2017 ވަނަ އަހަރު އައިއީޑީއެއް ތައްޔާރުކުރުމަށް ބޭނުންވާ ތަކެއްޗާއި ކެމިކަލް، ތަނެއްގެ ތެރޭގައި ތައްޔާރުކޮށް އައިއީޑީއެއް ހަދާ އެ ގޮއްވާލުމަށް ރާވަމުންދާކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ އިއުތިސާމް މުހައްމަދު ސައީދު، ގަމަރީ/ ގދ. މަޑަވެލި، ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.
އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ނިންމާފައިވަނީ އޭނާގެ 30 ދުވަހުގެ ބަންދުގެ މުއްދަތު ހަމަވެގެންނެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަޒީމެވެ. އެގޮތުން މި މައްސަލަ މިހާރު ކުރިއަށްދަނީ ސިއްރުކޮށްގެންނެވެ. މި މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ކުށުގެ ދައުވާއެވެ.
އޭނާއަކީ ހަރުކަށި ފިކުރުގެ މައްސަލައިގައި އައްޑޫސިޓީން ހައްޔަރު ކުރި މީހުންގެ ތެރޭގައިވެސް ހިމެނޭ މީހެކެވެ. އެގޮތުން އެ މައްސަލައިގައި އޭނާއާއެކު ހައްޔަރު ކުރި ފަރާތްތައް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމުމުން، ދައުލަތުން އޭރު އެ މައްސަލަ ހައިކޯޓަށް ހުށައެޅިއެވެ. އަދި ހައިކޯޓުން މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ވަނީ އެ މައްސަލައިގައި އެމީހުން ބަންދުން ދޫކޮށްލަން ނިންމި ނިންމުން ބާތިލު ކަމަށް ނިންމާފައެވެ. އެއާއެކު އެ މައްސަލައާ ގުޅޭ ދައުވާތައްވެސް ވަކިން ކޯޓުގައި ކުރިއަށް ދެއެވެ.
އިއުތިސާމް މުހައްމަދު ސައީދު އޭރު ހައްޔަރުކުރީ، އެ މައްސަލައިގައި ހިމެނޭ ހއ ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމް ޓެރަރިޒަމް އަމަލުތައް ހިންގުމަށް އަމަލީގޮތުން މަސައްކަތްކޮށް، ހަރުކަށި ފިކުރު ފެތުރުމާއި ޓެރަރިޒަމްގެ އަމަލްތައް ހިންގުމަށް ހިތްވަރުދީ، އަދި ގޮވާތަކެތި ހެދުމުގެ މައުލޫމާތު އެހެން މީހުނަށް ފޯރުކޮށްދޭކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އިއުތިސާމް މުހައްމަދު ސައީދުގެ ބައިވެރިވުން އޮތްކަމަށް ތުހުމަތު ކުރެވިގެންނެވެ. އެކަން ހައިކޯޓުން މި މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ބަޔާން ކޮށްފައިވެއެވެ.
ހައިކޯޓުގެ ރިޕޯޓުގައި އިއުތިސާމް މުހައްމަދު ސައީދާ ގުޅުވާލެވޭ ހެކިތަކުގެ ތެރޭގައި ބަޔާން ކޮށްފައިވަނީ އެ މީހުން ފިޔަވައި އިތުރު އެހެން އެއްވެސް ބަޔަކަށް ނުވަދެވޭގޮތަށް ހަދާފައިވާ ތަނެއްގައި، އެކަމުގައި ބޭނުންކުރާ ބައެއް ކެމިކަލް ބޭނުންކޮށްގެން އައިއިޑީއެއް ހަދައި ގޮއްވާލުމަށް އުޅޭކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
މުހައްމަދު ތަސްލީމަކީ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެންވެސް ދައުވާ އުފުލައި ޝަރީއަތް ހިންގެމުންދާ ފަރާތެކެވެ.