ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މަގާމުގެ ހުވާ ކުރެއްވީ 17 ނޮވެމްބަރު 2018 ގައެވެ. އެމަނިކުފާނުގެ ސަރުކާރަށް މިއަދު ފުރުނީ 3 އަހަރެވެ. ރައީސް ސާލިހަށް ދިވެހި ރައްޔިތުން ދިނީ ފަސް އަހަރުގެ ދައުރެކެވެ. އެހެންވީމާ ދައުރު ދެބައިވެގެންގޮސް ފަހު ދެ އަހަރުގެ ދުވަސްތައް ގުނާން ފެށުނީއެވެ. މި ސަރުކާރަށް މިހާތަނަށް ތިން އަހަރު ފާއިތުވެގެންދިޔައިރު ރައްޔިތުން އުންމީދުކުރި މިންވަރަށް ކަންކަން ހާސިލްކުރެވެމުންދޭ ބާވައެވެ. ރައީސް ސާލިހާއި އެމަނިކުފާނުގެ ސަރުކާރަށް ރައްޔިތުން ދޭންވީ ކޮންކަހަލަ ރިޕޯޓު ފޯމެއް ބާވައެވެ. ރައީސް ސާލިހުގެ ކުރިން ވެރިކަން ކުރެއްވި ރައީސް ޔާމީނުގެ ދައުރުގައި ކުރެވިފައިވާ ކަންކަމަށް ރިއާޔަތްކުރާއިރު އެޒާތުގެ ކަންކަން މި ސަރުކާރަށް ކުރެވިފައިވޭ ބާވައެވެ.
ކުރެވުނު ކަންތައްތަކާއި ނުކުރެވުނު ކަންތައްތަކާއި ރިޕޯޓު ފޯމުގެ ވާހަކަ ދައްކާނަމަ އެކަން ކުރަންވާނީ ކުރީގެ ސަރުކާރަށް ހާސިލް ކުރެވުނު މިންވަރަށް ނިސްބަތްކޮށްފައެވެ. ރައީސް ސާލިހުގެ ސަރުކާރަށް ތިން އަހަރު ފުރިގެންދިޔައިރު ވަރަށް ގިނަ ކަންކަން ރައީސް ޔާމީނު ކުރެއްވި މަގުން އެބީދައިން އެ މިންވަރަށް ނުވަތަ އެމިންވަރާ ކައިރިކުރާ ވަރަށްވެސް ކުރެވިފައެެއް ނެތެވެ. ތިޔަ ހީފުޅު ކުރެއްވުނީ ރަނގަޅަށެވެ. ރައީސް ސާލިހުގެ މި ސަރުކާރަށް އެކަންކަމެއް ނުކުރެވުނެވެ. ތިން އަހަރު ކީއްކުރަންތޯއެވެ. ފަސް އަހަރުގެ ދައުރު ނިމޭއިރުވެސް ކުރެވޭނޭ ކަމަށް ނުފެނެއެވެ. ނުކުރެވޭނެއެވެ. ނުކުރާނެއެވެ. އެހެންވީމާ ދެން ލަލަލާ ކިޔާ ބަޔަކު އެކަން ކުރަންވީއެވެ. ނުކުރެވުނޭ ނުކުރެވުނޭ ނާގާބިލޭ ގޮވައި އަޑުގަދަކުރާން ބޭނުން ބަޔަކު ތިބިއްޔާ އެކަންވެސް ކުރާންވީއެވެ. ލަސްކުރާނޭ ކަމެއްވެސް ނެތެވެ.
ރައީސް ސާލިހުގެ ސަރުކާރަށް ނުކުރެވޭ ކަންކަމުގެ ވާހަކަތައް ފަށަމާ ބަހީއެވެ. ރައީސް ޔާމީނުގެ ދައުރުގެ އެންމެ އުސްއަލިތަކުން ފަށަމާ ބަހީއެވެ. ލިސްޓު ވަރަށްވެސް ދިގެވެ. ރައީސް ސާލިހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވި ދުވަހުން ފެށިގެން މިހާތަނަށް ޖަލަށް ލެވުނު ނޫސްވެރިޔަކު ނެތެވެ. ޖުރިމާނާކޮށް ނާށިގަނޑާއިގެން ސަލާންޖަހަން މަޖުބޫރުކޮށް މަގުމައްޗަށް ނެރެލި ޓީވީ ސްޓޭޝަނެއް ނެތެވެ. އިންޒާރުދީ ފޭރިގަނެ ބޮޑުތަޅު އެޅުވި މީޑިއާ އޮފީހެއް ނެތެވެ. ރައީސް ޔާމީނުގެ ދައުރުގައި ޖުރިމާނާ ފައިސާގެ ގޮތުގައި އެސަރުކާރަށް މިލިޔަނުން މިލިޔަނުން ވެއްދުމުގައި އަވަދިނެތި އުޅުނު ބްރޯޑްކޮމް ވެސް ރައީސް ސާލިހުގެ ވެރިކަމުގައި އެ އޮންނަނީ އަރާމު ނިންޖަކުން ނިދައިފައެވެ. ވަރަށްވެސް ދެރަ ނޫންތޯއެވެ. މިކަމެއް ނުކުރެވުނެވެ. ދެން ލަލަލާއެވެ.
ޑިމޮކްރަސީއެއްގައި މިނިވަން މީޑިއާގެ ދައުރަކީ ކޮބައިކަން އެންމެނަށްވެސް އެނގެއެވެ. މީޑިއާއަކާ މިސަރުކާރަށް ނުކުޅެވުނެވެ. ހަމައެގޮތަށް ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއްބާރު ކަމަށްވާ ރައްޔިތުންގެ މަޖިލީހާވެސް މި ސަރުކާރަކަށް ނުކުޅެވުނެވެ. މަޖިލީހުގެ މެންބަރުންގެ ތެރެއިން ގިނަ ބައެއްގެ ގޮނޑި ގެއްލުވާލުމާއި މެންބަރުން މަޖިލީހުގެ އިދާރާއަށް ވަނުން މަނާ ކުރުމާއި ވަންނާން ދިމާކުރި ބަޔަކު ވިއްޔާ ކުޅަދާނަ ކެޔޮޅަކު ކުރުދޮށީން މަސްބާނައި ދޯނީގެ ހަފޮޅުން އެތެރެކުރާ ބީދައިން މަޖިލީހުގެ ފާރުމަތިން މެންބަރުން އުކުން ފަދަ ކަމެއްވެސް މި ސަރުކާރަކަށް ނުކުރެވުނެވެ. މެންބަރުންގެ ދަތްދޮޅި ދުއްވައިނުލާތީ އެކަމާ ދެރަވެގެން މިސަރުކާރުގެ ދިފާއީ ވަޒީރު ވާހަކަފުޅެއްވެސް ނުދައްކަވައެވެ. ވަރަށްވެސް ދެރަ ނޫންތޯއެވެ. މިކަންވެސް ނުކުރެވެއެވެ. ދެން ލަލަލާއެވެ.
ސިޔާސީ ޕާޓީތަކުގެ އަޑު ކަނޑުވައި އިދިކޮޅު ސިޔާސީ ފިކުރުގެ އެންމެން ޖަލަށްލައި އިދިކޮޅު އެންމެހައި ލީޑަރުން ޖަލަށްލުމަކީ ވެސް ރައީސް ސާލިހުގެ ސަރުކާރަށް ނުކުރެވި އޮތް ކަމެކެވެ. އަދި އެއީ ރައީސް ޔާމީނުގެ ދައުރުގެ އުސް އަލިތަކުގެ ތެރެއިންވެސް އައްޔެއްމެއެވެ. ގާސިމާއި މައުމޫނާއި ރައީސް ނަޝީދާއި ކާނަލް ނާޒިމާއި ޝައިޚު އިމްރާނުމެން އެތިއްބެވީ މިނިވަންކަމާއެކު ރާއްޖޭގައެވެ. އެބޭފުޅުން ފަހަމުން ފުލުހުން ނުދުވެއެވެ. އެފަދަ ކަމެއް ކުރާކަށް ފުލުހުންގެ މައްޗަށް ރައީސް ސާލިހުގެ ސަރުކާރުން އަމުރެެއްވެސް ނުކުރެއެވެ. ނުވެސް ކުރާނޭމެއެވެ. ފުލުހުންގެ މައިގަޑު މަސައްކަތަކީ ސިޔާސީ މީހުން ފަހައިދުވުން ކަމަށް މިސަރުކާރުން ލާޒިމެއް ނުކުރެއެވެ. އެހެންވީމާ މިއީވެސް ނުކުރެވޭ ކަމެކެވެ. ވަރަށްވެސް ދެރަ ނޫންތޯއެވެ. ދެން ލަލަލާއެވެ.
ލިސްޓު އަދިވެސް ވަރަށް ދިގެވެ. އެހުރިހާ ވާހަކައެއް އެއްފަހަރާ ގެނެވޭ ވަރަށްވުރެ ދިގެވެ. އެހެންވީމާ އަދި އެއްވާހަކަ ބުނެފައި ނިންމައިލާނީއެވެ. މިތަކުރުފާނަކީ ގުރުއާން ހިތުދަސް ހާފިޒެކޭ، ހިތުތެރޭގައި ގުރުއާން ފިޔަވައި އެހެން އެއްޗެއް ނެތޭ ބުނެފައި މަޖިލީހުން އުއްތަމަ ފަނޑިޔާރު ކަމަށް ގެނައި ތަކުރުފާނު އެއްރޭ ފަނޑިޔާރުގޭގެ ފުރާޅުން ޓިނު ނައްޓައިގެން ވަދެ ބަނޑުވަތަށް ވައްޓާލައި މޭމަތިވެސް ބިންމަތީގައި ކާއްތަމުން ދަމައިނެރެ ހަމަ އެ ފަނޑިޔާރު ތަކުރުފާނު ހުރަގެޔަށްލުން ކަހަލަ ހިތްވަރުގަދަ ތާރީޚީ ކަމެއް މިސަރުކާރަކުން ނުކުރެއެވެ. އެފަދަ ކަމަކަށް އަރަފޯދޭ ސަރުކާރަކަށް ނުވަނީވެސް ތޯއްޗެކެވެ. ކޮންމެއަކަސް ނުކުރެއެވެ. ނުވެސް ކުރާނެއެވެ. އެހެންވީމާ ވަރަށް ދެރަ ނޫންތޯއެވެ. ދެން ލަލަލާއެވެ.