ރާއްޖެއިން ދަރަނި ނެގީ ކްރައިސިސްއެއް ތެރޭގައި ކަމަށާއި، މިހާރު މަސައްކަތްކުރަން ޖެހެނީ އެ ދަރަނި ދެމެހެއްޓެނިވި ގޮތަކަށް މެނޭޖްކުރުމަށް ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
ބަޖެޓާ ގުޅޭގޮތުން ވާހަކަދެއްކެވުމަށް މަޖިލީހަށް ވަޑައިގެން މިނިސްޓަރ ވިދާޅުވީ، ރާއްޖެއިން ދަރަނި ނެގީ ރަނަގަޅަށް އިޤްތިޞާދު ކުރިއަރަމުން ދިޔަ ދަނޑިވަޅެއްގައި ނޫން ކަމަށެވެ. ދަރަނި ނަގަން ޖެހުނީ އިޤްތިޞާދީ އަނދަަވަޅަކަށް ވެޓިފައި އޮތުމުން އެކަމުން އަރައިގަންނަން މަސައްކަތް ކުރުމަށް ކަމުގައި އަމީރު ވިދާޅުވިއެވެ. އެގޮތުން 2023 ވަނަ އަހަރު ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި 105 އިންސައްތައަށް ތިރިކުރުމަށް ހިމަނާފައިވާނެ ކަމަށާއި، ޕްރައިމަރީ ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 5 އިންސައްތަ ތިރިކުރުމަށް ވެސް ހިމަނުއްވާފައިވާނެ ކަމަށް އަމީރު ވިދާޅުވިއެވެ. ހަމަމިއާއެކު ދަރަނި ނެގުން މަދުކުރުން ވެސް ހިމެނޭ ކަމަށް ވެސް ވިދާޅުވިއެވެ.
ދަރަންޏާ ގުޅޭ ގޮތުން އިދިކޮޅުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވައި އަމީރު ވިދާޅުވީ، ސީދާ ރައީސް ޔާމީންގެ ސަރުކާރަށް ނިސްބަތްވާ 39.6 ބިލިއަން ރުފިޔާގެ ދަރަނި އެބައޮތް ކަމަށާއި، މިސަރުކާރުން މިހާތަނަށް ނަގާފައިވާނީ، 34 ބިލިއަން ރުފިޔާ ކަމަށެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު، 2019 ވަނަ އަހަރަކީ ރާއްޖޭގެ އިޤްތިޞާދަށް ފަހި އަހަރެއްކަމަށާއި، އެ އަހަރު ރާއްޖޭގެ އިޤްތިޞާދު 5.7 އިންސައްތަ ކުރިއަރާފައިވާ ކަމަށެވެ. އަދި ޖެހިގެން އައި 2020 ވަނަ އަހަރު 1.9 މިލިއަން ފަތުރުވެރިންނާއެކު އިޤްތިޞާދު 7 އިންސައްތަ ކުރިއަރާނެ ކަމަށް ލަފާކުރި ނަމަވެސް ޕެންޑަމިކާއެކު އެ އަމާޒަށް ވާސިލް ވެވިފައި ނުވާކަމަށް ވިދާޅުވިއެވެ.
2020 ވަނަ އަހަރު ޕީއެސްއައިޕީ ބަޖެޓްގެ ގޮތުގައި 10.2 ބިލިއަނަށް ކަނޑައެޅުނު ކަމަށާއި، އެއީ ތާރީޚުގައި ވެސް ކަނޑައެޅުނު އެންމެ ބޮޑު ޕީއެސްއައިޕީ ބަޖެޓްކަން އަމީރު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް 2020 ވަނަ އަހަރު ޚަރަދު ކުޑަކޮށް އެ ޕްރޮގްރާމްތައް ހުއްޓާލައި ޚަރަދު ކުޑަކުރުމަށް މަސައްކަތްތަކެއް ކުރަން ޖެހުނު ކަަމަށެވެ. ހަމަމިއާއެކު 29.9 ބިލިއަން އާމްދަނީ ލިބޭނެ ކަމަށް ލާފާކުރި ނަމަވެސް، އަހަރު ނިމުނުއިރު ލިބުނީ 14 ބިލިއަން ރުފިޔާ ކަމަށް ވިދާޅުވިއެވެ.
ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާ ވާގައުމެއް ކަމުން ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލު ރާއްޖެއަށް އެތެރެކުރާ މުދަލަށް އަންނާނެ ކަމަށާއި، އެއާއެކު އިންފްލޭޝަން މައްޗަށް ދިޔަ ނަމަވެސް އެއީ ވަގުތީ ކަމެއްގެ ގޮތުގައި އަމީރު ވިދާޅުވިއެވެ.
އެހެންނަމަވެސް ދުނިޔޭގެ އިޤްތިޞާދަށް އަންނަ ހެޔޮ ބަދަލާއެކު އިންފްލޭޝަން ދަށަށްދާނެ ކަމަށް އަމީރު ވިދާޅުވިއެވެ.
ބަޖެޓްގައި އަމާޒު ހިފާފައި އޮންނާނީ މިހާރު ހަވާލުކޮށްފައި ހުރި މަސައްކަތްތައް އަންނަ އަހަރުގެ ތެރޭގައި ނިންމުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.