ކ. މާލެ
|
11 ނޮވެންބަރ 2021 | ބުރާސްފަތި 19:28
އިންޓަ ސްކޫލް ކޯސްޓަލް ރޯވިން ބީޗް ސްޕްރިންޓުގެ ތެރެއިން
އިންޓަ ސްކޫލް ކޯސްޓަލް ރޯވިން ބީޗް ސްޕްރިންޓުގެ ތެރެއިން
އަތޫފް އާތިފް
އިންޓަ ސްކޫލް ކޯސްޓަލް ރޯވިން
ރާއްޖޭން ބޭރުގެ 23 އެތުލީޓުންނާއެކު އިންޓަ ސްކޫލް ރޯވިން ފަށައިފި
 
އައްޑޫގެ ފަސް ސްކޫލަކުން 130 ދަރިވަރުން ބައިވެރިވޭ
 
ޕާކިސްތާން، ޗައިނާ އަދި ތައިލެންޑުގެ އެތުލީޓުން ހިމެނޭ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަގުވާމީ ރޯވިން މުބާރާތް ކަމަށްވާ "އެމްޑަބްލިއުއެސްސީ އިންޓަ ސްކޫލް ކޯސްޓަލް ރޯވިން ބީޗް ސްޕްރިންޓް 2021" ބުރާސްފަތި ދުވަހު އައްޑޫ ސިޓީގައި ފަށައިފިއެވެ.

މި މުބާރާތުގައި ރާއްޖޭން ބޭރުގެ 23 އެތުލީޓުން ބައިވެރިވާއިރު، އޭގެ ތެރޭގައި ޕާކިސްތާން، ޗައިނާ އަދި ތައިލެންޑުގެ އެތުލީޓުން ހިމެނެއެވެ. މީގެ އިތުރުން އައްޑޫ ސިޓީގެ ފަސް ސްކޫލަކުން 130 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

މި މުބާރާތް ހުޅުވައިދެއްވުމަށްފަހު ވާހަކަ ދައްކަވަމުން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ރޯވިން ރާއްޖެއަށް ތައާރަފުވީ އައްޑޫ ސިޓީން ކަމަށެވެ. އަދި ރާއްޖޭގައި ބޭއްވޭ ބައިނަލްއަގުވާމީ މުބާރާތްތަކަކީ އާންމުކޮށް މާލޭގައި ބޭއްވޭ މުބާރާތްތައް ކަމަށާއި، އެކަމަކު ރޯވިންގެ މުބާރާތްތައް ބާއްވަމުން އަންނަނީ އައްޑޫގައި ކަމަށެވެ. އެހެންކަމުން ރޯވިންއަކީ އައްޑޫ ސިޓީ ކައުންސިލުން ވަރަށް ބޮޑު އެއްބާރުލުމެއްދެމުން އަންނަ ކުޅިވަރެއް ކަމުގައިވެސް ވިދާޅުވިއެވެ.

އިންޓަ ސްކޫލް ކޯސްޓަލް ރޯވިން ބީޗް ސްޕްރިންޓުގެ ތެރެއިން - އަތޫފް އާތިފް

ރާއްޖެޓީވީއާ ވާހަކަ ދައްކަމުން ރޯވިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަޙްމަދު ހަބީބް ވިދާޅުވީ ރޯވިން އަކީ ހަމައެކަނި އައްޑުއަށް ހުޅުވާލެވިފައިވާ ކުޅިވަރެއް ނޫން ކަމަށާއި، މި ކުޅިވަރަކީ ރާއްޖޭގެ އެހެން ހިސާބުތަކުގައިވެސް ކުޅެވޭނެ ކުޅިވަރެއް ކަމަށެވެ. އަދި އުއްމީދަކީ ކުރިއްށް އޮތްތަނުގައި އެހެން އަތޮޅުތަކުގައިވެސް މި ކުޅިވަރު ފުޅާވެގެންދިޔުން ކަމަށްވެސް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ ރޯވިން އަކީ އޮލިމްޕިކް ކުޅިވަރެއް ކަމަށާއި، އެހެންކަމުން ރޯވިން އެސޯސިއޭޝަނުގެ އަމާޒަކީ ރާއްޖޭގެ އެތުލީޓުން އޮލިމްޕިކްސްގައި ވާދަކުރުން ކަމަށެވެ.

މި ކުޅިވަރަކީ ހަމައެކަނި އައްޑުއަށް ޚާއްސަ ކުޅިވަރެއް ނޫން، މިއީ ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ކުޅެވޭނެ ކުޅިވަރެއް. ރޯވިން އެސޯސިއޭޝަނުގެ އަމާޒަކީ މި ކުޅިވަރުގައި ދިވެހި އެތުލީޓުން އޮލިމްޕިކާ ހަމައަށް ގެންދިޔުން.
ރޯވިން އެސޯސިއޭޝަނުގެ ރައީސް އަޙްމަދު ހަބީބް

ރޯވިން އެސޯސިއޭޝަނުން މައުލޫމާތުދޭ ގޮތުން މި މުބާރާތަކީ ރާއްޖޭގެ މާހައުލާ ގުޅޭ ބައިނަލްއަގުވާމީ ކުޅިވަރެއް ރާއްޖެއަށް ތައާރަފުކުރުމާއެކު، ފަލިޖެހުމުގެ ހުނަރު އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ދަސްކޮށްދީ، އެ ރޮނގުން ކުޅަދާނަ ފަލިޖެހުންތެރިން އުފެއްދުމުގެ މަގުސަދުގައި ކުރިއަށްގެންދާ މުބާރާތެކެވެ.

އިންޓަ ސްކޫލް ކޯސްޓަލް ރޯވިން ބީޗް ސްޕްރިންޓުގެ ތެރެއިން - އަތޫފް އާތިފް

ރޯވިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއަކީ މާލެ ފިޔަވައި އަތޮޅުތެރޭގެ ރަށެއްގައި ހިންގާ ހަމައެކަނި ކުޅިވަރު އެސޯސިއޭޝަނެވެ. 2009 ވަނަ އަހަރުން ފެށިގެން އެ އެސޯސިއޭޝަނުން މިހާތަނަށް ފަލިޖެހުމުގެ ރޭސްތަކާއި ތަފާތު މުބާރާތްތައް ބޭއްވުމުގެ އިތުރުން، ބައިނަލްއަގުވާމީ މުބާރާތްތަކުގައިވެސް ރާއްޖެ ތަމްސީލުކޮށް މެޑެލް ހޯދާފައިވެއެވެ.

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އެމްޑަބްލިޔުއެސްސީއެވެ. ޑިޖިޓަލް ޕާޓްނަރަކީ އުރީދޫއެވެ. އަދި ޑެސްޓިނޭޝަން ޕާޓްނަރައަކީ ވިޒިޓް މޯލްޑިވްސްއެވެ. ޑްރިންކް ޕާޓްނަރެއްގެ ގޮތުގައި މޮގުމޮގު ހަމަޖައްސާފައިވާއިރު، ކޯޕަރޭޓް ސްޕޮންސަރުންގެ ތެރޭގައި އައްޑޫސިޓީ ކައުންސިލް، އެސްޓީއޯ، ސިގްނޭޗާ، ސޮނޭވާ، އަދި ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ހިމެނެއެވެ. މީގެ އިތުރުން މި މުބާރާތުގެ އޮފިޝަލް ޖާޒީ ސްޕޮންސާކޮށްފައިވަނީ ސަނީ އެންޓަޕްރައިސަސްއިންނެވެ. އަދި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ރާއްޖެޓީވީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
100%
0%
0%
0%
0%
0%
ކޮމެންޓް