ޓްރީޓޮޕް ހޮސްޕިޓަލުގެ ނަރުހަކު ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ސިއްރުކުރި މީހުންނަށް ޕްރޮސެކިއުޓަރ ޖެނެރަލް ދައުވާ އުފުލައިފިއެވެ.
މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ބ. އޭދަފުށި، ފެންއާރު، ޢާދިލް މޫސާއާއި، ތ. ގުރައިދޫ، ކޮވެލިގެ، އާމިނަތު ސުހާއާއި، ސ. ހުޅުދޫ، ޑޭޒީވިލާ، ނަޛީރާ ނަޖީބުގެ މައްޗަށެވެ. އެމީހުންގެ މައްޗަށް ޤާނޫނު ނަންބަރު: 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 53 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން، އެނގިހުރެ ނޭންގުމުގެ ކުށުގެ ދަޢުވާ ވަނީ އުފުލާފައެވެ.
މި 3 މީހުންނަކީ ޓްރީޓޮޕް ހޮސްޕިޓަލްގެ "ސްޕެޝަލް ކޮމިޓީ އޮން ވާރކްޕްލޭސް ބުލީއިން އެންޑް ހެރަސްމެންޓް" ގެ މެންބަރުންނެވެ.
މި މައްސަލައާ ގުޅޭގޮތުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މިއީ އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންނާ މެދު ޖިންސީ އަމަލު ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލަތަކާ ގުޅުންހުރި މަޢުލޫމާތު ޓްރީޕޮޓް ހޮސްޕިޓަލަށް ލިބުމުން، އެމަޢުލޫމާތު އެވަގުތު ރިޕޯޓް ކުރަންޖެހޭ މުއައްސަސާތަކަށް ރިޕޯޓް ނުކޮށް، އަދުލުއިންސާފު ޤާއިމުކުރުމަށް ހުރަސްއެޅި މައްސަލައެއް ކަމަށެވެ. އެގޮތުން 22 ޑިސެންބަރު 2020 ދުވަހު، ޓްރީޓޮޕް ހޮސްޕިޓަލްގެ ނަރުހެއްގެ ގޮތުގައި މަސައްކަތްކުރަމުން ދިޔަ ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ ރޮމަރ ސިމޯރާ ލަޒާޑޯ، އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގިކަން، އެނގިހުރެ، އެ މަޢުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިނުވާކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ.
މި މައްސަލައަކީ ޢާންމު ފަރާތްތަކަކުން ޕީޖީ އޮފީހަށް ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދޭ ބާރުގެ ދަށުން، 2021 މާރިޗު މަހު، ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤުކުރުމަށް އަމުރުކުރި މައްސަލައެކެވެ.