އަރަބިއްޔާ ސްކޫލް އިމާރާތަށް ލިބިފައިވާ ގެއްލުންތައް ބެލުމަށް ސްޓްރަކްޗަރަލް އެސެސްމެންޓެއް ހަދަމުން އަންނަކަމަށާއި އެސެސްމެންޓް ނިންމުމަށް ދެ މަހެއްހާ ދުވަސް ނަގާނެކަމަށް އެކަން ކުރަމުން އަންނަ ކުންފުނިން ބުނެފައިވާކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރ އަހުމަދު ޚައިތަމް އަރަބިއްޔާ ސްކޫލުގެ އިމާރާތަށް ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން ކިޔަވާކުދިން ސްކޫލަށް ފޮނުވުމަށް ބެލެނިވެރިން ޖެހިލުންވާތީ އެކަމަށް އޮތް ހައްލަކީ ކޮބައިތޯ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ އެކަން މިނިސްޓްރީންނާއި ސަރުކާރުންވެސް ގާތުން ބަލަމުން އަންނަކަމަށެވެ.
އެސްކޫލް ހުޅުވާފައިވަނީ 2013 ވަނަ އަހަރު ކަމަށާއި އެސްކޫލްގައި ބޮޑެތި ރެނދުތަކެއް ހުރިކަން ފާހަގަވެފައިވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރ މަހުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެކަން ފާހަގަވުމާއި ގުޅިގެން ވިޝުއަލް އިންސްޕެކްޝަނެއް ހެދުމަށް ބަޔަކާ ހަވާލުކުރި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެއިންސްޕެކްޝަންގެ ރިޕޯޓް ލިބިވަޑައިގަނެފައިވާ ކަމަށާއި އެރިޕޯޓްގައި މައިގަނޑު ކަމަކަށް ފާހަގަކޮށްފައިވަނީ ވިޝުއަލް އިންސްޕެކްޝަނަކުން އަދި ސްކޫލަށް ލިބިފައި ހުރި ގެއްލުންތަކެއް ނޭންގޭނެކަމަށް ކަމަށެވެ. އެހެންކަމުން ސްޓްރަކްޗަރަލް އެސެސްމެންޓެއް ހެދުމަކީ މުހިންމު ކަމެއްކަމަށް އެރިޕޯޓްގައި ފާހަގަކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެހެންކަމުން ސްޓްރަކްޗަރަލް އެސެސްމަންޓް ހެދުމަށް އިއުލާންކޮށްގެން ބަޔަކާ ހަވާލުކޮށް އެމަސައްކަތް ފަށައިގެން ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން ވިޝުއަލް އިންސްޕެކްޝަން ރިޕޯޓްގައި ދަރިވަރުންނަށް ގެއްލުންވާކަމެއް އަދިނެތް ކަމަށް ބުނެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް އެތަނުގެ ހާލަތު ގާތުން ބަލަމުންދާކަމަށާއި ކިރިޔާވެސް ދަރިވަރުންނަށް ނުރައްކަލެއް އޮތްކަން އެނގޭއިރަށް އެތަނުން ކުދިން ނެރޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ސްޓްރަކްޗަރަލް އެސެސްމެންޓް ހެދުމުން ތަނަށް ބޭނުންވާ މަރާމާތު އެނގިގެންދާނެކަމަށާއި އެހެންކަމުން މިހާރު ރާވާފައި އޮތީ ސްކޫލް ބަންދަށް އެތަން މަރާމާތުކުރެވޭ ވަރަށް މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސްޓްރަކްޗަރަލް އެސެސްމެންޓްގެ ބައެއް ކަންތައްތައް ރާއްޖެއިން ބޭރަށް ފޮނުވައިގެން ބަލަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ސްކޫލް ބަންދުތެރޭ މަރާމާތުކުރުމަށް ރާވާފައިވާއިރު މިހާރުން މިހާރަށް ބޭނުންވާ މަރާމާތުވެސް ކުރިޔަށް ގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.