މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާން އަދި ނުނިންމާ ކަމަށާއި، ފެތުރެމުންދަނީ ދޮގު ޚަބަރެއް ކަމަށް އެޓްލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ އެންޓޯނިއޯ ގްރިޒްމަން ބުނެފި އެވެ.
ގްރިޒްމަންއާ ބެހޭ ގޮތުން ދެކެވެމުންދާ ވާހަކަތައް ދޮގުކުރަމުން އޭނާގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނީ ކުރިމަގާ މެދު ގޮތެއް ނިންމާނީ މަޝްވަރާކުރަންޖެހޭ ފަރާތްތަކާ މަޝްވަރާކޮށްފައި ކަމަށާއި، އެގޮތުން އަދި ގޮތެއް ނުނިންމާ ކަމުގެ ޔަގީންކަންދޭ ކަމަށެވެ.
ފްރާންސްގެ ޓީވީ ޝޯ އަކަށް ދިން އިންޓަވިއުއެއްގައި ދާދި ފަހުން ގްރީޒްމަން ބުނީ ޓްރާންސްފާގައި ޔުނައިޓެޑަށް ބަދަލުވުމުގެ ފުރުސަތު ދިހައަކުން ހަ ޕަސެންޓް އޮތް ކަމަށެވެ.
ގްރީޒްމަން އެގޮތަށް ރޭޓްކޮށްފައި ވަނީ އޭނާ ޔުނައިޓެޑަށް ބަދަލުވުމުގެ ފުރުސަތު އޮތް ކަމަށް ބުނުމުން އެ ޝޯގެ ޕްރެޒެންޓަރު ގްރީޒްމަންގެ އެވާހަކައަށް އޭނާ އަމިއްލައަށް 10-1 އާ ދެމެދު ދޭނީ ކިހާ ވަރެއްތޯ ސުވާލު ކުރުމުންނެވެ.
ފްރާންސްގެ ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ އުމުރުން 26 އަހަރުގެ ގްރީޒްމަން ބުނީ ކުރިއަށް އޮތް ދެ ހަފްތާއެއްގެ ތެރޭގައި އޭނާގެ މުސްތަޤްބަލާ ގުޅޭ ގޮތުން ގޮތެއް ނިންމާނެ ކަމަށެވެ.
ގްރީޒްމަން ޔުނައިޓުން ފެނިދާނެތޯ ފްރާންސްގެ ކޯޓިޑިއެން ޝޯގެ ޕްރެސެންޓަރ ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ގްރީޒްމަން ވެސް ވަނީ އޭނާ ޔުނައިޓެޑަށް ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޖަވާބުތަކުރާރު ކޮށްފައެވެ.
ގްރީޒްމަންގެ ސޮއި ހޯދުމަށް 100 މިލިއަން ޔޫރޯގެ އަގެއް ހުށަހެޅުމަށް ޔުނައިޓުން އޮތީ ތައްޔާރަށެވެ. އަދި އެކަމުގެ މަޝްވަރާތައް ދެ ކުލަބުގެ މެދުގައި ވެސް ކޮންމެ ވެސް ވަރަކަށް ހިނގާފައިވާ ކަމަށް ރިޕޯޓްތައް ބުނެފައި ވެއެވެ.
އެޓްލެޓިކޯއާ އެކު 2021 ވަނަ އަހަރުގެ ނިޔަލަށް އެއްބަސްވުމެއް ހަދާފައިވާ ގްރިޒްމަން އޭނާގެ ކެރިޔަރު ފެށީ 2009 ވަނަ އަހަރު ރެއާލް ސޮސައިޑާޑް އިންނެވެ. އޭނާ އެޓްލެޓިކޯ އަށް ބަދަލުވީ 2014 ވަނަ އަހަރެވެ. އެގޮތުން އޭނާ ވަނީ އެޓްލެޓިކޯގައި ހޭދަކުރި ތިން ސީޒަނުގައި މިހާތަނަށް އެ ކްލަބަށް ކުޅުނު 160 މެޗުގައި 83 ލަނޑު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން އޭނާ ވަނީ އެ ކްލަބާއެކު ސްޕެނިޝް ސުޕާކަޕް އަދި ނިމިގެންދިޔަ ސީޒަނުގައި ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ހޯދާފައެވެ. ފްރާންސްގައި އެންމެ ފަހުން ބޭއްވި ޔޫރޯ ފުޓުބޯޅަ މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައިވާ ގްރިޒްމަން ވަނީ އެ ގައުމަށް އެ މުބާރާތުގެ ދެވަނަ ހޯދައިދިނުމަށް ވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ.