މިއީ ހުރިހާ ދިވެހިންގެ ދިވެހިރާއްޖެއެވެ. ނަމަވެސް ތަފާތު އެކި ސަބަބުތަކާހެދި މިއަދު ރާއްޖޭގައި ދިވެހިންނެކޭ ދާދި އެއްވަރަށް ބިދޭސީން އަންނަނީ އުޅެމުންނެވެ. ތަފާތު އެކި މަސައްކަތްކުރުމަށް ރާއްޖެ އެތެރެކުރަމުންދިޔަ ބިދޭސީންގެ އަދަދު އިތުރުވެ މިހާރު ވަނީ އެމައްސަލަ އަތްނުފޯރާ ހިސާބުގައެވެ.
އެއްވެސް ސަރުކާރަކަށް ހައްލުކުރުމަށް ނުކެޅިފައިވާ މިމައްސަލައިގެ މޫތައް އެކި ހިސާބުތަކަށް ފެތުރި މިއީދެން ހައްލުނުވާނެ މައްސަލައެއްގެ ގޮތުގައި އަންނަނީ ބެލެވެމުންނެވެ. ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މިސަރުކާރުން ފެށި މަސައްކަތުގެ ދަށުން ގަވާއިދަށް އެމީހުން ފައްތާ އަނބުރާ ގައުމަށްދާން ބޭނުންވާ މީހުން އަނބުރާ ގައުމަށް ފޮނުވާލާފައިވެއެވެ. ނަމަވެސް އޭގެ މާނައަކީ ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުވީކީ ނޫނެވެ.
ބިދޭސީންގެ އަދަދު އިތުރުވެ ދިވެހިންގެ ދިރިއުޅުމުގެ ހުރިހާ ކަމެއްގެ ތެރޭގައި މިއަދު ބިދޭސީން ހިމެނެއެވެ. ދިވެހިންނަށް ނުވާ މަސައްކަތްކުރުމުގެ ނަމުގައި ގައުމަށް އެތެރެކުރަމުންދިޔަ ބިދޭސީން މިހާރު މިގައުމުގައި ހިނގާ ހުރިހާ ކަމެއްގައި ޝާމިލުވެއެވެ. ދިވެހިންނަށް ކުރެވޭ އެތައް ކަމެއް އެމީހުން އަންނަނީ ކުރަމުންނެވެ. އެކަމުގެ ސަބަބުން އެކަންކަން ކުރަން ބޭނުންވާ ދިވެހިންނަށް އަމިއްލަ ގައުމުގައި އެކަންކަން ކުރުމަށް އަންނަނީ ދަތިތައްވެސް ދިމާވަމުންނެވެ. ތަނެއް ކުއްޔަށްދޫކުރަން ޖަހާ އިޝްތިހާރުގައި އިންނަ ނަންބަރަކަށް ގުޅާލިއަސް ކުއްޔަށް ތަން ދޫކުރަން ހުންނަ މީހާއަކީ ބިދޭސީއަކަށް ވުމަކީ މިހާރު އާންމު ކަމެކެވެ. މާލެތެރޭގައި ހަދާފައި ހުންނަ ކުދިކުދި މާރުކޭޓްތަކަކީ އެމީހުންގެ ބާރު އޮވެގެން ހިންގަމުން އަންނަ ތަންތަނެވެ. ރާއްޖޭގައި ހިނގަމުން އަންނަ އެތައް ވިޔަފާރިއަކީ އެމީހުންގެ ބާރު އޮންނަ ވިޔަފާރިތަކެވެ. އެކަމުގު ސަބަބުން ދިވެހިންނަށް ވިޔަފާރިކޮށް އާމްދަނީ ހޯދުމުގެ މަގު ބަންދުވާކަމުގެ ޝަކުވާގެ އަޑުތައް އިވޭތާ އެތައް އަހަރެއް ވެއްޖެއެވެ. ނަމަވެސް ކަމުގެ ބާވަތުން މިމައްސަލައަކީ ހައްލުނުވާ މައްސަލައެކެވެ.
ބިދޭސީންގެ އަދަދު އިތުރުވުމުން ނިކުންނަ އިޖުތިމާއީ މައްސަލަތައްވެސް އިންތިހާއެވެ. ރާއްޖޭގައި ޒަމާނުއްސުރެވެސް ހައްލުނުވެ އޮތް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލައެވެ. އެކަމުގެ ވަބާގައި އެތައް ޖީލެއް ހަލާކުވެފައިވާއިރު މިހާރު ފެންނަމުންދަނީ އެކަމުގެ ތެރެއިން ބިދޭސީންނެވެ. ޑްރަގް ނެޓްވޯރކްތަކުގައި ބިދޭސީން އަންނަނީ ހަރަކާތްތެރިވަމުންނެވެ. މަސްތުވާތަކެތި ވިއްކުމުގަ އެމީހުން ބައިވެރިވާއިރު ބޭނުންކުރުމުގައި ދިވެހިންނެކޭ އެއްގޮތަށް ފެންނަ ބިދޭސީންގެ އަދަދުވެސް މަދެއް ނޫނެވެ. އެހެންކަމުން ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ޝާމިލުވާ ބިދޭސީންގެ އަދަދު ވަކި މަދެއް ނޫނެވެ.
މިހެން ގޮސް މިލިސްޓު ކިތަންމެ ދިގުކޮށްވެސް ކިޔިދާނެއެވެ. ބިދޭސީންގެ އަދަދު އިތުރުވެ ދިވެހިންނާއި ބިދޭސީންގެ މެދުގައި ހިނގަމުންދާ ހަމަނުޖެހުންތައްވެސް މަދެއް ނޫނެވެ. ހިނގަމުންދާ ދެބަސްވުންތަކާއި މާރާމާރީތަކުގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. ކަމެއް ވާއިރަށް ދިވެހިން ބުނާނެއެވެ. މިއީ އަހަރުމެންގެ ގައުމެވެ. މިތާންގައި ބިދޭސީންނަކަށް ބާރު ގަދައެއްނުކުރެވޭނެއެވެ. މާލެ ތެރޭގައި ދިވެހިންނާއި ބިދޭސީންގެ މެދުގައި ހިނގާ މާރާމާރީތަކާއި ޒުވާބުތަކުގައި ދިވެހިން އަޑަށް ބާރުލާފައި އެހެން ބުނެއެވެ. ނަމަވެސް ހަގީގަތަކީ މިގައުމުގައި ބިދޭސީންގެ ބާރު ގަދައެވެ. ތަފާތު އެކިސަބަބަތަކާހެދި ދިވެހިންނަށް ނުކުރެވޭ މަސައްކަތްތައް ކުރުމަށް ގައުމަށް އެތެރެކުރި ބިދޭސީންގެ ހައްގުތަކެއްވެސް އޮވެއެވެ. ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގްވާމީ އެކި މުއާހަދާތަކުގެ ދަށުން އެމީހުންގެ ހައްގުތައް ހިމާޔަތްކުރަންޖެހެއެވެ. އިންސާނަކަށްވީތީ އެމީހުންނަށް ދޭންޖެހޭ އިހުތިރާމް ދޭންޖެހެއެވެ.
އެމީހުންގެ ހައްގުތައް ހިމާޔަތްކުރުމަކީ ދިވެހި ދައުލަތަށް ކުރަންޖެހޭ ކަމެކެވެ. ދިވެހިން ރުހުނަސް ނުރުހުނަސް އެއީ ކުރަންޖެހޭ ކަމެކެވެ. ދިވެހިން ބޭނުންވިއަސް ނުވިއަސް މިއަދު ބިދޭސީންނަކީ މިގައުމުގެ އެއްބަޔެވެ. ކޮންމެ ބޯހިމެނުމަކާއެކު އެމީހުންގެ ބޯވެސް ހިމަނައެވެ. ދުނިޔެއަށް ކުރިމަތިވާ ބޮޑެތި ޕެންޑަމިކް ތަކުގައި ދިވެހިންނަށް ދޭންޖެހޭ ސަމާލުކަން ބިދޭސީންނަށްވެސް ދޭންޖެހެއެވެ. އެމީހުންނަށް މުސާރަދޭތޯ އާއި އެމީހުން ދިރިއުޅޭ ތަންތަނުގެ ހާލަތު ހުރީ ކިހިނެއްތޯ ބަލަންޖެހެއެވެ. އެކަންކަން ނުވާނަމަ އެމީހުން ގެނައި ބަޔަކު އެކަމަށް ޒިންމާދާރުކުރުވަން ޖެހެއެވެ.
މިއަދުގެ ހަގީގަތަކީ މިގައުމުގައި ދިވެހިންނެކޭ އެއްގޮތަށް ބިދޭސީންގެ ހައްގުތައްވެސް ހިމާޔަތްކޮށްދޭން ޖެހިފައިވާކަމެވެ. އެއީ ދިވެހިން އަމިއްލައަށް ހޯދައިގަތް ކަމެކޭވެސް ބުނެވިދާނެއެވެ. މިކަން ހައްލުކުރުމަށް ޖާދުލެއް ހަދައިގެން ނޫނީ މިއީ ހަމައެކަނި ދޭސީންގެ ރާއްޖެއަކަށް ނުހެދޭނެއެވެ.