ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ބިންތިރި ކުދި ޖަޒީރާ ގައުމުތަކަށް ދިމާވަމުންދާ ނުރައްކާތެރިކަމާ ގުޅޭގޮތުން ވާހަކަދެއްކުމަށް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ގޮވާލައްވައިފިއެވެ.
ސްކޮޓްލެންޑްގެ ގްލާސްގޯ ގައި ކުރިޔަށްދާ ކޮޕް26 ކޮންފަރެންސްގައި ވާހަކަދައްކަވަމުން އޮބާމާ ވިދާޅުވީ 2015 ވަނަ އަހަރު ބޭއްވި ކޮޕް ބައްދަލުވުމުގައި ދުނިޔެ އެއްބަސްވުމަކަށް އައި ޕެރިސް އެގްރިމެންޓަކީ އެފަދަ ގައުމުތަކަށް އޮތް ނުރައްކާތެރި ކަމުގެ ވާހަކައިން އެއްބަސްވެވުނު އެއްބަސްވުމެއްކަމަށެވެ. އެ އެއްބަސްވުމުގައި ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީގައި ހިފެހެއްޓުމަށް ގައުމުތަކުން އެއްބަސްވެފައިވާކަމަށް އޮބާމާ ވިދާޅުވިއެވެ.
ހަވާއީގައި ބޮޑުފުޅުވަމުން އައިއިރު އެކަން އަމިއްލަފުޅަށް ވެސް ތަޖުރިބާކުރެއްވިކަމަށާއި މޫސުމީ ބަދަލުތަކުގެ އަސަރު ޖަޒީރާ ރަށްތަކަށް ކުރަނީ ވަރަށް ބޮޑަށް ކަމަށް އޮބާމާ ވިދާޅުވިއެވެ. އަދި މިހާރުން މިހާރަށް މޫސުމަށް އަންނަ ބަދަލުތަކާ އެއްގޮތަށް ބަދަލުވުމާއި އެކަމުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭކަމަށް އޮބާމާ ވިދާޅުވިއެވެ.
ކޮޕް26 ކޮންފަރެސްގައި ބައިވެރިވާ ކުދި ޖަޒީރާ ގައުމުތަކުގެ ލީޑަރުން ވަނީ އެމެރިކާ އާއި ހުޅަނގުގެ މުއްސަނދި ގައުމުތަކުން ފަގީރު ގައުމުތަކަށް ކޮންމެ އަހަރަކު ދޭން ވައުދުވި 100 ބިލިއަން ޑޮލަރާ އެއްގޮތަށް މޫސުމީ އެހީތެރިކަން ނުދޭކަން ފާހަގަކޮށް އެކަމަށް ޕްރެޝަރ ކޮށްފައެވެ.
އެގޮތުން އެގައުމުތަކުގެ ލީޑަރުން ވަނީ ތަރައްގީވެފައިވާ ގައުމުތަކުން ފަގީރު ގައުމުތައް ނިކަމެތި ކުރުމަށްފަހު، ދެން ކުރިޔަށްދާނެ ގޮތެއްނެތި، ތިބި ހާލަށް ދޫކޮށްލާފައިވާކަމަށް ވިދާޅުވެފައެވެ.
އޮބާމާ ކޮޕް26 ކޮންފަރެންސަށް ވަޑައިގެންނެވީ ހޯމަ ދުވަހުއެވެ. އަދި ޕެރިސް އެގްރިމެންޓްގައި ހުރި ކަންކަމާ ގުޅޭގޮތުން ގެންދަވަނީ އަލިއަޅުވާލައްވަމުންނެވެ. ވަކިން ޚާއްސަކޮށް ޕެރިސް އެގްރިމެންޓްގެ ފަހުން ފާއިތުވި 6 އަހަރު ތެރޭގައި ހާސިލުކުރެވުނު ކަންކަމާއި އަދި ނުކުރެވި ހުރިކަންކަމަށް އަލިއަޅުވާލާ އެކަންކަން ފުރިހަމަކުރުމަށް އޮބާމާ މަސައްކަތްކުރައްވާނެއެވެ.
އޮބާމާ މި ކޮންފަރެސްގެ ތެރެއިން ޒުވާން އެކްޓިވިސްޓުންނާ ވެސް ބައްދަލުކުރައްވާނެއެވެ.