އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ އެވަޓަން އަތުން މޮޅުވެ ތާވަލުގެ ދެވަނައަށް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަލުން ޖެހިލިއިރު، ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށް އެންޓޯނިއޯ ކޮންޓޭގެ ކޯޗުކަމުގައި ޓޮޓެންހަމް ހޮޓްސްޕާއިން ލީގުގައި ފުރަތަމަ މޮޅު ހޯދައިފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ސިޓީ މޮޅުވީ އެވަޓަން އަތުން 3-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ސިޓީން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ޖާއޯ ކަންސޭލޯ ނަގައިދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިންއެވެ. މި މެޗުގައި ސްޓާލިން ލަނޑު ޖެހިއިރު، މި މެޗަކީ އޭނާ ލީގުގައި ކުޅުނު 300 ވަނަ މެޗެވެ.
މި މެޗުގެ ދެވަނަ ހާފުގައިވެސް ސިޓީން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މި ހާފު ފަށައިގެން 10 ވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން އެ ޓީމަށް ލީޑު ފުޅާކޮށްދިނީ ރޮޑްރީއެވެ. އަދި މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ބެނާޑޯ ސިލްވާ ވަނީ ސިޓީގެ ތިންވަނަ ލަނޑު ޖަހާދީފައެވެ.
މި މޮޅާއެކު ތާވަލުގެ ދެވަނައަށް ސިޓީ ޖެހިލީ ކުޅުނު 12 މެޗުން ލިބުނު 26 ޕޮއިންޓާއެކުއެވެ. ތާވަލުގެ އެއްވަނައިގައި އޮތް ޗެލްސީއަށް 12 މެޗުން 29 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ލިވަޕޫލަށް 12 މެޗުން ވަނީ 25 ޕޮއިންޓް ލިބިފައެވެ.
މީގެ އިތުރުން ލީގުގައި އަދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ޓޮޓެންހަމް މޮޅުވީ ލީޑްސް އަތުން ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.
މި މަހުގެ ކުރީކޮޅު ޓޮޓެންހަމުގެ ކޯޗަކަށް ކޮންޓޭ ހަމަޖެއްސިއިރު، އޭނާގެ އިރުޝާދުގެ ދަށުން ލީގުގައި ކުޅުނު ފުރަތަމަ މެޗުން ޓޮޓެންހަމް ވަނީ ރަށުން ބޭރުގައި އެވަޓަންއާ ލަނޑެއް ނުޖެހި އެއްވަރުވެފައެވެ. އެކަމަކު އެ މެޗުގެ ކުރިން ކޮންޓޭގެ ކޯޗުކަމުގައި ކުޅުނު ފުރަތަމަ މެޗުން ޓޮޓެންހަމް ވަނީ ޔުއެފާ ކޮންފަރެންސް ލީގުގައި ވީޓެސް އަތުން ހަނިގޮތަކަށް މޮޅުވެފައެވެ.
އަދީއްތަ ދުވަހުގެރޭ ޓޮޓެންހަމުގެ ދަނޑުގައި ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ލީޑްސްއިންނެވެ. ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ޖެކް ހެރިސަން ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑެނިއަލް ޖޭމްސްއެވެ.
އެކަމަކު ދެވަނަ ހާފުގައި ކުޅެން އެރި ލޫކަސް މޯރާ ދިން ބޯޅައަކުން މެޗުގެ 58 ވަނަ މިނެޓުގައި ޕިއޭ-އެމީލް ހޮއިބިއާ ވަނީ ޓޮޓެންހަމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މި މެޗުން ޓޮޓެންހަމް މޮޅުވީ މެޗުގެ 69 ވަނަ މިނެޓުގައި ސާޖީ ރެގީލޯން ކާމިޔާބުކޮށްދިން ލަނޑާއެކުއެވެ.
މި މޮޅާއެކު ތާވަލުގެ ހަތްވަނައަށް ޓޮޓެންހަމް ޖެހިލިއިރު، އެ ޓީމަށް ވަނީ 12 މެޗުން 19 ޕޮއިންޓް ލިބިފައެވެ. އަދި މި މެޗުން ޓޮޓެންހަމް މޮޅުވުމާއެކު ތާވަލުގެ އަށްވަނައަށް މެންޗެސްޓާ ޔުނައިޓެޑް ވެއްޓުނުއިރު، އެ ޓީމަށް 12 މެޗުން ލިބިފައިވަނީ 17 ޕޮއިންޓެވެ.