ކ. މާލެ
|
21 ނޮވެންބަރ 2021 | އާދީއްތަ 04:59
ބާސާ އާއި އެސްޕަންޔޯލް ބައްދަލުކުރި މެޗުގެ ތެރެއިން
ބާސާ އާއި އެސްޕަންޔޯލް ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ސްޕެނިޝް ލީގު
ޒަވީގެ ފުރަތަމަ މެޗުން ބާސާއަށް މޮޅެއް
ތާވަލުގެ ހަވަނައަށް ބާސާ ކުރިއަށް ޖެހިލީ 20 ޕޮއިންޓާއެކު
އެސްޕަންޔޯލް އަތުން ބާސާ މޮޅުވީ 1-0 ގެ ނަތީޖާއަކުން

އައު ކޯޗު ޒަވީ ހެނާންޑޭސްގެ ކޯޗުކަމުގައި ބާސެލޯނާއިން ކުޅުނު ފުރަތަމަ މެޗުން ހޮނިހިރު ދުވަހުގެރޭ ސްޕެނިޝް ލީގުގައި އެސްޕަންޔޯލް އަތުން މޮޅުވެއްޖެއެވެ.

މި ސީޒަނުގައި ބާސާގެ ނަތީޖާތައް ދަށްވުމާއެކު، އެ ޓީމުން ވަނީ ކޯޗުގެ މަގާމުން ރޮނާލްޑް ކޫމަން ވަކިކޮށްފައެވެ. އޭގެ ފަހުން ވަގުތީ ކޯޗު ސާޖީ ބާހުއަން ބާސާއަށް އިރުޝާދުދިންއިރު، މި މަހުގެ ކުރީކޮޅު ބާސާއިން ވަނީ އައު ކޯޗުގެ މަގާމަށް އެ ޓީމުގެ ލެޖެންޑް ޒަވީ ހަމަޖައްސާފައެވެ.

ޒަވީގެ އިރުޝާދުގެ ދަށުން ބާސާއިން ކުޅުނު ފުރަތަމަ މެޗުން އެ ޓީމު މޮޅުވީ އެސްޕަންޔޯލް އަތުން 1-0 ގެ ނަތީޖާއަކުންނެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ބާސާއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފުގައި އެ ޓީމުގެ ކެޕްޓަން ސާޖިއޯ ބުސްކެޓްސް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް އެސްޕަންޔޯލުގެ ގޯލްކީޕަރު ޑިއޯގޯ ލޮޕޭޒް ވަނީ ދިފާއުކޮށްފައެވެ. އަދި މި ހާފުގައި އެސްޕަންޔޯލަށްވެސް ވަނީ ލަނޑެއް ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

އެސްޕަންޔޯލާ ދެކޮޅަށް މެޗުގެ ތެރެއިން ބާސާގެ އައު ކޯޗު ޒަވީ - ގެޓީ އިމޭޖަސް

މި މެޗުގައި ބާސާއިން ލީޑު ނަގާފައިވަނީ ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެމްފިސް ޑިޕާއިއެވެ. މިއީ އޭރިއާ ތެރެއިން ޑިޕާއިއަށް އެސްޕަންޔޯލުގެ ލެއާންޑްރޯ ކަބްރޭރާ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. އޭގެ ފަހުން މި މެޗުގައި ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި މޮޅާއެކު ތާވަލުގެ ހަވަނައަށް ބާސާ ޖެހިލިއިރު، އެ ޓީމަށް ވަނީ ކުޅުނު 13 މެޗުން 20 ޕޮއިންޓް ލިބިފައެވެ. ތާވަލުގެ އެއްވަނައިގައި އޮތް ސެވިއްޔާ އާއި ދެވަނައިގައި އޮތް ރެއާލް ސޮސިއެޑާޑަށް 13 މެޗުން 28 ޕޮއިންޓް ލިބިފައިވާއިރު، އެ ދެ ޓީމާ ބާސާއާ ދެމެދު އަށް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. މީގެ އިތުރުން ލީގުގައި ހޮނިހިރު ދުވަހުގެރޭ ބާސާ އަތުން ބަލިވި އެސްޕަންޔޯލް އޮތީ ތާވަލުގެ 11 ވަނައިގައި 14 މެޗުން 17 ޕޮއިންޓާއެކުއެވެ.

- ކޮމެންޓް