ސަރުކާރެއްގެ ކާމިޔާބީ ވަޒަން ކުރާނީ ކުރާ އިމާރާތުގެ ބޮޑުކަމަކުންނޫނެވެ. އިމާރާތުގެ ގިނަ ކަމަކުންވެސް ނޫނެވެ. ފުނިޖަހާ ފައިސާގެ ފުނިވަރަކުން ވެސް ނޫނެވެ. ދައްކާ މޮޅުވާހަކަ އަކުންވެސް ނޫނެވެ. ރައްޔިތުންނަށް ލިބިދޭ އަމާންކަމާއި ރައްކާތެރި ކަމުންނެވެ. އޮންނަ ސުލްހަވެރި މާހައުލުންނެވެ. ރައްޔިތުންނަށް އަސާސީ ހައްގުތައް ފޯރުކޮށްދެވޭ މިންވަރަކުންނެވެ. މުޖުތަމައުގެ ދުޅަހެޔޮ ސިއްހަތުންނެވެ. އިޖުތިމާއީ ފޭރާމުގެ ދޯހަޅިކަން ކުޑަވެފައިވާ މިންވަރަކުންނެވެ. ހިންގާ އިގުތިސާދީ ހަރަކާތްތަކުންނެވެ. ފަރުދީ ކެރި ފޯރުންތެރިކަމުންނެވެ. ލިބިދެވޭ އިލްމާއި ފަންނީ ހުނަރުންނެވެ.
ވޭތުވެދިޔަ ތިން އަހަރުގެ ކުރިން އެކަންކަން އޮތީ ކިހިނެއްތޯއެވެ. މުޅިދައުލަތް އޮތީ ހީރަސް ކެނޑިފައި އޮތް ފޮތެއްހެނެވެ. ޖެހުނުތާކުން ޖެހުނު މީހަކު ދައުލަތް ލޫޓުވަނީއެވެ. މުއައްޒަފަކަށް ވަޒީފާގެ ރައްކާތެރިކަމެއްނެތެވެ. ދައުލަތުގެ ހުރިއްޔާ ހުރި އެސެޓެއްގައި ވިޔާފާރިކޮށް ބޭނުންކޮށް ބައިއަޅައިގެން ކައިހުސްކޮށް އޮތީ ނިންމައިފައެވެ.
ރަށްރަށުގައި ރައްޔިތުން ފެންވަރާ ބޮއެ އުޅެނީ ނަޖިސް ފެނެވެ. ލަފާފުރޭނެ ފަދައެއްނެތިފައި ސަތޭކައަށް ވުރެ ގިނަރަށް އޮތެވެ. ފަޅެއް އޮތްނަމަ ބޭރުތޮއްޓާއި އެއްގަމުވާޓަރު ވެއްޓި ވީރާނާވެފައެވެ. ރަށްގިރުމުގެ ނުރައްކާތެރިކަން ގިނަ ރަށްރަށަށް ކުރިމަތިވެ ތިބީ ގޮތް ހުސްވެފައެވެ. ނަރުދަމާއާއި ސާފުބޯފެނުން ގިނަރައްޔިތުން ތިބީ މަހުރޫމުވެފައެވެ. ކަރަންޓް ކެނޑި ކަނު އަދިރީގައި ތިބެން ޖެހުމަކީ ގިނަ ރަށްރަށުގައި އާއްމުކަމެކެވެ. ކަރަންޓު ލިބުނަސް ލިބެނީ ބަލިމީހަކަށް އައިވީ ދޭ ބީދައިންނެވެ. ސިއްހީ މަރުކަޒުތައް ހުންނަނީ ނަމެއްގައެވެ. ފަރުވާދޭނެ އާލާތް ހުރިއްޔާ ޑޮކްޓަރަކު ނުހުރެއެވެ. ޑޮކްޓަރަކު ހުރިއްޔާ އާލަތެއް ނުހުރެއެވެ.
