ކ. މާލެ
|
27 މެއި 2017 | ހޮނިހިރު 19:19
އާސެނަލް އަދި ޗެލްސީ ބައްދަލުކުރާ މެޗުގެ ކަވާ ފޮޓޯއެއް
އާސެނަލް އަދި ޗެލްސީ ބައްދަލުކުރާ މެޗުގެ ކަވާ ފޮޓޯއެއް
ޓްވިޓަރ
އެފްއޭކަޕް
އެފްއޭކަޕް: ލީގު ޗެމްޕިއަން ޗެލްސީ އާއި އާސެނަލް ކުރިމަތިލާ ވަރުގަދަ ފައިނަލް މިރޭ
އާސެނަލް އާއި ޗެލްސީ ބައްދަލުކުރާ ފައިނަލް މެޗު ފަށާނީ 21:30 ގައި
މެޗުގައި މުސްތާފީ، ލައުރެންޓް ކޮޝިއެލްނީ އަށް ނުކުޅެވޭނެކަން ކަށަވަރު

އެފްއޭކަޕްގައި ޕްރިމިއާ ލީގު ޗެމްޕިއަން ޗެލްސީ އާއި އާސެނަލް ވާދަކުރާ ވަރުގަދަ ފައިނަލް މެޗު ހޮނިހިރު ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާއިރު، އާސެނަލް އަށް ވަނީ އަނިޔާގެ މައްސަލަތަކުގެ އިތުރުން ސަސްޕެންޝަންގެ މައްސަލަ ކުރިމަތިވެފައެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ މި ސީޒަނުގައި ކާމިޔާބީއެއް ހޯދަން ކެތްމަދުވެފައި ހުރި ކަމަށާއި، ކުޅުންތެރިންވެސް އެކަމަށް މަސައްކަތްކުރާނެ ކަމަށެވެ.

އާސެނަލްގެ ކޯޗުކަމުގައި ވެންގާ ދެމި ހުންނާނެކަމަށް ސުވާލު އުފެދިފައިވާއިރު، ރިޕޯޓްތައް ބުނާ ގޮތުން ޗެލްސީ ބަލިކޮށް އެފްއޭ ކަޕް އާސެނަލް އިން އުފުލާލައިފިނަމަ، ކޯޗުކަމުން ވެންގާ އަމިއްލައަށް އިސްތިއުފާ ދޭނެއެވެ.

އާސެނަލް އިން އެފްއޭކަޕް އުފުލާލައިފިނަމަ، ވެންގާ ވެގެންދާނީ އެފްއޭކަޕް އެންމެ ގިނައިން އެއް ޓީމަކަށް ހޯދައިދިން ހަމައެކަނި ކޯޗަށެވެ. އެހެންނަމަވެސް އާސެނަލް އަށް މި މެޗަށް ނިކުންނައިރު، އޮތް ޕްރެޝަރަކީ ޕްރިމިއާ ލީގުގެ ފަސްވަނަ ލިބި ޔުއެފާ ޗެމްޕިއަންސް ލީގުން ޖާގައެއް ނުލިބުމެވެ. އެގޮތުން އެޓީމު ކުޅެންޖެހޭނީ އަންނަ ސީޒަނުގައި ޔޫރޮޕާ ލިގުގައެވެ.

އާސެނަލްއާ އިދިކޮޅަށް ނިކުންނަ ޗެލްސީއަށް ބަލާއިރު، އެޓީމު ވަނީ މި ސީޒަނުގައި ކޮންޓޭގެ އިރުޝާދުގެ ދަށުން ނިކުމެ ޕްރިމިއާ ލީގުގެ ތަށި ހޯދާފައެވެ. އެޓީމު މި ސީޒަނުގެ ޕްރިމިއާ ލީގުން ބަލިވީވެސް އެންމެ ހަ މެޗުންނެވެ.

މެޗަށް ނިކުންނައިރު، އާސެނަލްއަށް ވަނީ އަނިޔާގެ މައްސަލަތަކުގެ އިތުރުން ސަސްޕެންޝަންގެ މައްސަލަތައްވެސް ކުރިމަތިވެފައެވެ. އެގޮތުން ޗެލްސީއާ ދެކޮޅަށް ނިކުންނަ ފައިނަލް މެޗުގައި މުސްތާފީއަށް ކުޅެވޭނެކަމާމެދު ޝައްކު އުފެދޭއިރު، އޭނާ އާސެނަލްގެ ފަރިތަކުރުންތަކުގައިވެސް ބައިވެރިއެއްނުވެއެވެ. އެގޮތުން ޗެލްސީ މެޗުގައި މުސްތާފީ ރިޕްލޭސްކުރާނީ ޕީޓާ މަޓަސެކާ ކަމަށް ބެލެވެއެވެ.

މީގެއިތުރުން އެލެކްސަސް ސަންޗޭޒް އަދި ކެރެން ގިބްސް އަށް އަނިޔާގެ މައްސަލަތަކެއް ވަނީ ކުރިމަތިވެފައެވެ. އެހެންނަމަވެސް މި ދެ ކުޅުންތެރިން އާސެނަލްގެ ފަރިތަކުރުންތަކުގައި ވަނީ ބައިވެރިވެފައެވެ. ސަސްޕެންޝަންގެ ސަބަބުން މެޗުގައި އާސެނަލްގެ ލައުރެންޓް ކޮޝިއެލްނީއަށް ނުކުޅެވޭނެއެވެ. އޭނާ އަށް ސަސްޕެންޝަނާ ކުރިމަތިލާންޖެހުނީ އާސެނަލް ލީގުގައި ކުޅުނު ފަހު މެޗުގައި އެވަޓަންއާ ދެކޮޅަށް ކުޅުނުއިރު، ހޯދި ރަތްކާޑާ ގުޅިގެންނެވެ.

އެފްއޭކަޕްގެ ފައިނަލް މެޗަށް އާސެނަލް އިން ބޭނުންކުރާނެކަމަށް ލަފާކުރެވޭ ފުރަތަމަ އެގާރައަކީ: ޖިރޫ، ސަންޗޭޒް، އޮޒިލް، ޗެމްބަލިން، ރަމްސީ، ޒާހާ، ގިބްސް، ހޮލްޑިން، މަޓަސެކާ، މޮންރިއަލް އަދި ޗެކް އެވެ.

އާސެނަލް އަދި ޗެލްސީ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން ހޮނިހިރު ދުވަހުގެ ރޭ 21:30 ގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް