މޯލްޑިވްސް އިންޓަރނޭޝަނަލް އާރބިޓްރޭޝަން ސެންޓަރ (އެމްއައިއޭސީ) ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
ކްރޮސްރޯޑް ރިސޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެމްއައިއޭސީ ރަސްމީކޮށް އިފްތިތާކޮށްދެއްވީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް އަޙްމަދު މުޢުތަޞިމް ޢަދްނާންއެވެ.
އެމްއައިއޭސީގެ މައިގަނޑު މަސައްކަތަކީ ރާއްޖޭގައި ވިޔަފާރި ދާއިރާގައި ދިމާވާ މައްސަލަތައް ކޯޓުން ބޭރުގައި ޙައްލުކުރުމެވެ.
އާރބިޓްރޭޝަނާބެހޭ ގާނޫނެއް ރާއްޖޭގައި ފުރަތަމަ ވުޖޫދުވީ 2013 ވަނަ އަހަރުއެވެ. އެއަހަރު ސެންޓަރެއް އުފައްދައި ބޯޑެއްވެސް ވަނިީ އައްޔަނުކޮށްފައެވެ. މިއާއެކު ރާއްޖެއިން ބޭރުގައި ބޭއްވޭ އާރބިޓްރޭޝަންތަކުން ނެރެވޭ ވޯރޑުތައް ރާއްޖޭގައި ތަންފީޒުކުރި ނަމަވެސް, ރާއްޖޭގައި އޮންނަ ސެންޓަރަކުން އެޑްމިނިސްޓަރ ކުރެވޭ އާރބިޓްރޭޝަނެއް ރާއްޖެއިން ބޭރުގައި ތަންފީޒު ކުރެވޭނެ ނިޒާމެއް ނެތެވެ.
އޭގެ ފަހުން އާރބިޓްރޭޝަން ސެންޓަރުގެ ބޯޑު އަލުން އެކުލަވާލީ 2019 ވަނަ އަހަރުއެވެ. އަދި އެމްއައިއޭސީއިން ވަނީ 2019 ވަނަ އަހަރު އޮތް ނިއުޔޯރކް ކޮންވެންޝަންގައި ބައިވެރިވެފައެވެ. މީގެއިތުރުން ފާއިތުވި ދެއަހަރު ދުވަހުގެ ތެރޭގައި މިކަމަށް ގިނަ ބަޔަކު ތަމްރީނު ކުރުމުގެ މަސައްކަތް ކޮށްފައިވާނެ ކަމަށް އެމްއައިއޭސީގެ ޗެއަރމަން މުޙައްމަދު ޝަހްދީ އަންވަރު ވިދާޅުވިއެވެ.
ވޭތުވެދިޔަ ދެއަހަރުގެ ތެރޭގައި ތަފާތު އެކި މަރުހަލާތަކުގެ ޓްރެއިނިންތައް އަދި އާރބިޓްރޭޝަންގެ އެންމެ މުހިންމު ކަމެއް ކަމުގައިވާ އެވޯޑް ރައިޓިންގ ޓްރެއިނިންއަށް ގާތްގަނޑަކަށް 20 ބޭފުޅަކު ތަމްރީނު ކުރެވިފައިވޭ. އޭގެ ތެރޭގައި ދާއިރާގެ ޚާއްސަ ބޭފުޅުންނާއި ގާނޫނީ ވަކީލުންނާއި، ފަނޑިޔާރުންނާއި، ޖުޑީޝަރީ މުއައްޒަފުން ހިމެނޭ.އެމްއައިއޭސީގެ ޗެއަރމަން މުޙައްމަދު ޝަހްދީ އަންވަރު
ކޮމަރޝަލް ލޯ ޑިވެލޮޕްމަންޓް ޕްރޮގްރާމް އޮފް ޔޫއެސް ޑިޕާރޓްމަންޓް އޮފް ކޮމަރސްގެ ސީނިއަރ ކައުންސިލް, ޒެމަރަކް ޚާން ވިދާޅުވީ, ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ގުޅިގެން މުސްތަގުބަލުގައި އާރބިޓްރޭޝަންގެ ދާއިރާއަށް ކުދިން ނެރުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. އަދި މިކަމާ ގުޅިގެން ރާއްޖޭގައި އިތުރަށް މިމަސައްކަތް ފުޅާކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
މިސެންޓަރާ ގުޅޭގޮތުން އުއްތަމަ ފަނޑިޔާރު މުޢުތަޞިމް ވިދާޅުވީ, މިއީ މިވަގުތު ރާއްޖެއަށް ވަރަށް މުހިންމު ސެންޓަރެއް ކަމަށެވެ. އެއީ ދިވެހިރާއްޖޭގެ ވިޔަފާރިތައް މިހާރު ތަރައްގީ ވަމުންދާގޮތަށް ބަލާއިރު އާރބިޓްރޭޝަން ސެންޓަރެއްގެ ބޭނުން އިހުނަށްވުރެ ބޮޑުވެފައިވާތީއެވެ.