މާލޭ ލީގުގައި ބޮޑު ތަފާތަކުން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ބަލިކުރުމަށްފަހު ގްރީން ސްޓްރީޓް ޕޮއިންޓް ތާވަލުގެ ތިންވަނައަށް ޖެހިލައިފި އެވެ.
ހުކުރު ދުވަހުގެ ރޭ ކުޅުނު މި މެޗު ނިއުއާ ވާދަކޮށް ގްރީން އިން މެޗު ކާމިޔާބުކުރީ 0-3 ގެ ނަތީޖާއަކުންނެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. އެހެންނަމަވެސް ފުރަތަމަ ހާފްގެ ވަކި ހިސާބަކުން ގްރީން އިން ވަނީ މެޗުގެ ކޮންޓްރޯލް ހޯދާ ނިއުގެ ގޯލަށް ނުރައްކާކޮށްފައެވެ.
އެގޮތުން އެޓީމުން ވަނީ 23 ވަނަ މިނެޓުގައި މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ރަޝީދު (އައްމަޑޭ) އެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ޑިމިޓްރޯ ނަގައިދިން ހުރަހަކުން ގޯލު ކުރިމަތީ ހުހަށް ހުރެގެންނެވެ.
މި ލަނޑަށްފަހުވެސް ގްރީން އިން ދިޔައީ ލަނޑު ޖެހުމަށް ފުރުސަތު ހޯދަމުންނެވެ. އެގޮތުން 28 ވަނަ މިނެޓުގައި ޑިމިޓްރޯ ނަގައިދިން އިތުރު ހުރަހަކުން އައްމަޑޭ ވަނީ ގްރީން އަށް ލީޑު ފުޅާކޮށްދީފައެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ބޮލުންނެވެ.
މި ލަނޑުތަކާއެކު ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން ނިއުގެ މައްޗަށް ގްރީން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފް ފެށިގެން ނިއު އިން އެޓީމުގެ ކުޅުން ރަނގަޅުކުރިއެވެ. އެގޮތުން އެޓީމުން ވަނީ ނާތީޖާގެ ފަރަގު ކުޑަކުރުމަށް ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މެޗުގެ 54 ވަނަ މިނެޓުގައި ނިއުގެ މާކޮވިޗް އަށް މުޅިން ހުހަށް ފުރުސަތެއް ލިބުނެވެ. އެހެންނަމަވެސް މި ބޯޅަ އޭނާ އަށް ކުރިޔަށް ފޮނުވާލެވޭ ގޮތެއް ނުވިއެވެ.
ގްރީން އަށް މެޗުގައި މައްސަލަތަކެއް ކުރިމަތިވީ 55 ވަނަ މިނެޓުގައި އެޓީމުގެ ޑިފެންޑަރު ސާއިފް އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ.
އެހެންނަމަވެސް އޭގެއިން ނިއު އަށް ފައިދާއެއް ނުނެގި އޮއްވާ ގްރީން އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު އިތުރަށް ފުޅާކޮށްފައެވެ. މި ލަނޑު 67 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އައްމަޑޭ ނަގައިދިން ހުރަހަކުން އަހުމަދު ހަސަން އެވެ.
މި ނަތީޖާއެކު ގްރީން ވަނީ ކުޅުނު ނުވަ މެޗުން 17 ޕޮއިންޓް ހަމަކޮށް ޕޮއިންޓް ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ. މެޗުން ބަލިވި ނިއު އޮތީ ކުޅުނު ނުވަ މެޗުން ލިބުނު 18 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގަ އެވެ.