ކ. މާލެ
|
8 ނޮވެންބަރ 2021 | ހޯމަ 04:14
މިލާނާއި އިންޓަ ބައްދަލުކުރި މެޗުގެ ތެރެއިން
މިލާނާއި އިންޓަ ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު
މިލާނާއި އިންޓަގެ ކުރިމަތިލުން އެއްވަރު
 
މިލާނާއި އިންޓަ އެއްވަރުވީ 1-1 ގެ ނަތީޖާއަކުން
 
ތާވަލުގެ ދެވަނައިގައި މިލާން އޮތީ 32 ޕޮއިންޓާއެކު

އިޓާލިއަން ލީގުގައި އާދީއްތަ ދުވަހުގެރޭ އޭސީ މިލާނާއި އިންޓަ މިލާން ބައްދަލުކުރި ޑާބީ މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

އިޓަލީގެ މަޝްހޫރު ސަން ސީރޯ ސްޓޭޑިއަމުގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ވަރަށް ކުރީކޮޅު އިންޓައިން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން 11 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މީގެ ކުރިން މިލާނަށްވެސް ކުޅުނު ހަކަން ޗަޅަނޯލޫއެވެ. މިއީ އޭރިއާ ތެރެއިން ޗަޅަނޯލޫއަށް މިލާނުގެ ފްރޭންކް ކެސިއޭ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

އެކަމަކު އިންޓައަށް މި މެޗުގައި ލީޑު ހިފަހައްޓާލެވުނީ އެންމެ ހަ މިނެޓަށެވެ. އެގޮތުން މެޗުގެ 17 ވަނަ މިނެޓުގައި މިލާނުން ނަތީޖާ އެއްވަރުކުރިއިރު، މި ލަނޑަކީ އިންޓަގެ ސްޓެފަން ޑި ވްރެއި އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

އޭގެ ފަހުން މި މެޗުގެ 27 ވަނަ މިނެޓުގައި އަލުން ލީޑު ނަގަން އިންޓައަށް އިތުރު ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެ ޓީމުގެ ލަޓާރޯ މާޓިނޭޒް ފޮނުވާލި ޕެނަލްޓީ މިލާނުގެ ގޯލްކީޕަރު ކިޕްރިއަން ޓަޓަރުޝާނޫ ވަނީ މަތަކޮށްފައެވެ. މި ޕެނަލްޓީއަކީ އޭރިއާ ތެރެއިން އިންޓަގެ މަޓެއޯ ޑާމިއަންއަށް މިލާނުގެ ފޮޑޭ ބަލޯ-ޓޯރޭ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

އޭގެ ފަހުން ފުރަތަމަ ހާފުގައި އޭރިއާ ތެރެއިން އިންޓަގެ ނިކޯލޯ ބަރެއްލާ ފޮނުވާލި ހަމަލާއެއް ގޯލުގެ ރޮނގުމަަތިން ސަލާމަތްކުރީ މިލާނުގެ ޑިފެންޑަރު ބަލޯ-ޓޯރޭއެވެ. އަދި ހަމަ މި ހާފުގައި އޭރިއާ ތެރެއިން އިންޓަގެ މާޓިނޭޒް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ނާޕޮލީ އާއި ދެވަނައިގައި އޮތް މިލާނަށް ވަނީ ކުޅުނު 12 މެޗުން 32 ޕޮއިންޓް ލިބިފައެވެ. އަދި ތިންވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން އިންޓައަށް 12 މެޗުން ލިބިފައިވަނީ 25 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް