ރާއްޖެއިން އިންޑިއާއާ އެކު ހަދާފައިވާ އެއްބަސްވުންތަކުގައި އެއްވެސް ގޯހެއް ނެތް ކަމަށް ރައްޔިތުންގެ މަަޖިލީހުގެ 241 ކޮމިޓީގެ މެމްބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފިއެވެ.
އިންޑިއާއާ އެކު ގާއިމުކުރި ތިން އެއްބަސްވުމެއް ދިރާސާކުރުމަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފެވެ. މައްސަލަ ދިރާސާކޮށް، ކޮމިޓީން ފާސްކުރި ރިޕޯޓްގައި ބުނީ އެއްބަސްވުންތަކުގައި އެއްވެސް ގޯހެއް ނެތް ކަމަށެވެ.
އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައާ ގުޅިގެން 241 ކޮމިޓީން ދިރާސާކުރީ އުތުރު ތިލަފަޅު (ޔޫޓީއެފް) ގައި ސިފައިންގެ ޑޮކްޔާޑަކާއި ބަނދަރެއް ހަދަން އިންޑިއާއާ އެކު ސޮއިކުރި އެއްބަސްވުމާއި 2016 ވަނަ އަހަރު އެކުލަވާލި، ޑިފެންސް ކޯޕަރޭޝަން އެއްބަސްވުމާއި ރާއްޖޭގެ ހައިޑްރޯގްރާފީ ދިރާސާކުރަން އިންޑިއާ އެކު ހެދި އެއްބަސްވުމެވެ.
ކޮމިޓީން އެއްބަސްވުންތައް ދިރާސާކުރި އިރު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ކޮމިޓީގެ ބައްދަލުވުމަކަށް ވަޑައިގެން އެއްބަސްވުންތަކުގެ ތަފްސީލް މައުލޫމާތު ދެއްވިއެވެ. އަދި ކޮމިޓީން އެދުމުން މާރިޔާ ވަނީ އެ އެއްބަސްވުންތައް ކޮމިޓީގެ މެމްބަރުންނާވެސް ހިއްސާ ކުރައްވާފައެވެ. އެއްބަސް ވުމުގެ ކޮޕީ މެމްބަރުންނަށް ވަކިން ދެއްވާފައި ނުވަނީ އެއީ ސިއްރު އެއްބަސްވުންތަކަށް ވާތީއެވެ.
އެ ތިން އެއްބަސްވުމުގައި ވެސް ގޯހެއް ނެތް ކަމަށް ނިންމިއިރު އިދިކޮޅު ފަރާތްތަކުން އަންނަނީ އިންޑިއާއާ އެކު ހެދި އެއްބަސްވުންތައް ހަދާފައި ވަނީ ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ގެއްލޭ ފަދަ މާއްދާތަކެއް އޭގައި ހިމަނައިގެން ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ. އެކަމަކު މި ތުހުމަތުތައް ސަރުކާރުން ވަނީ އެކި ފަހަރު މަތިން ދޮގު ކޮށްފައެވެ.
އެއްބަސްވުންތަކާމެދު ގޮތް ނިންމި މި ބައްދަލުވުމުގައި މައްސަލަ ހުށަހެޅުއްވި މެމްބަރު އާދަމް ޝަރީފު ބައިވެރިވެވަޑައި ނުގަންނަވައެވެ. އަދި ކޮމިޓީގައި އިންނަވާ އިދިކޮޅު އަނެއް މެމްބަރު ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫންވެސް ބައިވެރިވެވަޑައި ނުގަންނަވައެވެ.