ޖަޕާނުގެ އައު ޚާރިޖީވަޒީރު ހަޔާޝީ ޔޮޝިމަސާއަށް ރާއްޖޭގެ ޚާރިޖީވަޒީރު އަބްދުﷲ ޝާހިދު މަރުހަބާ ވިދާޅުވެއްޖެއެވެ.
ޖަޕާނުގެ ޚާރިޖީވަޒީރުކަމަށް ބުދަ ދުވަހު ޔޮޝިމަސާ އައްޔަންކުރެވުމާ ގުޅިގެން ހަމަ އެދުވަހު ކުރެއްވި ޓުވީޓެއްގައި ޝާހިދު ވިދާޅުވެފައިވަނީ ޖަޕާނުގެ އައު ޚާރިޖީވަޒީރާއި އެމަނިކުފާނުގެ ޓީމާއެކު ވަރަށް ގާތުން މަސައްކަތް ކުރެއްވުމަށް އުއްމީދު ކުރައްވާ ކަމުގައެވެ. ދިވެހިރާއްޖެ އާއި ޖަޕާނުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންގޮސް ދެގައުމުވެސް ހިއްސާކުރާ ލަނޑުދަނޑިތަކަށް ވާސިލްވުމަށް ގުޅިގެން އިތުރު މަސައްކަތްތަކެއް ކުރެވޭނޭ ކަމަށް އުއްމީދު ކުރައްވާ ކަމުގައެވެ.
ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކަޝީޑާގެ ކެބިނެޓަށް އުމުރުފުޅުން 60 އަހަރުވީ ޔޮޝިމަސާ މިފަހަރު ވަޑައިގެންނެވުމުގެ ކުރިން ޝިންޒޯ އަބޭގެ ބޮޑުވަޒީރު ކަމުގެ ދައުރުގައި އެޑިއުކޭޝަން މިނިސްޓަރުކަން ކުރެއްވިއެވެ. އަދި ފިޝަރީޒް މިނިސްޓަރުކަންވެސް ކުރެއްވިއެވެ. އަދި ޔަސުއޯ ފުކޫޑާގެ ބޮޑުވަޒީރު ކަމުގެ ދައުރުގައި ޑިފެންސް މިނިސްޓަރުކަންވެސް ކުރެއްވިއެވެ.
ޔޮޝިމަސާ ނިސްބަތްވެވަޑައިގަންނަވަނީ ބޮޑުވަޒީރު ކަޝީޑާގެ ލިބަރަލް ޑިމޮކްރަޓިކް ޕާޓީއަށެވެ. ޖަޕާނުގައި މިއަހަރުގެ އޮކްޓޫބަރު މަހު ބޭއްވުނު އާއްމު އިންތިޚާބުގައި ގިނަ ބަޔަކު ހީކުރިގޮތާ ޚިލާފަށް ބޮޑު ކާމިޔާބީއެއް ހޯދާފައިވަނީ މި ޕާޓީންނެވެ. ޖަޕާނުގެ ޕާލަމެންޓުގެ 464 ގޮނޑީގެ ތެރެއިން 291 ގޮނޑި ހޯދާފައިވަނީ ލިބަރަލް ޑިމޮކްރަޓިކް ޕާޓީ އިސްވެ އޮވެގެން އުފައްދާފައިވާ ކޯލިޝަނުންނެވެ.
ޖަޕާނަކީ ދިވެހިރާއްޖޭގެ ތަރައްގީއަށް އެންމެ ގިނަގުނަ އެހީ ފޯރުކޮށްދެމުން ގެންދާ އެއްގައުމެވެ. ޖަޕާނު ސަރުކާރުގެ ހިލޭ އެހީގައި ރާއްޖޭގައި ވަރަށް ބިޔަ ބޮޑެތި މަޝްރޫއުތައް ހިންގިފައިވެއެވެ. މާލޭގެ ކަނޑުތޮށީގެ މަޝްރޫއަކީ އޭގެތެރެއިން މަޝްރޫއެކެވެ.