ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ) ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ގުޅިއްޖެއެވެ.
އުމުރުން 34 އަހަރުގެ އަކޫ އަކީ މީގެ ކުރިން 2011 ވަނަ އަހަރު މާޒިޔާއަށް ކުޅުނު ޑިފެންޑަރެކެވެ. އެ ފަހަރު އޭނާ ވަނީ މާޒިޔާއަށް 16 މެޗު ކުޅެދީ އެ ޓީމަށް ދެ ލަނޑު ޖަހައިދީފައެވެ. ކުރިއަށް އޮތް ސީޒަނަށް އަކޫ މާޒިޔާ އާ ގުޅުނުއިރު، މިދިޔަ އޯގަސްޓް މަހު މާލޭގައި އޭއެފްސީ ކަޕުގެ ޕްލޭއޮފް މެޗުގައި އަކޫ ވަނީ ކުލަބު އީގަލްސްއަށް ކުޅެފައެވެ. އޭގެ ކުރިން މިދިޔަ ސީޒަނުގައި އަކޫ ކުޅެފައިވަނީ ކުލަބު ވެލެންސިއާއަށެވެ.
އަކޫ އެންމެ ފުރަތަމަ 2006 ވަނަ އަހަރު ފުޓްބޯޅަ ކެރިއަރު ފެށި ކުލަބަކީވެސް ވެލެންސިއާއިންނެވެ. ވެލެންސިއާ އާއި މާޒިޔާ އަދި އީގަލްސްގެ އިތުރުން އަކޫ ވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި، ވިކްޓަރީ ސްޕޯޓްސް ކުލަބާއި، ޓީސީ ސްޕޯޓްސް ކުލަބު އަދި ވީބީ އައްޑޫ އެފްސީއަށްވެސް ކުޅެފައެވެ.
މި ކުލަބުތަކާއެކު ގިނަ ކާމިޔާބީތަކެއް އަކޫ ހޯދާފައިވާއިރު، އޭނާގެ ކެރިއަރުގައި އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ ގައުމީ ފުޓްބޯޅަ ޓީމާއެކު 2008 އަދި 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމެވެ. އެގޮތުން 2018 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ އަކޫގެ ކެޕްޓަންކަމުގެ ދަށުންނެވެ.
ކުރިއަށް އޮތް ސީޒަނަށް ސްކޮޑު ވަރުގަދަކުރުމުގެ ގޮތުން މާޒިޔާއިން އަކޫގެ ސޮއި ހޯދިއިރު، ދާދި ފަހުން އެ ޓީމުން ވަނީ ނޭޕާލުގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެއްވަނަ ގޯލްކީޕަރު ކިރަން ކުމާރް ލިމްބޫގެ ސޮއިވެސް ހޯދާފައެވެ.
މަޝްހޫރު ފުޓްބޯޅަ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ގެ އިރުޝާދުގެ ދަށުން އަންނަ ސީޒަނާ މާޒިޔާ ކުރިމަތިލާއިރު، ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާނީ އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ޕްރެޒިޑެންޓްސް ކަޕުންނެވެ. އަދި އެއަށްފަހު ކުރިއަށް އޮތް ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މާޒިޔާއަކީ އެންމެ ފަހުގެ ދެ ސީޒަނުގެވެސް ލީގު ޗެމްޕިއަނުންނެވެ.