މާާލެ ތޮއްޖައްސާ ގިނަރަށްތަކެއް ފަޅުކޮށްލުމުގެ ސިޔާސަތު ކުރިއަށް ނެރެފައެވެ. ނުފޯރާ ފޮތިން ފޫގެޅުމުގެ ސިޔާސަތުގެ ދަށުން ދަރަނިވެރި މެގަ ޕްރޮޖެކްޓްތަކެއް ހިންގައި މުޅި ދައުލަތުގެ މުސްތަގުބަލު އެކީއެކައްޗަކަށް މޯގޭޖު ކޮށްފައެވެ. ދަރަނި އަދާކުރުމަށް ދަރަނިވެރިކުރުމަށް ދަރިންގެ ދަރިންގެ މިނިމިންޏަށް ބޯނުހިކޭވަރު ކޮށްލާފައެވެ. ދަރަނިވެރި ލޯނުތަކުގެ ބޮޑުބައެއް ބަޔަކު މީހުން ދިރުވާލައި ހަޖަމްކޮށް ނަޖިހަށް ހަދާފައެވެ. ނުކުރާ އެތައްކަމެއް ކުރިކަމަށް ހަދާ ބިލިޔަން ބިލިޔަނުން ފައިސާ ވެރިންގެ ޖީބުތަކަށް ގަންބާ ފުރާފައެވެ. ހަމައެއް ލަމައެއްނެތި އިންސާނީ ވަގުފާރި އާއްމުކޮށްފައެވެ. ވިސާއެއް ޕާސްޕޯޓެއް ނެތި ބިދޭސީން ބޭނުންހާ ގޮތަކަށް އުޅުމަށް ދޫކޮށްލާ އާއްމު ކުދިވިޔަފާރިތައް ބިދޭސީ ލޭބަރުންގެ އަތްމައްޗަށް ފޮރޮޅުވާލާ ދީފައެވެ.
ސިޔާސީ ފިކުރު ތަފާތު އެންމެންގެހެން ދިރިއުޅުން ދަތިކޮށްފައެވެ. ސިޔާސީ ވާދަވެރިން ޖަލުގެ ތޭރިތަކުގެ ފަހަތުގައި ގައިދުކޮށްފައެވެ. ޖަލުގެ އަނިޔާ އާދައިގެ ކަމަކަށްވެ އެތައް ބައެއްގެ ފުރާނަ އުދުއްސާލާފައެވެ. ރިޝްވަތާ ފަސާދައިން ކޯޓުތައް ތަޣައްޔަރު ކޮށްފައެވެ. މަގުތައް ނާމާންވެ ސަލާމަތުން އެނބުރި ގެއަށް ވަދެވޭނެކަމުގެ ޔަގީންކަށް ރައްޔިތު މީހާއަށް ގެއްލުވާލާފައެވެ. މީހުން މެރުމާއި ޑްރަގު އާއްމު ކުރުވާފައެވެ. އިންސާފު ހޯދާދޭ ބަޔަކީ ގޭންގުތައް ކަމުގައި ހަދާފައެވެ.
ދުނިޔޭގެ ކުރިމަތީގައި ރާއްޖެއަށް އޮތް ރީތިނަން ވެއްޔާ މޮޑެލާފައެވެ. ދުނިޔޭގެ އެތައް ބަޔަކާ ގުޅުން ކަނޑާލާފައެވެ. އިސްލާމީ ބައެއް ގައުމުތަކާއި ސިޔާސީ އަޚުވަންތަ ގުޅުން ރަސްމީކޮށް ކަޑާލާފައެވެ. އެކުވެރި އެހީތެރި އެތައް ގައުމެއް ހިމެނޭ ކޮމަންވެލްތާއި ގުޅުން ކަޑާފައެވެ. ޔޫރަޕިއަން ޔުނިއަނާއި އެމެރިކާއާއެކުގައި އޮތް ބަދަހި ގުޅުން ހީނަރުވެ އެކަހެރިވެފައެވެ. އެހެން ބައެއްގެ އެހީތެރިކަން ނުލިބޭ ވަރަށް ރާއްޖެ އޮތީ ބާކީ ވެފައެވެ.
މިހާރު އެހެންތޯއެވެ. ރައީސް ސާލިހު ދައުލަތް ހިންގެވުމުގައި ހާދަހާ ހިކުމަތްތެރިއެވެ. ހާދަ ކެތްތެރިއެވެ. ހާދަ ދުރުވިސްނަވައެވެ. ތަފާތު ސިޔާސީ ވާދަވެރިން ބައިވެރި ކުރައްވައިގެން ސަރުކާރު ހިންގަވަމުން އެގެންދަވަނީ ފިސާރި މޮޅަށެވެ. ސިޔާސީ ފިކުރު ތަފާތުވުމަކީ އެކުގައި މަސައްކަތް ނުކުރެވެންވީ ސަބަބެއް ނޫންކަން އެގެންދަވަނީ ސާބިތުކޮށް ދެއްވަމުންނެވެ. އިންސާނީ ހައްގާއި ގައުމީ ކަރާމާތް ނަގަހައްޓަވާ ދަމަހައްޓަވަމުން އެގެންދަވަނީ އަޖައިބެއްހާ މޮޅަށެވެ.
ރަށްރަށުގައި ރައްޔިތުން ފެންވަރާ ބޮއެ އުޅެނީ ނަޖިސް ފެނުންކަން ދެނެވަޑައިގެން އެންމެ އިސްކަމެއް އެދެއްވަނީ ރަށްރަށުގެ ނަރުދަމާއާއި ފެނުގެ ޚިދުމަތް ގާއިމުކޮށް ދެއްވުމަށެވެ. އެއްފަހަރާ ސަތޭކަ އެތައްރަށެއްގައި އެމަސައްކަތް އެގެންދަނީ ކުރައްވަމުންނެވެ. ލަފާފުރޭނެ ފަދައެއް ނެތިފައި އޮތް ހުރިހާ ރަށެއްގެ ބަނދަރު ހެއްދެވުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. ބޭރުތޮއްޓާއި އެއްގަމުވާޓަރު ވެއްޓި ވީރާނާވެފައިވާ ހުރިހާރަށެއްގެ ތޮށިތަކާއި ބަނދަރުތަކުގެ އާބާތުރަ ފިލުއްވުމުގައި އެއުޅުއްވަނީ އަވަދިނެތިއެވެ. ރަށްގިރުމުގެ ނުރައްކާތެރިކަން ކުރިމަތިވެފައިވާ ހުރިހާރަށެއް ރައްކާތެރިކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެރަށެއްގެ ވެއްޓާ ގުޅޭހެން އެދަނީ އަޅުއްވަމުންނެވެ. މަގުތައް ތަރައްގީކޮށް ތާރުއަޅާ ރަށްވެހިފަތިސް ގެނެސްދެއްވަމުން އެގެންދަވަނީ ރަށުގެ ކުޑަބޮޑުމިނަށް ބެއްލެވުމެއް ނެތިއެވެ. ކަރަންޓް ކެނޑި ކަނު އަދިރީގައި ތިބެން ޖެހުމުން ރަށްރަށުގެ ރައްޔިތުން ސަލަމަތްކުރެއްވުމަށްޓަކައި ހޭބޯނާރާ މަސައްކަތް އެބަކުރައްވައެވެ. އައު އިންޖީނުގެތައް ބިނާކޮށް ކަރަންޓުގެ ވިއުގަ ފެންވަރުމަތިކޮށް އެރަށަކާ އެކަށީގެންވާ ގޮތަށް އެންމެ އެކަށީގެންވާ ޚިދުމަތް ގާއިމުކޮށް އެހެރަނިމެނީއެވެ. ބަލިމީހަކަށް އައިވީ ދޭ ބީދައިން ދެވުނު ކަރަންޓުގެ ޚިދުމަތް އިއާދަކުރަނިވި ހަކަތައާއިއެކު ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ޒަމާނީކޮށް އެނިމެނީއެވެ. ސިއްހީ މަރުކަޒުތައް ހޮސްޕިޓަލްތަކަށް ބަދަލުވެ، ހޮސްޕިޓާތައް ޓާޝަރީ ކުރައްވަމުން އެގެންދަވަނީ ސިއްސައިގެން ދާހާ އަވަހަށެވެ.
ތައުލީމީ ދާއިރާއިން މިސަރުކާރު ހޯދާފައިވާ ކުރިއެރުންތަކުގެ ވާހަކަދައްކާ ކޮޅުންލާކަށްނެތެވެ. މަތީތައުލީމު ހާސިލުކުރެވޭނެ ގޮތްނެތިފައި ތިބި ދަރިވަރުންނަށް ސަރުކާރުގެ ޚަރަދުގައި ހިލޭ ޑިގްރީ ޕްރޮގްރާމް ތައާރަފްކޮށް ކާމިޔާބުކަމާއެކު އެބަހިންގައެވެ. ގޮތްހުސްވެ ކިޔެވުން ހުއްޓާލާފައި އެނބުރި އަންނަން ޖެހިފައިވާ އެތައް ދަރިވަރުންނަށް ލޯނު ސްކީމެއްގެ ދަށުން ކިޔެވުން ކުރިއަށް ގެންދެވޭނެ މަގުއޮތީ ފަހިކޮށްފައެވެ. ސަރުކާރުގެ ޚަރަދުގައި ހެދުނުގެ ނާސްތާ ލިބިގެންނޫނީ އެއްވެސް ދަރިވަރަކު ދުވަހުގެ ކިޔެވުމެއް ނުފަށައެވެ. ވަސީލަތާއި އިމާރާތުގެ ދަތިކަން ސްކޫލްތަކުން ފިލުވާ ދިނުމުގައި ބޮޑުތަނުން ކާމިޔާބީ އެދަނީ ހޯދަމުންނެވެ. ކިޔާފައި ނުކިޔާނެ ކަމެއްނެތެވެ.
މާާލެ ތޮއްޖައްސާ ގިނަ ރަށްތަކެއް ފަޅުކޮށްލުމުގެ ސިޔާސަތު ހުއްޓަވާލައްވާ ލާމަރުކަޒީ ބާރުތައް ރައްރަށް ތަންމިނައް އެވަނީ ދޫކޮށް ލައްވާފައެވެ. ދަތުރު ފަތުރުގެ ވިއުގަތަކުން މުޅިރާއްޖެ ވައިގެމަގުންނާއި ކަނޑުމަގުން ގުޅުވާލާ އެހެރަ ނިމެނީއެވެ. އަގުހެޔޮ އަވަސް ދަތުރުފަތުރުގެ ނިޒާމެއް މުޅި ރައްޔިތައް ފަހިކޮށްދީ އިގުތިސާދީ ނާރެސް ފުޅާވެ ބޮޑުވަމުން އެދަނީއެވެ. ނުފޯރާ ފޮތިން ފޫގެޅުމުގެ ސިޔާސަތުގެ ދަށުން ދަރަނިވެރި މެގަ ޕްރޮޖެކްޓްތަކަކަށްވުރެ މުޅިރައްޔިތަށް ނަފާވެރި މަޝްރޫއޫތައް އެކިކަންކޮޅުތަކުގައި އެގެންދަވަނީ ހިންގަވަމުންނެވެ. ދަރަނި އަދާކުރުމަށް ދަރަނިވެރިވުން ނިމުމަކަށް ގެނައުމަށް އެހީތެރި ގައުމުތަކުގެ މަދަދާ އެހީތެރިކަން ހޯއްދަވައި ރައްޔިތުންނަށް ލުއިގޮތެއްގައި ރައްކާތެރި ދިރިއުޅުމެއް ހޯއްދަވާ ދެއްވުމަށް ކެނޑިނޭޅި ހިތްވަރު އެބަކުރައްވައެވެ.
ސަރުކާރުގެ ތެރޭގައި ހިނގާ ފަސާދައިގެ އަމަލުތައް ބައްލަވާ އިންސާފުވެރި ފިޔަވަޅު އެބަ އަޅުއްވައެވެ. ބިލިޔަން ބިލިޔަނުން ފައިސާ ވެރިންގެ ޖީބުތަކަށް ނަހަމައިން ގަންބާ ފުރާލި ދައުލަތުގެ ފައިސާ އަނބުރާ ހޯއްދަވަން އަދުލުވެރި ކަމާއެކު މަސައްކަތް އެބަކުރެެވެއެވެ. ދައުލަތުގެ އިހުމާލުން ބޯޑެތި ގެއްލުންތައް ލިބޭ ފަރާތްތަކަށް އަދުލުވެރި ބަދަލު އެބަ ހޯއްދަވާ ދެއްވައެވެ. މޫލާ ހަރުވެ ހަމައެއް ލަމައެއްނެތި ކުރާ އިންސާނީ ވަގުފާރީގެ ދޮރުތައް އެގެންދަވަނީ ބަންދު ކުރައްވަމުންނެވެ. ވިސާއެއް ޕާސްޕޯޓެއް ނެތި ބޭނުންހާ ގޮތަކަށް އުޅެމުން އައި ގިނަ ބިދޭސީންތަކެއް ޑީޕޯޓް ކުރައްވައިފިއެވެ. އާއްމު ކުދި ވިޔަފާރިތަކުން ބިދޭސީ ލޭބަރުން ނަގަމުންދާ މަންފާ ނެގުން ހުއްޓުވުމުގެ މަސައްކަތް ކެއްތެރިކަމާއެކު ވަނީ ފައްޓަވާފައެވެ.
ދުނިޔޭގެ ކުރިމަތީގައި ވެއްޔާ މޮޑެލާފައި އޮތް ރީތިނަން ރާއްޖެއަށް އަނބުރާ ހޯދާދެއްވައިފިއެވެ. ކަނޑާލާފައި އޮތް ޑިޕްލަމެޓިކް ގުޅުންތައް އަނބުރާ އިއާދަ ކުރެވިއްޖެއެވެ. ދުނިޔޭގެ އެތަންމިތާ ރާއްޖޭގެ މިޝަންތައް ގާއިމުކުރައްވައިފިއެވެ. ތަމްރީނާ މީހުން ބިނާ ކޮށްދިނުމާއި ޑިމޮކްރެޓިކް ހަމަތައް ހިފެހެއްޓުމުގައި ފަންނީ ގޮތުންނާއި މާލީ ގޮތުން ޒަމާނުއްސުރެ އެހީތެރިވަމުން އައި ކޮމަންވެލްތާއި ކަނޑާލާފައި އޮތްގުޅުން ރަސްމީކޮށް ގާއިމުކުރެވި އެ ޖަމާއަތުގެ މަދަދާއި އެހީތެރިކަން ލިބެން ފަށައިފިއެވެ. ޔޫރަޕިއަން ޔުނިއަނާއި އެމެރިކާއާއެކުގައި އޮތް ބަދަހި ގުޅުން ހީނަރުވެ އެކަހެރިވެފައި އޮތް އޮތުން ޚަތިމްވެއްޖެއެވެ. ގިނަ ގައުމުތަކެއްގެ ފުރިހަމަ ތާއީދާއެކު ދުނިޔޭގެ އެންމެ ޝަރަފުވެރި މަގާމު ރާއްޖެ ހާސިލުކޮށްފިއެވެ. އދގެ އާންމު މަޖިލިސްގެ ރައީސް ކަން ރާއްޖޭގެ ޚާރިޖީ ވަޒީރަށް ލިބިވަޑައިގަތުމަކީ މިއަދު ދުނިޔެއިން ރާއްޖެ ބަލައިގެންފައިވާކަމުގެ އެންމެ ވަރުގަދަ ދަލީލެވެ. އެހެން ބައެއްގެ އެހީތެރިކަން ނުލިބޭ ވަރަށް ރާއްޖެ ބާކީ ވެފައި އޮތް އޮތުން ނިމުމަކަށް ގެނެވުނީ މިސަރުކާރުގެ މިންނެތް މަސައްކަތުންނެވެ.
އެނގި ހާމަވާން އޮތް ޙަގީގަތަކީ އާލަމީ ވަބާއެއްގެ ތެރޭގައި ދެ އަހަރެއްހާދުވަހު މުޅި ދުނިޔެ އޮތްއިރު ރައީސް ސާލިހުގެ ސަރުކާރުން ބޮޑެތި ކާމިޔާބީތަކެއް ހޯދައިފިކަމެވެ. ރައްޔިތުންގެ ހައްގުތައް އެއްވެސް ތަފާތެއް ނުކޮށް ފޯރުކޮށް ދިނުމުގައި ރާއްޖެ ދުވަހަކުވެސް ނުދެކޭ ފެންވަރެއްގައި ކާމިޔާބު ކަމާއެކު އަދާކޮށްދީފިކަމެވެ. ސަރުކާރަކީ ރައްޔިތުންެ އެއްޗެއްކަން ތައައްސުބެއްނެތި ރައީސް ސާލިހު ސާބިތުކޮށްދެއްވައިފިއެވެ. ތިން އަހަރުގެ ޚިދުމަތުން ސާބިތުކޮށް ދެއްވީ ރައްޔިތުންގެ މީހަކީ ރައީސް ސާލިހު ކަމެވެ.