ދެކުނު އެފްރިކާއިން ފެނިފައިވާ ކޮވިޑް-19ގެ އައު ވޭރިއަންޓް ކަމަށްވާ އޮމިކްރޯން ވޭރިއަންޓާ ގުޅިގެން ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސާލިހް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ވޭރިއަންޓްގެ ޚަބަރަކީ ހުރި ކަންބޮޑުވުމެއް ކަމަށާއި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ބައްދަލުވުމެއް ހޮނިހިރު ދުވަހު ބާއްވާނެ ކަމަށެވެ. އަދި އަޅާނެ ފިޔަވަޅުތަކާމެދު މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ދެކުނު އެފްރިކާއިން ފެނިފައިވާ ކޮވިޑް-19ގެ އައު ވޭރިއަންޓް ބީ.1.1529 "ވޭރިއަންޓް އޮފް ކޮންސަރން" ގެ ގޮތުގައި ހިމަނާ ކޮވިޑްގެ އެހެން ވޭރިއަންޓްތަކަށްވުރެ ހަލުވިކަމާއެކު އެވޭރިއަންޓް ފެތުރިދާނެކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ން ވަނީ ބުނެފައެވެ.
ޑަބްލިޔުއެޗްއޯގެ މާހިރުން ހިމެނޭ ޓީމަކުން ވަނީ މިވޭރިއަންޓްގެ މިހާރުގެ ހާލަތާއި ގުޅޭގޮތުން ދިރާސާތަކެއްކޮށްފައެވެ. އެއަށްފަހު ޑަބްލިޔުއެޗްއޯއިން ބުނީ މިހާރު ލިބެން ހުރި މައުލޫމާތުތަކަށް ބަލާއިރު މިއީ ކޮވިޑް ޖެހި ރަނގަޅުވެފައި ތިބި މީހުންނަށް އަލުން ކޮވިޑް ޖެހުމުގެ ފުރުސަތު ބޮޑު އަދި ކޮވިޑް-19 ފެތުރެމުން އަންނަ ގޮތަށް ވަރަށް ބޮޑަށް އަސަރުކުރުވާނެ ވޭރިއަންޓެއްކަމަށެވެ.
ފާއިތުވި ހަފްތާތަކުގައި ދެކުނު އެފްރިކާގައި ވަނީ ކޮވިޑްގެ ކޭސްތައް އިތުރުވެފައެވެ. އަދި އެއާއެކު މިވޭރިއަންޓް ވަނީ ފެނިފައެވެ. ޑަބްލިޔުއެޗްއޯއިން މިވޭރިއަންޓަށް ދީފައިވާ ނަމަކީ އޮމިކްރޯންއެވެ.
ޑަބްލިޔުއެޗްއޯއިން ބުނެފައިވަނީ މިވޭރިއަންޓްގައި ގިނަ އަދަދެއްގެ މިޔުޓޭޝަންތައް ހިމެނޭކަމަށެވެ. އަދި އެއީ ކަންބޮޑުވާކަމެއްކަމަށެވެ. ޕްރިލިމިނަރީ ހެކިތަކަށް ބަލާއިރު އެހެން ވޭރިއަންޓް އޮފް ކޮންސަރން ގައި ހިމެނޭ ވޭރިއަންޓްތަކާއި އަޅާބަލައިރު އަލުން ކޮވިޑް ޖެހުމުގެ ފުރުސަތު މިވޭރިއަންޓްގައި ބޮޑުކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ. މިވޭރިއަންޓަކީ ވޭރިއަންޓް އޮފް ކޮންސަރންގެ ގޮތުގައި ކަނޑައެޅުނު ކޮވިޑްގެ ފަސް ވަނަ ވޭރިއަންޓެވެ. ވޭރިއަންޓް އޮފް ކޮންސަރން އަކީ އާބާދީގެ ބޮޑުބަޔަކަށް ޖެހި ކޮވިޑްގެ ހާލަތު ގޯސްވެދާނެކަމަށް ބެލެވޭ ހިސާބަށް ވޭރިއަންޓެއް ދިޔުމުން ލާ ކެޓަގަރީއެކެވެ.
ޑަބްލިޔުއެޗްއޯއިން އިތުރަށް ބުނެފައިވަނީ މިވޭރިއަންޓް އެހެން ވޭރިއަންޓްތަކަށްވުރެ އަވަހަށް ދެނެގަނެވިފައިވާކަމަށެވެ.
މިހާރު ހަދަމުންދާ ޕީސީއާރު ޓެސްޓްތަކުން މިވޭރިއަންޓް ދެނެގަނެވޭކަމަށްވެސް ޑަބްލިޔުއެޗްއޯއިން ބުނެއެވެ. މިވޭރިއަންޓް ފެނުމާއެކު ޑަބްލިޔުއެޗްއޯއިން ވަނީ ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކާއި ގުޅޭގޮތުން ފިޔަވަޅު އަޅަންވާނީ ސައިންސްގެ މައްޗަށް ފެންނަ ހެކިތަކަށް ކަމަށް ބުނެފައެވެ.