ރަންގްނިކް ޔުނައިޓެޑާ ހަވާލުވުން
ޔުނައިޓެޑުގެ ވަގުތީ ކޯޗުކަން ރަންގްނިކަށް
 
ޔުނައިޓެޑުގެ ކޯޗުގެ މަގާމު ހުސްވީ ސޯލްޝެއާ އިސްތިއުފާ ދިނުމުން
 
ޔުނައިޓެޑުން ރަންގްނިކް ގެންނާނީ ފުޓްބޯޅަ ކޮންސަލްޓަންޓެއްގެ ގޮތުގައި

މެންޗެސްޓާ ޔުނައިޓެޑުގެ ވަގުތީ ކޯޗުގެ މަގާމަށް ޖަރުމަނުގެ މަޝްހޫރު ކޯޗު ރަލްފް ރަންގްނިކް ހަމަޖައްސަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޔުނައިޓެޑުގެ ކޯޗުގެ މަގާމު ހުސްވީ ޕްރިމިއާ ލީގުގައި މިދިޔަ ހަފުތާގައި ވަޓްފޯޑް ދަނޑުގައި 4-1 ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހު، އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ މަގާމުން އިސްތިއުފާ ދިނުމުންނެވެ. ސޯލްޝެއާ އިސްތިއުފާދިނުމުން އެންމެ ފަހުން ޔުނައިޓެޑުން ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗުގައި އިރުޝާދުދިނީ އެސިސްޓަންޓް ކޯޗު މައިކަލް ކެރިކެވެ.

މީގެ ކުރިން ޔުނައިޓެޑުން ދާއިމީ ކޯޗަކު ހޯދަން މަސައްކަތްކުރި ނަމަވެސް އެ މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. އެގޮތުން ޔުނައިޓެޑުން ވަނީ މީގެ ކުރިން ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އާއި ލެސްޓާ ސިޓީގެ ކޯޗު ބްރެންޑަން ރޮޖާސް ގެނައުމަށް މަސައްކަތްކޮށްފައެވެ.

ދާއިމީ ކޯޗަކު ގެނައުމަށް ކުރި މަސައްކަތް ނާކާމިޔާބުވުމާއެކު ޔުނައިޓެޑުން ވަނީ މި ސީޒަނުގެ ނިޔަލަށް ވަގުތީ ކޯޗަކު ހަމަޖެއްސުމަށް ނިންމާފައެވެ. އެގޮތުން މީގެ ކުރިން ބާސެލޯނާއަށް ކޯޗުކަން ކޮށްދިން އާނެސްޓޯ ވަލްވާޑޭއާވެސް ޔުނައިޓެޑުން ވާހަކަ ދައްކާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެކަމަކު ޔުނައިޓެޑުގެ ވަގުތީ ކޯޗުގެ މަގާމާ އުމުރުން 63 އަހަރުގެ ރަންގްނިކް ހަވާލުވާން މިހާރު އަނގަބަހުން އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭނާ މިހާރު މަސައްކަތްކުރަމުން އަންނަނީ ރަޝިއާގެ ލޮކޮމޯޓިވް މޮސްކޯގެ ހެޑް އޮފް ފުޓްބޯލް ޑިވެލޮޕްމަންޓުގެ ގޮތުގައެވެ. ރިޕޯޓުތައް ބުނާ ގޮތުން ޔުނައިޓެޑުން ރަންގްނިކް ގެންނާނީ މި ސީޒަނުގެ ނިޔަލަށް ކޯޗުގެ މަގާމުގެ އިތުރުން، ދެ އަހަރު ދުވަހަށް އެ ކުލަބުގެ ފުޓްބޯޅަ ކޮންސަލްޓަންޓެއްގެ ގޮތުގައެވެ.

ޖަރުމަނުގެ މަޝްހޫރު ޕްރެސިން ފުޓްބޯޅަ، "ގެގެންޕްރެސިން" ގެ ތަފާތު ވިސްނުންތަކެއް ގެންގުޅުނު ރަންގްނިކަަކީ ފުޓްބޯޅައިގެ ކޯޗިންގައި ދިގު ތާރީހެއް އޮތް މީހެކެވެ. އެގޮތުން އޭނާ އެންމެ ފުރަތަމަ ކޯޗުކަން ކުރަން ފެށީ 1983 ވަނަ އަހަރެވެ. އޭގެ ފަހުން ޖަރުމަނުގެ މަޝްހޫރު ކުލަބުތައް ކަމަށްވާ ޝާލްކާ އާއި ސްޓުޓްގާޓް އަދި ހޮފެންހައިމްގެ އިތުރުން އާރްބީ ލައިޕްޒީގުގައި މަސައްކަތްކުރިއެވެ. އަދި އޭނާ ވަނީ 2011 ވަނަ އަހަރު ޝާލްކާއަށް ޖަރުމަން ކަޕުގެ ޗެމްޕިއަންކަން ހޯދައިދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް