ކ. މާލެ
|
9 ނޮވެންބަރ 2021 | އަންގާރަ 12:12
ޖެނޯއާގެ ކޯޗުގެ މަގާމަށް ހަމަޖެއްސި އަންދްރޭ ޝެވްޗެންކޯ
ޖެނޯއާގެ ކޯޗުގެ މަގާމަށް ހަމަޖެއްސި އަންދްރޭ ޝެވްޗެންކޯ
ގެޓީ އިމޭޖަސް
ޝެވްޗެންކޯ ޖެނޯއާއާ ހަވާލުވުން
ޝެވްޗެންކޯ ޖެނޯއާގެ ކޯޗުގެ މަގާމަށް
 
ޝެވްޗެންކޯ ޖެނޯއާގެ އެއްބަސްވުން ހެދީ 2024 ގެ ނިޔަލަށް
 
އޯގަސްޓް މަހު ޝެވްޗެންކޯ ވަނީ ޔޫކްރޭނުގެ ކޯޗުކަން ދޫކޮށްލާފައި

އިޓަލީގެ ޖެނޯއާގެ ކޯޗަކަށް ޔޫކްރޭނުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމުން ވަކިވި ކުރީގެ މަޝްހޫރު ފޯވާޑް އަންދްރޭ ޝެވްޗެންކޯ ހަމަޖައްސައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ޖެނޯއާއިން ވަނީ އެ ޓީމުގެ ކޯޗުގެ މަގާމުން ޑޭވިޑޭ ބަލާޑީނީ ވަކިކޮށްފައެވެ. އެއާއެކު އެ ޓީމުގެ ކޯޗުގެ މަގާމަށް އުމުރުން 45 އަހަރުގެ ޝެވްޗެންކޯ ހަމަޖެއްސިއިރު، އޭނާ ވަނީ އެ ޓީމާއެކު 2024 ވަނަ އަހަރުގެ ނިޔަލަށް އެއްބަސްވުން ހަދާފައެވެ.

ޖެނޯއާގެ ކޯޗުގެ މަގާމާ ޝެވްޗެންކޯ ހަވާލުވިއިރު، ކޯޗިން ކެރިއަރުގައި އޭނާ މީގެ ކުރިން އިރުޝާދުދީފައިވާ ހަމައެކަނި ޓީމަކީ ޔޫކްރޭނުގެ ގައުމީ ފުޓްބޯޅަ ޓީމެވެ. އެގޮތުން ޝެވްޗެންކޯ އެންމެ ފުރަތަމަ ޔޫކްރޭން ޓީމާ ހަވާލުވީ 2016 ވަނަ އަހަރު ފެބްރުއަރީ މަހު އެސިސްޓަންޓް ކޯޗެއްގެ ގޮތުގައެވެ. އެ އަހަރުގެ ޔޫރޯއަށްފަހު ޔޫކްރޭން ކޯޗުގެ މަގާމުން މައިހޭލޯ ފޮމެންކޯ ވަކިކޮށް، ޝެވްޗެންކޯއަށް ވަނީ ގައުމީ ޓީމުގެ ހެޑް ކޯޗުކަން ރަސްމީކޮށް ހަވާލުކޮށްފައެވެ.

ޝެވްޗެންކޯގެ އިރުޝާދުގެ ދަށުން މި ފަހަރުގެ ޔޫރޯގައި ޔޫކްރޭން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މި ފަހަރުގެ މުބާރާތުގެ ކުއާޓާގައި ޔޫކްރޭން ވާދަކުރިއިރު، ކުއާޓާއިން ޔޫކްރޭން ކެޓީ ރަނަރަޕްކަން ހޯދި އިންގްލެންޑް އަތުން 4-0 ގެ ނަތީޖާއަކުން ބަލިވުމުންނެވެ. މި ފަހަރުގެ ޔޫރޯގެ ކުއާޓާގައި ޔޫކްރޭން ވާދަކުރިއިރު، މިއީ އެ ގައުމުގެ ތާރީޚުގައި މި މުބާރާތުގެ ކުއާޓާގައި ކުޅުނު ފުރަތަމަ ފަހަރެވެ.

ޝެވްޗެންކޯއާއެކު މި ފަހަރުގެ ޔޫރޯގައި ޔޫކްރޭނުން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި ޝެވްޗެންކޯ ވަނީ ޔޫކްރޭނުގެ ކޯޗުކަން ދޫކޮށްލާފައެވެ.

ޔޫކްރޭނުގައި 2012 ވަނަ އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތަށްފަހު ޝެވްޗެންކޯ ފުޓްބޯޅަ ކުޅުން ހުއްޓާލިއިރު، އޭނާއަކީ ޔޫކްރޭން ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާއެވެ. އެގޮތުން ފުޓްބޯޅަ ކުޅުން ހުއްޓާލުމުގެ ކުރިން ޝެވްޗެންކޯ ވަނީ ޔޫކްރޭން ޓީމަށް 111 މެޗު ކުޅެދީ 48 ލަނޑު ޖަހާފައެވެ.

މީގެ އިތުރުން 21 ވަނަ ގަރުނުގައި ދުނިޔޭގެ ފުޓްބޯޅައިގައި ފެނުނު މޮޅެތި ފޯވާޑުންގެ ތެރެއިން ޝެވްޗެންކޯ ހިމެނޭއިރު، އޭނާ ވަނީ ޔޫރަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ. އަދި ވަނީ ޗެލްސީ އާއި، އޭސީ މިލާނަށްވެސް ކުޅެ، ގިނަ ކާމިޔާބީތައް ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް