ކ. މާލެ
|
11 ނޮވެންބަރ 2021 | ބުރާސްފަތި 10:55
ކުޑަކުދިންގެ ހިޔާ
ކުޑަކުދިންގެ ހިޔާ
ރާއްޖެއެމްވީ
ކުޑަކުދިންގެ ހިޔާގެ ހާދިސާ
ކުޑަކުދިންގެ ހިޔާގެ ހާދިސާތަކުގައި ބައިވެރިވި 13 މީހަކަށް ދަޢުވާކޮށްފި
މިހާދިސާތަކާ ގުޅިގެން 30 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެޗްއާރްސީއެމްއިން ޕީޖީ އޮފީހަށް ފޮނުވި

ކުޑަކުދިންގެ ހިޔާގެ ހާދިސާތަކުގައި ބައިވެރިވިކަމަށް ހެކި ލިބުނު 13 މީހަކަށް ދަޢުވާކޮށްފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންތަކެއްގެ އަތުގައި، ގަވާއިދާ ޚިލާފަށް ބިޑިއަޅުވައި، ޓޯޗަރގެ ޢަމަލެއް ހިންގިކަމުގެ ތުހުމަތުގައި، އެކަމުގައި ޢަމަލީގޮތުން ބައިވެރިވިކަމަށް ހެކި ލިބުނު 13 މީހެއްގެ މައްޗަށް ދަޢުވާ އުފުލާފައިވާ ކަމަށެވެ. އަދި އެކުދިންނަކީ ދައުލަތުން ޚާއްސަ ޙިމާޔަތެއް ދޭންޖެހޭ ބައެއް ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.

2017 ވަނަ އަހަރު ހިނގި އެ މައްސަލައަކީ ކުޑަކުދިންގެ ހިޔާގައި ބައިތިއްބާފައިވާ ކުޑަކުދިންތަކަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާ ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރގެ ފަރާތުން ހިންގި ހަރަކާތްތަކެއްގައި، އެ މުއައްސަސާތަކުގެ ބައެއް މުވައްޒަފުން އެކުދިންނާ ހަޑިހުތުރު ބަހުން މުއާމަލާތުކޮށް، ބައެއް ކުޑަކުދިން ބިޑި އަޅުވައި، ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެއް ދީފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. މިމައްސަލަ ޕީޖީއަށް ހުށަހެޅީ ހިއުމަން ރައިޓްސް ކޮމިޝަނުންނެވެ.

ކުޑަކުދިންގެ ހިޔާގައި ހިނގައިދިޔަ ހާދިސާތަކާ ގުޅިގެން ކުރީގެ ޖެންޑަރ މިނިސްޓަރު ހިމެނޭހެން 30 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެޗްއާރްސީއެމުން ޕީޖީ އޮފީހަށް ފޮނުވިއެވެ. މިކަމާ ގުޅިގެން ކުރީގެ ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީއަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް ގިނަ ބަޔަކު އޭރު ވަނީ ގޮވާލާފައެވެ.

މިފަހަކަށް އައިސް ކުޑަކުދިންގެ ހިޔާގެ އިތުރުން ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ފިޔަވަތީގައި ވެސް ގިނަ ހާދިސާތަކެއް އަންނަނީ ހިނގަމުންނެވެ. ދާދި ފަހުން ވެސް ފިޔަވަތީގައި އަލިފާނުގެ ހާދިސާއެއް ހިނގިއެވެ. އަދި އެތަނުގައި ބަލަހައްޓާ ކުދިންތަކެއް އެތަނުގެ ފުރާޅުމައްޗަށް އަރައިގެން އުޅޭ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. މީގެ އިތުރުން ފިޔަވަތީގެ ކުޑަދޮރުތަކަށް އެކުދިން ގެއްލުންދޭ މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް ވަނީ އާންމުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް