ކ. މާލެ
|
14 ނޮވެންބަރ 2021 | އާދީއްތަ 19:20
އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދިޔަ މުޒާހަރާ
އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދިޔަ މުޒާހަރާ
ސޯޝަލް މީޑިއާ
ރާއްޖޭގެ ސިޔާސީ މަސްރަހު
ވެރިކަން ކޮންމެ ގޮތެއް ހަދާފައިވެސް ނިމުމަކަށް ގެންނަންޖެހޭތަ؟
 
ދިވެހިން ވަނީ ދައުރު ހަމަނުވަނީސް ވެރިކަން ބަދަލުކުރުމުގެ ތަޖުރިބާކޮށްފައި
 
އިދިކޮޅުގައި ތިބެގެން އަބަދުވެސް ގޮވަނީ ވެރިކަން ބަދަލުކުރުމުގެ ވާހަކަ

ސިޔާސީ ޕާޓީ ނިޒާމުގެ ތެރެއިން ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ސަރުކާރު ވަނީ ވެރިކަމުގެ ދައުރު ފުރިހަމަނުވަނީސް ބަދަލުވެފައެވެ. ގާނޫނު އަސާސީ ބުނާގޮތުން ދައުރެއް ފުރިހަމަވަނީ ފަސް އަހަރު ހަމަވުމުންނެވެ. ކޮންމެ މީހަކަށްވެސް ވެރިކަން ކުރެވޭނީ ގިނަވެގެން ޖެހިޖެހިގެން ދެ ދައުރުގައެވެ. އެއީ އަދި ރާއްޖޭގައި ވެފައިވާކަމެއް ނޫނެވެ. ނަމަވެސް ފަސް އަހަރުގެ ދައުރެއް އެއް ރައީސަކު ވަނީ އައު ގާނޫނު އަސާސީ އައި ފަހުން ފުރިހަމަކުރައްވާފައެވެ.

އައު ގާނޫނު އަސާސީ އާއެކު މިހާރު މިހިނގަނީ ތިން ވަނަ ދައުރެވެ. އެންމެ ފުރަތަމަ އުފެދުނު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން މަގުމަތިން ބަދަލުވިއިރު ރައީސް ޔާމީން ވަނީ ފަސް އަހަރު ވެރިކަން ކުރައްވާފައެވެ. ސިޔާސީ ޕާޓީގެ ނިޒާމާއެކު ރާއްޖޭގެ ސިޔާސީ މަސްރަހަށްވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ތަންމިނަށް ލިބި އެނޫންވެސް ހައްގުތައް ބޭނުންކުރުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ. އެއްބަޔަކު ސަރުކާރު ހިންގާ ބަޔެއްގެ ގޮތުގައި ތިބޭއިރު އަނެއް ބަޔަކު ތިބެނީ އިދިކޮޅުގައެވެ. އިދިކޮޅުގައި އޮންނަ ޕާޓީގެ ދައުރަކީ ސަރުކާރު ހިންގާ ގޮތް ބަލާ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރުމެވެ. ގޯސްކޮށް ކަމެއް ހިނގާނަމަ އެކަން ރަނގަޅުކުރުމަށް ސަރުކާރަށް ޕްރެޝަރކުރުމެވެ. ރައްޔިތުންގެ ލާބަޔަށް މަސައްކަތްކުރުމެވެ. ދެން އަންނަ ދައުރެއްގައި ވެރިކަން ކުރުމުގެ ފުރުސަތު ހޯދުމަށް އިދިކޮޅުގައި ތިބެގެން ރައްޔިތުންގެ ހައްގުގައި ފިސާރި ހިތްވަރާއެކު މަސައްކަތްކުރުމެވެ.

ރާއްޖެއަށް ބަލާނަމަވެސް ކަން ހިނގަނީ މިހެންނޭ ބުނެވިދާނެއެވެ. ނަމަވެސް 2008ން ފެށިގެންވެސް ދިވެހިންނަށް އިދިކޮޅުގައި އޮންނަ ޕާޓީތަކުގެ ކިބައިން އިވޭ އާންމު އެއް ވާހަކަތަކެއް އޮވެއެވެ. އެއީ ދެން މިސަރުކާރު ވެރިކަމުގައި ބާއްވައިގެން އެއްގޮތަކަށްވެސް ކަމަކުނުދާނެއެވެ. މިވެރިކަން ކޮންމެ ގޮތެއްގައި ހަދާފައިނަމަވެސް ބަދަލުކުރަންޖެހޭނެއެވެ. އެހެންނޫނީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލާއި ދީނާއި ސިޔާދަތު ހިމާޔަތެއް ނުކުރެވޭނެއެވެ. މިސަރުކާރު ވައްޓާލަން އެބަޖެހެއެވެ.

ވެރިކަމުގެ ފަސް އަހަރުގެ ދައުރު ހަމަނުވަނީވެސް ވެރިކަން ބަދަލުކުރުމުގެ ތަޖުރިބާ ދިވެހިން ވަނީ މިނިޒާމުގެ ވަރަށް ކުރީކޮޅު ތަޖުރިބާކޮށްފައެވެ. ރައީސް ނަޝީދުގެ ވެރިކަން މަގުމަތިން ބަދަލުކޮށްލުމުން ދެން ގައުމަށް ދިމާވި ކަންކަން މިވަނީ ތަޖުރިބާކޮށްފައެވެ. އަދިވެސް އެކަމުގެ އަސަރުތައް ފިލާނުދެއެވެ. ވެރިކަން ބަދަލުވުމުގެ ހާދިސާއަށް އަންނަ އަހަރު 10 އަހަރުވާއިރު އެކަމުގެ ހިތި އަސަރުތައް އަދިވެސް ކަރުބުޑުން ނުފިލައެވެ. މަގުމަތިން ވެރިކަން ބަދަލުކުރުމަކީ ބައިނަލްއަގްވާމީ ދުނިޔެ ގަބޫލުކުރާ ކަމަކަށްނުވާއިރު އެކަމުގެ ސަބަބުން ލިބުނު ގެއްލުންތައްވެސް ކުޑައެއް ނޫނެވެ. ވެރިކަން ބަދަލުވުމަކީ ގައުމުގެ އެތެރޭގެ ހަމަޖެހުން ގެއްލި އެތައް ކަމެއް ފަހަތަށް ޖައްސާލާކަމެއްކަން ދިވެހިން ތަޖުރިބާކޮށްފިއެވެ. ސިޔާސީ ހަލަބޮލި ކަމުގެ ތެރޭގައި ގައުމު އޮންނައިރު ދެން ކަންކަން ވެގެންދާގޮތް ދިވެހިންނަށް އަލުން އެހެން ބަޔަކު ކިޔައިދޭކަށް ނުޖެހޭނެއެވެ. އެކަން އަމިއްލަ ސިކުނޑިން ވިސްނާލުމަށްފަހު ގޮތެއް ކަނޑައަޅާށެވެ.

އެކަންކަން ވަނީ ދިވެހި ތާރީޚުގައި ލިޔެވިފައެވެ. ނަމަވެސް އަދިވެސް ދައްކަނީ ހަމަ ވެރިކަން ބަދަލުކުރުމުގެ ވާހަކައެވެ. ދައުރު ހަމަނުވަނީސް ހަމަ ކޮންމެ ގޮތެއް ހަދާފައިވެސް ވެރިކަން ވައްޓާލަންޖެހެއެވެ. އެބަޔަކު ހިތްހަމަނުޖެހޭ ކަމެއް ސަރުކާރުން ކުރާ ކޮންމެ ފަހަރަކު މިއަޑުތައް ގަދަވެއެވެ. ވެރިކަން ބަދަލުކުރަންޖެހޭ ވާހަކައަކީ ސަޕޯޓަރުން ވަރަށް އަޑުއަހާހިތްވާ ވާހަކައެއްހެން ހީވާކަހަލައެވެ. ތަކުރާރުކޮށް މިއިބާރާތް ބޭނުންކުރާނީ އެހެންވީމަތާއެވެ. ޕޯޑިޔަމެއްގެ ކައިރީގައި ހުއްޓިލަން ލިބޭ ކޮންމެ ފަހަރަކު، އަތަށް މައިކެއް ލިބޭ ކޮންމެ ފަހަރަކު އަދި ސޯޝަލް މީޑިޔާގައި ތިމާގެ ޝުއޫރު ފާޅުކުރާ ކޮންމެ ފަހަރަކު މިވެރިކަން ބަދަލުކުރަންޖެހެއޭ ބުނެއެވެ. ކޮންމެ ގޮތެއް ހަދާފައިވެސް ވެރިކަން ބަދަލުކުރަންޖެހޭ ކަމަށް ބުނެއެވެ. ނޫސްތަކުގެ ފަލަ ސުރުޚީތަކަށްވެސް އެ ވާހަކަ އަރާތަން ފެނެއެވެ.

އެހެންނަަމަވެސް ސުވާލަކީ ޒިންމާދާރު ސިޔާސީ ޕާޓީތަކުން އަދި ދުނިޔޭގައި ކުރިއަރާފައިވާ ޑިމޮކްރަސީތަކުގައިވެސް ހަމަ ކަމެއްވާއިރަށް ވެރިކަން ބަދަލުކުރަނީ ހެއްޔެވެ. ނުވަތަ ވެރިކަން ބަދަލުކުރަންޖެހެއޭ ގޮވާ ގޮވެލި ފަތި ހަމަ ގޮވާހެއްޔެވެ؟ ނޫނީ ދައުރު ހަމަވަންދެން މަޑުކޮށްލުމަށްފަހު ބަސްބުނުމުގެ ފުރުސަތު ރައްޔިތުންނަށް ދެނީ ހެއްޔެވެ؟ ކޮންމެ ގޮތެއްވިޔަސް ވެރިޔަކު ހޮވާނީ ރައްޔިތުންނެވެ. ރައްޔިތުންގެ ވޯޓުންނެވެ. ރައްޔިތުންނަށް އެސަރުކާރަކުން ގެންގުޅޭ ސިޔާސަތުތައް ކަމުނުދާކަމަށްވާނަމަ އެބަޔަކަށް ނޫނެކޭ ބުނާނެއެވެ.

ސަރުކާރުން ކުރާ ކޮންމެ ގޯސްކަމެއްގެ ހައްލަކީ ވެރިކަން ވައްޓާލުން ކަމަށްވާނަމަ ދުވަހަކުވެސް ގައުމަށް ހަމަޖެހުމެއް ނާންނާނެއެވެ. އަބަދުވެސް އޮންނާނީ ސުމަކުން ފަށަންޖެހިފައެވެ. ސަޕޯޓަރުން ހިތްހަމަޖައްސާލަދޭން ނަމަވެސް އަބަދު ސަރުކާރު ވައްޓާލަންޖެހެއޭ، މިވެރިކަން ދެން އޮވެގެން އެއްގޮތަކަށްވެސް ކަމަކުނުދާނޭ ބުނެ އަބަދު އެވިސްނުން ރައްޔިތުންނަށް ވިސްނުވައިދިނުމުގެ ޒަމާނާއި ސިޔާސީ ޕާޓީތަކުން އަލްވަދާއު ކިޔާކަށް ނުވޭހެއްޔެވެ؟ ސަރުކާރެއް ޒިންމާދާރު ކުރުވުމަށް ދައުރު ހަމަނުވަނީވެސް ވެރިކަން ބަދަލުކުރަން ކިޔުން ފިޔަވައި ސަރުކާރަށް ޕްރެޝަރ ކުރެވޭނެ އިތުރު ގޮތެއް ނޯންނަނީ ހެއްޔެވެ؟ ވެރިކަން ބަދަލުކުރުމުގައި އެއް ފަހަރު ކާމިޔާބުވެފައިވާތީ އެކަން ހަމަ ތަކުރާރުކޮށް އަބަދު ސަރުކާރު އެކަމުގެ ބިރުވެރިކަމާއި ހާސްކަމުގައި ބާއްވަންވީހެއްޔެވެ؟ ސިޔާސީ ޕާޓީތައް އުފެދުނު ފަހުން 15 އަހަރު ވެފައިވާއިރު އަދިވެސް ސިޔާސީ ޕާޓީތައް ފިރުކެން ފެށި ޒަމާނުން ހިނގައިގަންނަން ނުވަނީ ހެއްޔެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
100%
ކޮމެންޓް