ކ. މާލެ
|
11 ނޮވެންބަރ 2021 | ބުރާސްފަތި 15:49
ގައުމީ ބެޑްމިންޓަން މުބާރާތުގެ މެޗެއްގެ ތެރެއިން
ގައުމީ ބެޑްމިންޓަން މުބާރާތުގެ މެޗެއްގެ ތެރެއިން
އަދަދު
ގައުމީ ބެޑްމިންޓަން މުބާރާތް
ގައުމީ ބެޑްމިންޓަން މުބާރާތުގެ ކުޅުން ފަށައިފި
 
ގައުމީ މުބާރާތް ބާއްވަނީ ދެ އަހަރުގެ މެދުކެނޑުމަކަށްފަހު
 
ރިޝްވާން ބަލިކޮށް އާކިފް ވަނީ ކުއާޓާގެ ފަހު ޖާގަ ހޯދާފައި

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން އިންތިޒާމުކުރާ 47 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ކުޅުން ބުދަ ދުވަހު ފަށައިފިއެވެ.

ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ގައުމީ ބެޑްމިންޓަން މުބާރާތުގެ ކުޅުން ބުދަ ދުވަހު ފެށިއިރު، މި މުބާރާތް ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. ކުޅިވަރު އެކުވެނި ބެޑްމިންޓަން ހޯލުގައި މި މުބާރާތް ކުރިއަށްދާއިރު، މި އަހަރުގެ މުބާރާތުގައިވެސް ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުގެ ކުޅުން ކުރިއަށްދެއެވެ.

މި މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ބައިގައި ހަތް ކުޅުންތެރިން ހިމެނޭއިރު، ފުރަތަމަ ޑިވިޝަނުގެ އަންހެން ސިންގަލްސް ބައިގައި ހަތަރު ކުޅުންތެރިން ހިމެނެއެވެ. އަދި ދެވަނަ ޑިވިޝަނުގެ ފިިރިހެން ސިންގަލްސްގައި 32 ކުޅުންތެރިން ވާދަކުރާއިރު، އަންހެން ބައިގައި ވާދަކުރަނީ ތިން ކުޅުންތެރިންނެވެ. 

ފުރަތަމަ ޑިވިޝަނުގައި ބުދަ ދުވަހު ކުޅުނު ފިރިހެން ސިންގަލްސްގެ ހަމައެކަނި މެޗުން މުޙައްމަދު އާކިފް ވަނީ 2-1 ސެޓުން ރިވައިވަލް ސްޕޯޓްސްގެ ރިޝްވާން ޝިޔާމް ބަލިކޮށް ކުއާޓާ ފައިނަލުން ފުރުސަތު ހޯދާފައެވެ. މި މެޗުގެ ސެޓުތައް ދިޔައީ 15-21، 21-13 އަދި 22-20 އިންނެވެ.

އެއާއެކު ބުރާސްފަތި ދުވަހު ކުޅޭ ފިރިހެން ސިންގަލްސްގެ ކުއާޓާގައި އާކިފް ބައްދަލުކުރަން ޖެހޭނީ ރިވައިވަލްގެ އައްފާން އަލީއާއެވެ. އަދި ކުއާޓާގައި އެންމެ ފަހުގެ ޗެމްޕިއަން މުޙައްމަދު އަޖުފާން ރަޝީދު ނުކުންނާނީ މި ފަހަރުގެ މުބާރާތުގައި އެއްވަނައަށް ސީޑުކޮށްފައިވާ ރިވައިވަލްގެ ޒަޔާން ޒަކީއާ ދެކޮޅަށެވެ.

މި އަހަރު ގައުމީ ބެޑްމިންޓަން މުބާރާތް ބާއްވާއިރު، މިދިޔަ ދެ އަހަރު މި މުބާރާތް ބާއްވާފައެއް ނުވެއެވެ. އެގޮތުން ގައުމީ ބެޑްމިންޓަން މުބާރާތް އެންމެ ފަހުން ބޭއްވީ 2019 ވަނަ އަހަރުއެވެ. އޭގެ ފަހުން ކޮވިޑް-19 އާ ގުޅިގެން 2020 ވަނަ އަހަރު މި މުބާރާތް ބާއްވާފައި ނުވާއިރު، މިދިޔަ އަހަރު މި މުބާރާތް ބާއްވަން ތާވަލުކުރިއެބެ. ނަމަވެސް މުބާރާތް ނުބޭއްވުނީ ކޮވިޑާ ގުޅިގެން މާލެ ސިޓީގައި އެޅި ފިޔަވަޅުތަކާ ގުޅިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް