ކ. މާލެ
|
22 ނޮވެންބަރ 2021 | ހޯމަ 11:12
މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް
މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް
ރައްޔިތުންގެ މަޖިލިސް
ދައުލަތުގެ ދަރަނި
ދަރަނީގެ ހައްލަކީ އެ ދަރަނި ރިސްޓްރަކްޗަރ ކުރުން - ނަޝީދު
ކޮވިޑުގެ ހާލަތާ ގުޅިގެން ބޮޑެތި ދަރަނިތައް އަނބުރާ ދެއްކޭ ފަދަ އާމްދަނީއެއް ދައުލަތަށް ނުލިބޭ
އަނބުރާ ދައްކަންޖެހޭ މުއްދަތު ނުވަތަ ގްރޭސް ޕީރިއަޑް އިތުރުކޮށް އިންޓަރެސްޓް ރޭޓާއެކު ދަރަނި ރީސްޓްރަކްޗާ ކުރަންޖެހޭ
ފައިސާ ޗާޕްކޮށް އެ ފައިސާއަށް ޑޮލަރު ގަނެ ދަރަނި ދައްކާނަމަ އެއީ ބުރައެއް

ރާއްޖޭގެ ދަރަނި ދުވަހެއް ދުވަހެއް އިތުރުވަމުންދާ ކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އެކަމަށް އޮތް ހައްލަކީ ދަރަނި ރިސްޓްރަކްޗާކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް ވިދާޅުވެއްޖެއެވެ.

ޖަލްސާ ފައްޓަވަމުން، ރައީސް ނަޝީދު ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން ފާޅުކޮށްފައިވަނީ ދަރަނި އިތުރުވުމުގެ ކަންބޮޑުވުން ކަމަށެވެ. ދައުލަތުން އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭ އެއް ކަމަކީ ދަރަނި އަނބުރާ ދެއްކުމަށް ހިމަނާފައިވާ އަދަދުތަކާއި އެ ދަރަނި ދައްކަންޖެހޭ ވަގުތުތަކުގައި ދައުލަތުގައި އެ ފައިސާ ހުރިކަން ޔަގީން ކުރުން ކަމަށެވެ.

އަންނަ އަހަރު 2.9 ބިލިއަން ރުފިޔާ ލޯނު ދެއްކުމަށް ޚަރަދު ކުރާއިރު، ދަރަނި މެނޭޖް ކުރުމާ ގުޅޭ ގޮތުން މަޖިލީހުން ވަރަށް ފުރިހަމަ ރިޕޯޓެއް އެކުލަވާލާފައިވާ ކަަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މަޖިލީހުން ފާސްކޮށްފައިވާ އެ ރިޕޯޓުގައި ދަރަނި ރިސްޓްރަކްޗަރ ކުރަން ލަފާދީފައިވާނެ ކަމަށާއި ދަރަނީގެ ގޮތުގައި ދެއްކުމަށް ކަނޑައަޅާފައިވާ އަދަދު ނުދައްކާ ގޮތަކަށް އެކަންކަން މެނޭޖް ކުރުން މުހިއްމު ކަމަށް ވިދާޅުވިއެވެ. 2023 ވަނަ އަހަރު ވެސް އަނބުރާ ދައްކަންޖެހޭ ދަރަނީގެ އަދަދާއެކު އެ ފައިސާ އަނބުރާ ދައްކަންޖެހޭ މުއްދަތު ނުވަތަ ގްރޭސް ޕީރިއަޑް އިތުރުކޮށް އިންޓަރެސްޓް ރޭޓާއެކު ދަރަނި ރީސްޓްރަކްޗާ ކުރަންޖެހޭ ކަމަށެވެ.

ފައިސާ ޗާޕްކޮށް އެ ފައިސާއަށް ޑޮލަރު ގަނެ ދަރަނި ދައްކާނަމަ އެއީ ބުރައެއް ކަމަށާއި، މަޖިލީހުން ލަފާ ދިފައިވާނީ ދަރަނި ރިސްޓްރަކްޗަރ ކުރުުމަށް ކަމަށެވެ. ޗާޕް ކުރާ ފައިސާ އަކީ ދަރަނި އަދާ ކުރުުމަށް ދެވޭ ފައިސާ ކަމުގައި ހަދައިގެން ނުވާނެ ކަމަަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޮވިޑުގެ ހާލަތާ ގުޅިގެން ބޮޑެތި ދަރަނިތައް އަނބުރާ ދެއްކޭ ފަދަ އާމްދަނީއެއް ދައުލަތަށް ނުލިބޭ ކަމަށެވެ. ބަޖެޓުގައި ހިމަނާފައިހުރި ފައިސާ ވެސް ވަރަށް ބޮޑަށް އިތުރުވެގެން މެނުވީ އެކަން ނުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު މަޖިލީހުން ފާސްކުރި ރިޕޯޓުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައި އޮތީ 2012 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ނަގާފައިވާ ލޯނުތަކުގެ ތަފްސީލާއި ދަރަނި ބަލަހައްޓާފައިހުރި ގޮތާއި އެ ދަރަނި އަނބުރާ ދައްކަން ޖެހުނު އިރު ދައުލަތުގެ އާމްދަނީ ހުރި މިންވަރުގެ މައްޗަށެވެ.

އެކަންކަމަށް ބަލައި އާމްދަނީގެ ނިސްބަތުން ދަރަނި އަނބުރާ ދައްކަންޖެހޭ އަދަދު އިތުރުވާއިރު، އެކަމަށް ހައްލު ހޯދަން އެ ރިޕޯޓުގައި ވަނީ ސަރުކާރަށް ހުށަހެޅުންތަކެއް ހުށަހަޅާފައެވެ.

އޭގެ ތެރޭގައި ދޭދޭ ގައުމުތަކުންނާއި ބޭރުގެ ޖަމިއްޔާތަކުން ނަގާފައިވާ ލޯނުތައް ފިޔަވައި އެހެން ލޯނުތައް ރީސްޓްރަކްޗަރ ކުރުމުގެ މަސައްކަތް ކުރުމަށް، އެކަމަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލުމަށް ސަރުކާރަށް ހުށަހެޅުން ހިމެނެއެވެ.

- ކޮމެންޓް